ދ. މީދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ބަނދަރު ފުން ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މީދޫ ބަނދަރު ހެދުމުގެ މަސައްކަތް ކުރުމަށް ޕްލޭނިންގ މިނިސްޓްރީން ޙަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއެވެ. އެކުފުންޏާއެކު އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަަރުގެ ޖެނުއަރީމަހުގެ 21 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު އެ ރަށަށް ގެންގޮސް ސައިޓް މޮބިލައިޒްކޮފައިވަނީ މިދިޔަ އޭޕްރީލްމަހުގެ ތެރޭގައެވެ.
މި މަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރުމާއި، 373 މީޓަރުގެ ބޭރުތޮށިލުމާއި، 35 މީޓަރުގެ ރިވެޓްމަންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި 294 މީޓަރުގެ އެއްގަމުތޮށި ލުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއްވެސް ހެދުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން 1470 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރުބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެމް.ޓީ.ސީ.ސީއާއި މީދޫ ބަނދަރު ހެދުމަށް ޙަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުޞޫލުންނެވެ.
މީދޫ ބަނދަރު ހެދުމުގެ މަޝްރޫއަށް 36.82 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ. މި މަސައްކަތް އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ 408 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. 10.8 ހެކްޓަރުގެ މީދޫއަކީ އާބާދީގައި ގާތްގަނޑަކަށް 1400 އެއްހާ މީހުން ދިރިއުޅެމުންދާ ރަށެކެވެ. ރަށުގެ ރައްޔިތުން އާމްދަނީ ހޯދުމުގެ ގޮތުން އާންމު ގޮތެއްގައި ކޮށްއުޅެނީ ތަފާތު ބާވަތްތަކުގެ މަސްވެރިކަމެވެ. ބޮޑުކަންނެލީގެ މަސްވެރިކަމުގައި މީދޫއަކީ ފާހަގަކޮށްލެވޭ ރަށެކެވެ. ރަށުގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ހެދުމާއެކު މަސްވެރިންނަށާއި، ލަފާފުރާ ފަރާތްތަކަށްވެސް އިތުރު ލައިފަސޭހަކަމެއް ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
މީދޫ އިތުރުން، ށ. ފޭދޫއާއި، ނ. ލަންދޫ އަދި ބ. ފުޅަދޫ ބަނދަރުގެ މަޝްރޫޢުގެ މަސައްކަތްވެސް އެމް.ޓީ.ސީ.ސީން އަންނަނީ ބާރު ދުވެލީގައި ކުރަމުންނެވެ. އެގޮތުން ފޭދޫ ބަނދަރުގައި މިހާރު ކުރިއަށް ދަނީ އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތެވެ. އަދި މުޅި މަޝްރޫޢުގެ %28 މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ.
މި މަޝްރޫޢުގެ ދަށުން، 27,500 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 378 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 90 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. އަދި 276 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1,380 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމެންޓް ހެދުމާއި، މަގުބައްތި ހަރުކުރުމާއި ނެރުބައްތި ހަރުކުރުންވެސް ހިމެނެއެވެ. މިއީ 33.1 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
ނ. ލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުންވެސް މިވަގުތު ކުރިއަށްދަނީ ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތެވެ. މި މަސައްކަތުގެ %96 ނިމިފައިވާއިރު، މުޅި މަޝްރޫޢުގެ %53 މަސައްކަތް ނިމިފައިވާކަމަށް އެމް.ޓީ.ސީ.ސީން ވަނީ ހާމަކުރައްވާފައެވެ.
މި މަޝްރޫޢުގެ ދަށުން، 25000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 256 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 401 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 60 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. އަދި މަގު ބައްތި ހަރުކުރުމާއި، ނެރު ބައްތި ހަރުކުރުމާއި، 1,280 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުންވެސް ހިމެނެއެވެ. ލަންދޫ ބަނދަރަކީ 35.60 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަދާ ބަނދަރެކެވެ.
ބ. ފުޅަދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތަށް ބަލާލާއިރު މިހާރު ކުރިއަށްދަނީ ބަނދަރު ބޭރުތޮށިލުމުގެ މަސައްކަތެވެ. އެގޮތުން ބޭރުތޮށިލުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. މި މަޝްރޫޢުގެ 86 މަސައްކަތް ނިމިފައިވާކަމަށް އެމް.ޓީ.ސީ.ސީން މަޢުލޫމާތުދެއްވައެވެ.
މި މަޝްރޫޢުގެ ދަށުން، 51,861.5 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 223 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 108 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 283 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. އަދި ނެރު ބައްތި އާއި މަގު ބައްތި ހަރުކުރުމާއި، 558 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ. މި މަޝްރޫޢަށް ދަޢުލަތުގެ ބަޖެޓުން 49.4 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.