ދުނިޔެ

ޙައްޖުވެރިންނަށް ޒަމްޒަމް ފެން ބެހުމަށް ސްމާޓް ރޮބޮޓެއް


ޙައްޖުވެރިންނަށް ޒަމްޒަމް ފެން ބެހުމަށް ޚާއްސަ ސްމާޓް ރޮބޮޓެއް ސަޢުދީން ޢަރަބިއްޔާއިން ތަޢާރަފުކޮށްފިއެވެ.

ސައުދީން މި ރޮބޮޓް ތަޢާރަފުކޮށްފައި މިވަނީ މިއަހަރުގެ ޙައްޖު މޫސުމާއި ދިމާކޮށް، މުސްލިމުންގެ އެންމެ މާތް ދެ މިސްކިތްކަމަށްވާ މަސްޖިދުލް ޙަރާމާއި، މަސްޖިދުލް ނަބަވީއަށް ޒިޔާރަތްކުރާ ޙައްޖުވެރިންނަށް ރައްކާތެރިކަމާއެކު ފަސޭހައިން ޒަމްޒަމް ފެން ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުންނެވެ.

މި ދެ މިސްކިތުގެ ކަންކަން ބެލެހެއްޓުމާއި ހަވާލުވެފައިވާ އިދާރާގެ އިސްވެރިޔާ ޝައިޚު ޢަބްދުލް ރަޙުމާން އަލްސުދައިސް ވިދާޅުވީ، މިއީ ކޯވިޑް-19 ފެތުރުމުގެ ފުރުޞަތު ކުޑަކުރުމުގެގޮތުން ކުރާ މަސައްކަތުގެ ދަށުން ތަޢާރަފުކުރި ރޮބޮޓެއްކަމަށެވެ.

ކޯވިޑް ބަލިމަޑުކަމުން އަރައިގަތުމަށް ކުރާ މަސައްކަތުގައި އީޖާދީ ވަޞީލަތްތަކުގެ ބޭނުން ހިފުން މުހިއްމުކަން ފާހަގަކުރައްވާ، މި ސްމާޓް ރޮބޮޓް މެދުވެރިކޮށް އެއްވެސް ހިއުމަން ކޮންޓެކްޓެއްނެތި ޙައްޖުވެރިންނަށް ޒަމްޒަމް ފެންފުޅި ބަހަމުންދާނެކަމަށް ޝައިޚު އަލްސުދައިސް ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން މަސްދިލުލް ޙަރަމާއި، މަސްޖިދުލް ނަބަވީގައި ޒަމްޒަމް ފެން ހޯދުމަށް ޙައްޖުވެރިންނަށް ބޮޑެތި ކިއުތައް ހަދަންނުޖެހި، ފަސޭއިން ފެން ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މައްކާގައި މަސްޖިދުލް ޙަރަމާއި، މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީން ޒަމްޒަމް ފެން ލިބޭނެ އިސްކުރު ބަރިތައް މިސްކިތުގައި ގިނަ އަދަދަކަށް ހުރެއެވެ. އަދި ޙައްޖާއި އުމްރާއަށް ދާ މީހުންނަށް ފެން ބުއިމަށް މި އިސްކުރު ބަރިތައް ކައިރީ ބަހައްޓާފައި ހުންނަނީ ޕްލާސްޓިކް ތައްޓެވެ. ނަމަވެސް ކޯވިޑް ބަލިމަޑުކަމާއި ގުޅިގެން މިދިޔަ އަހަރުގެ ޙައްޖު މޫސުމުގައި މި އިސްކުރު ބަރިތައް ބަންދުކުރިއެވެ. އަދި ޙާޖީންނަށް ޒަމްޒަމް ފެން ފޯރުކޮށްދީފައިވަނީ ފުޅީގައެވެ.

ޙައްޖުވެރިންނަށް ޒަމްޒަމް ފެން ބެހުމަށް ޚާއްސަ ރޮބޮޓެއް ތަޢާރަފުކޮށްފައިވާއިރު، މާތްވެގެންވާ ކައުބަތުﷲ ގެފުޅު ސާފުކޮށް ސްޓެރެލައިޒްކުރުމަށް 10 ސްމާޓް ރޮބޮޓް ސައުދީން ވަނީ ތަޢާރަފުކޮށްފައެވެ.

ބެޓަރިން ޗާޖުކުރާ މި ރޮބޮޓްތަކަކީ އެއްވެސް އިންސާނެއްގެ އެހީއާ ނުލާ 5 ގަޑިއިރާއި 8 ގަޑިއިރާއި ދެމެދު މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވާ ރޮބޮޓްތަކެކެވެ. ކޯވިޑާއި ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މައްކާގެ ޙަރަމްފުޅު 7 މަސްދުވަހަށް ބަންދުކުރުމަށްފަހު އާއްމުންނަށް ހުޅުވާލީ މިިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އަދި އުމްރާއަށް މީހުން އެތެރެވުމަށް ހުއްދަދީފައިވަނީ މަދު ބަޔަކަށެވެ.

އަހަރަކު 2 މިލިއަނަށްވުރެ ގިނަ މުސްލިމުން ބައިވެރިވާ ޙައްޖުގެ އަޅުކަމުގައި މިދިޔަ އަހަރު ބޭރު ޤައުމުތަކުން ދަތުރުކުރާ މީހުންނަށް ބައިވެރިވުމުގެ ފުރުޞަތު ސަޢުދީ ޢަރަބިއްޔާއިން ދީފައެއް ނުވެއެވެ. މިދިޔަ އަހަރު ޙައްޖުވުމުގެ ފުރުޞަތު ދީފައިވަނީ ސަޢުދީ ޢަރަބިއްޔާގައި ދިރިއުޅޭ 1000 މީހުންނަށެވެ. މި އަހަރުވެސް ޙައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ސަޢުދީ ޢަރަބިއްޔާގައި ދިރިއުޅޭ މީހުންނަށް އެކަނިކަމަށް އެ ޤައުމުގެ ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.

މި ފަހަރުގެ ޙައްޖުގައި ފުރުސަތު ދިނުމަށް ސައުދީ ސަރުކާރުން ނިންމާފައިވަނީ 60000 މީހުންނަށެވެ.

މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ އުމުރު ފުރައިގެ މީހުންނަށެވެ. އަދި ޙައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ އެއްވެސް ބައްޔަކަށް ބޭސްނުކުރާ އަދި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް އެކަންޏެވެ. މީގެއިތުރުން ކޯވިޑް ޖެހިފައިވާ މީހުންގެ ތެރެެއިން ވެކްސިން ފުރިހަމަ ކުރި މީހުންނަށްވެސް ޙައްޖުގެ އަޅުކަމުގައި ބައިވެެރިވެވޭނެއެވެ. މި އަހަރުގެ ޙައްޖު ދުވަސް ދިމާވަނީ ޖުލައިމަހުގެ 19 ވާ ހޯމަ ދުވަހެވެ.