ރިޕޯޓް

އިހަވަންދޫ ރައްޔިތުން ތިބީ ބަނދަރު ނިމޭނެ ދުވަހެއްގެ އިންތިޒާރުގައި


އިހަވަންދޫއަކީ ހއ.އަތޮޅުގެ ރަށްރަށުގެ ތެރެއިން ދެވަނައަށް އެންމެ ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނަ އެއްރަށެވެ. އުތުރުން މަސްވެރިކަމުގައި އެންމެ ފާހަގަ ކޮށްލެވޭ އެއްރަށަކީވެސް ހއ އިހަވަންދޫއެވެ. ނަމަވެސް އިހަވަންދޫ މަލަމަތިން ފެނިގެންދަނީ ބޮޑެތި ދޯނިފަހަރާއި ބޯޓު ފަހަރުތަކުން ބަނދަރު ފުރި ބާރުވެފައިވާ މަންޒަރެވެ. އެރަށަކީ މަސްވެރި ރަށަކަށްވެފައި ރަށުގެ ރައްޔިތުންގެ އިތުރުން، އުތުރުގެ މަސްވެރިން އައިސް އެޅުމަށްޓަކައިވެސް އެރަށުގެ ބަނދަރު ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ބޭނުން ކުރަމުންދެއެވެ.

އިހަވަންދޫގެ ރައްޔިތުންނަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ދައްޗަކީ ބަނދަރުގެ މައްސަލައެވެ. އިހަވަންދޫގައި މިވަގުތު ބޭނުންކުރަމުންދާ ބަނދަރަކީ ނިސްބަތުން ބޮޑު ބަނދަރެއް ނަމަވެސް އެރަށުގަ ދުއްވާ ކަނޑު އުޅަނދުފަހަރު ގިނަކަމުން ބަނދަރު އޮންނަނީ ތޮއްޖެހިފައެވެ. ގިނަފަހަރަށް ތޮށި މައްޗަށް ފައިބަން ޖެހެނީ އެއްދޯނިން އަނެއް ދޯންޏަށް އަރައިގެންނެވެ. އިހަވަންދޫގެ ރައްޔިތުންނަށް ދިމާވެފައިވާ މިމައްސަލައަށް ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން މިހާރުވަނީ އެރަށުގެ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ފަށާފައެވެ. މިމަސައްކަތް ނިމުމުން އެރަށުގެ ރައްޔިތުންނަށް ޚާއްސަކޮށް މަސްވެރިނަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް އެރަށުގެ މަސްވެރިން ބުނެއެވެ.

" މަސްވެރިންނަށް ވަރަށް ބޮޑެތި ލުއިތަކެއް ލިބޭނެ ބަނދަރު ބޮޑުކުރަންވާ ގޮތަށް ބޮޑުކުރެވިއްޖެއްޔާ އެއީ މިހާރުވެސް ޖާގައިގެ ދަތިކަން އިންތިހާޔަށް ކުރިމަތިވެފަ އޮތީ، އަސްލުބޮޑުކުރަން ޖެހޭ ގޮތަށް މިބަނދަރު ބޮޑުކުރެވިއްޖެނަމަ މިބަނދަރު ވެގެންދާނީ ވަރަށް ހިތްގައިމު ބަނދަރަކަށް" އިހަވަންދޫ މަސްވެރިން ބުންޏެވެ

އިހަވަންދޫގެ ބަނދަރުގެ މަޝްރޫއާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރަށު ކައުންސިލްގެ ރައީސް މުޙައްމަދު ޞަބާހު ވިދާޅުވީ އިހަވަންދޫގެ ބަނދަރަކީ އުތުރުން އެންމެ ކާރުބާރު ބޮޑު އެއްބަނދަރުކަމަށާއި އަދި އިހަވަންދޫއަކީ މަސްވެރި ރަށަކަށްވެފައި ބަނދަރު ތޮއްޖެހި ފުރިބާރުވެފައި އޮތުމުގެ ސަބަބުން މަސްވެރިންނަށް އައިސްއެޅުމަށްވެސް ބޮޑެތި ދަތިތައް ކުރިމަތިވާ ކަމަށް ޞަބާހު ވިދާޅުވިއެވެ.

