ވިޔަފާރި

ޓޫރިޒަމް މާސްޓަރ ޕްލޭން ކުރިއަށްއޮތް 4 މަސްތެރޭ ނިންމާލެވޭނެ: މިނިސްޓްރީ


5 ވަނަ ޓޫރިޒަމް މާސްޓަރ ޕްލޭން ކުރިއަށްއޮތް 4 މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މި މާސްޓަރ ޕްލޭންގެ ތެރެއިން ކުރިއަށްއޮތް 5 އަހަރު ދުވަހުގެ ތެރޭގައި ފަތުރުވެރިކަމުން ހާސިލްކުރަން ބޭނުންވާ ކަންކަމަށް އަލިއަޅުވާލެވިގެން ދާނެކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ޓޫރިޒަމް މިނިސްޓްރީގެ ޕްލޭނިންގ ސެކްޝަންގެ ޑިރެކްޓަރ އަލީ ޝިނާން ވިދާޅުވީ، މާސްޓަރ ޕްލޭން އެކުލަވާލުމަށް މިހާރު ވަނީ އޭޑީބީގެ ފަރާތުން ބަޖެޓްވެސް ލިބިފައިކަމަށެވެ. މާސްޓަރ ޕްލޭންއަށް ބޭނުންވާ ކޮންސަލްޓަންޓުން ހޮވުމަށް ޓާމްސް އޮފް ރެފަރަންސްއާއި އެނައުސްމަންޓް ހެދުމަށްފަހު މިނިސްޓްރީން މިހާރު އޭޑީބީއަށް ހިއްސާކޮށްފައިވާކަމަށެވެ.

ކޮންސަލްޓެންޓުން ނެގުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރިއަށްދާނެކަމަށާއި، މި މަސައްކަތް ކުރިއަށްދާނީ އޭޑީބީގެ ފަރާތުންކަމަށް ޝިނާން ވިދާޅުވިއެވެ. މާސްޓަރ ޕްލޭން ހެދުމުގެ މަސައްކަތަށް ޖުމްލަ 10 ކޮންސަލްޓަންޓުން ނެގުމަށް ވަނީ ހަމަޖެހިފައެވެ. އެއީ 9 ކޮންސަލްޓަންޓުންނާއި 1 ލީޑް ކޮންސަލްޓަންޓެކެވެ. ޝިނާން ވިދާޅުވީ، ލީޑް ކޮންސަލްޓަންޓުގެ ގޮތުގައި ނަގަނީ ބޭރުގެ ފަރާތެއްކަމަށެވެ. ނަމަވެސް ބާކީތިބި 9 ކޮންސަލްޓަންޓްގެ މަޤާމަށް ނަގަނީ ދިވެހިންކަމަށް އޭނާ ބުންޏެވެ.

ކޮންސަލްޓަންޓުން ނެގުމުގެ މަސައްކަތް ކުރިއަށްއޮތް މަހެއްގެ ތެރޭގައި ނިންމާލައި، ކޮންސަލްޓަންޓުން ނެގުމަށްފަހު 3 މަސްތެރޭ މާސްޓަރ ޕްލޭންގެ މަސައްކަތް ނިންމާލެވޭނެކަމަށް ޝިނާން ވިދާޅުވިއެވެ.

ކޮންސަލްޓަންޓުން ނެގުމަށް ހަމަޖެހިފައިވާ ދާއިރާތަކަކީ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް އިކޮނޮމިކް ޕްލޭނިންގ، ސޯސަލް ކަލްޗަރަލް، މާކެޓިންގ އެންޑް ޕްރޮޑަކްޓް ޑިވެލޮޕްމަންޓް، ޕޮލިސީ، ހިއުމަން ރިސޯސް، އެންވަޔަރަމަންޓް، ލީގަލް، މެރިން، އަދި ސެކިއުރިޓީ ދާއިރާއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، މިފަހަރުގެ މާސްޓަރ ޕްލޭންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ކޮވިޑް19 އިން އަރައިގަތުމަށްކަމަށެވެ.