ޚަބަރު

ކ.ގިރިފުށީގައި ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް އެމްޓީސީސީއަށް


ކ.ގިރިފުށީގައި ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ހެޑްކުއަރޓާގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ. އެމްއެންޑީއެފް އިން ސޮއިކުރެއްވީ ސަރވިސް ކޯ ގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް ހާމިދު ޝަފީޤުއެވެ.

މި އެއްބަސްވުމުގައިވާ ގޮތުން، ކުރިއަށްއޮތް 28 ދުވަހުގެ ތެރޭގައި، މި ޕްރޮޖެކްޓްގެ އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހެދުމަށް ފަހު، ރިޕޯޓެއް އެކުލަވާލަން ޖެހެއެވެ. އަދި، ރިޕޯޓް ލިބޭތާ 14 ދުވަހުގެ ތެރޭގައި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފެށުމަށްވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއުގެ ދަށުން އެ ރަށުގައި 314 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ކުރުމަށްވަނީ ހަމަޖެހިފައެވެ. 145 ދުވަސްތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަސައްކަތަށް ޖުމުލަ 18.35 މިލިޔަން ރުފިޔާ ޚަރަދުވެއެވެ.

ގިރިފުށީގައި ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ދެ ފަރާތުން ސޮއިކޮށްފައި މިވަނީ، ކުރިން ހެދި ކަނޑުތޮށި ހަލާކުވެ، އެކިފަހަރުމަތިން މަރާމާތުކުރެވުނު ނަމަވެސް އެކަމަށް ދާއިމީ ޙައްލެއް ނުލިބި ވަނިކޮށެވެ. އަދި، ފަހުން ގިރިފުށީގައި އެކަށީގެންވާ ކަނޑުތޮއްޓެއް ލެވިފައި ނުވާތީ، ބަނދަރު ތެރޭ ރާޅު ގަދަވެ އުޅަނދުފަހަރަށް ގެއްލުން ލިބުމާއި، ސިފައިންގެ ތަމްރީނުތަކުގައި ބައެއް ޕްރޮގްރާމްތައް ހިންގުމަށް ގިނަ ދަތިތަކެއް ދިމާވަމުން އަންނަކަން އެމްއެންޑީއެފުން ފާހަގަކުރެއެވެ.


ޕްރޮޖެކްޓްގެ އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތަށްފަހު، މި ޕްރޮޖެކްޓާ ގުޅޭގޮތުން، އެމްއެންޑީއެފްގެ ލީޑަރޝިޕާއި އެމްޓީސީސީގެ މެނޭޖްމަންޓާއެކު ބޭއްވެވި ބައްދަލުވުމުގައި، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވަނީ އެމްޓީސީސީން އެމްއެންޑީއެފްއަށް އަބަދުވެސް ދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ. އަދި ޕްރޮޖެކްޓްގެ ފައިސާ ދެއަހަރަށް ބަހާލައިގެން ދައްކާގޮތަށް އެއްބަސްވެފައިވާތީ އެމްޓީސީސީއަށް އެކަމަނާ ޝުކުރުއަދާކުރެއްވިއެވެ.

ގިރިފުށީ ބަނދަރުގެ އެއްގަމު ތޮށި ފުރަތަމަ ޝީޓްޕައިލް ކުރެވިފައިވަނީ 1998 ވަނަ އަހަރުގައެވެ. އަދި ކޮންކްރީޓް ބީމްގެ މަސައްކަތް ކުރެވިފައިވަނީ 2002 ވަނަ އަހަރުގައެވެ.