ޞަބާހު ވިދާޅުވީ އިހަވަންދޫގެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއަކީ އެރަށުގެ ރައްޔިތުނަށް ނުހަނު ބޭނުންތެރި މަޝްރޫއެއްކަމަށާއި ބަނދަރު ނުނިމި ގިނަދުވަސްތަކެއް ވެގެން ދިޔުމަކީ އެރަށުގެ އޮޑިދޯނިފަހަރު ގެންގުޅޭ ފަރާތްތަކަށް ވަރަށް ބޮޑެތި އުދަނގޫތަކާ ކުރިމަތިލާން ޖެހިފައިވާކަމެއް ކަމަށެވެ.

އިހަވަންދޫއަކީ ގިނައަދަދެއްގެ އޮޑިދޯނިފަހަރު ދުއްވާ ރަށަކަށްވެފައި ބަނދަރުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވަމުން އަންނަކަމަށް ކައުންސިލްގެ ރައީސް ވަނީ ވިދާޅުވެފައެވެ.

ޞަބާހު ވިދާޅުވީ އިހަވަންދޫގަ މިހާރު ކުރިޔަށްދާ ބަނދަރުގެ މަޝްރޫ ނިމޭއިރު އެ ބަނދަރަކީ ފުރިހަމަ ބަނދަރަކަށް ވެގެން ދާނެކަމަށެވެ. އަދި ބަނދަރު ވަރަށް ބޮޑަށް ފުޅާވެ ދަތުރުފަތުރުކުރާ ފަރާތްތަކަށާއި އަދި މަސްވެރިންނަށްވެސް ބަނދަރުގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިގެން ދާނެކަމަށް ޞަބާހު ވިދާޅުވިއެވެ.

ބަނދަރު ނިމިގެން ދާއިރު ކައުންސިލުންގެ ވިސްނުމަކީ ބަނދަރުން ލިބިގެންދާ އެހެން ޙިދުމަށްތައްވެސް އިތުރުކުރުންކަމަށެވެ.

" ބަނދަރު ނިމިގެން ދާއިރު ބަނދަރަކީ ފުރިހަމަ ބަނދަރަކަށް ވެގެން ދާނެ ބަނދަރު ވަރަށް ބޮޑަށް ފުޅާވެ ދަތުރުފަތުރުކުރާ އަދި މަސްވެރިންނަށްވެސް ބަނދަރުގެ ބޭނުން ވަރަށް ފުރިހަމަ ގޮތުގަ ލިބޭނެކަމަށް އަލުގަނޑުމެން މި އުއްމީދު ކުރަނި ބަނދަރު ނިމިގެން ދާއިރު ކައުންސިލްގެ ވިސްނުމަކީ ބަނދަރުން ލިބިގެންދާ އެހެން ޙިދުމަށްތައްވެސް އިތުރުކުރުން އެގޮތުން ކަރަންޓާ ފެންލިބޭނެ ފަސޭހަ އިންތިޒާމެއް ބަނދަރު މަތީ ހެދިގެން ދާނެ " ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އިހަވަންދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ބަނދަރުގެ މައްސަލައަށް ޙައްލެއް ހޯދައިދިނުމަށްއެރަށުގެ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ކުރަމުންދާއިރު މިމަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 98 އިންސައްތަ ނިމިފައިވާ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އެކުންފުނިން ހާމަކުރިގޮތުގައި މިއަހަރު ނިމެން ވާއިރަށް އިހަވަންދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ނިންމާލެވޭނެއެވެ.

އިހަވަންދޫގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ދަށުން 30,509 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 284 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 178 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި މަގުބައްތިއާއި ނެރު ބައްތި ހަރުކުރުމުގެ އިތުރުން 4،582 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމަށްވަނީ ހަމަޖެހިފައެވެ. މި މަޝްރޫއަކީ 48.5 މިލިއަން ރުފިޔާއަށް، ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.