ޚަބަރު

މަނާ ވަގުތުގައި ބޭރުގައި އުޅުނު މީހުންގެ އަދަދު 80،000 އަށްވުރެ ގިނަ


ކޯވިޑް-19އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ ޚިލާފުވެގެން މިހާތަނަށް 80،000 އަށްވުރެ ގިނަ މީހުން ޖޫރިމަނާކޮށްފިއެވެ. ކޯވިޑުން ރައްކާތެރިވުމަށް މާލެ ސަރަޙައްދުގައި ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.

އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކޯވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ ޚިލާފަށް ފާއިތުވި 24 ގަޑިއިރުތެރޭގައި 1000އަށްވުރެ ގިނަ މީހުން ޖޫރިމަނާ ކޮށްފައިވާކަމަށެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭގައި މާސްކު ނާޅައިގެން 267 މީހަކުވަނީ ޖޫރިމަނާ ކޮށްފައެވެ. އަދި ކާފިއުގެ ވަގުތުތަކުގައި ހުއްދަ ނެތި ބޭރުގައި އުޅުނު 603 މީހަކާއި މަނާ ވަގުތުތަކުގައި ވެހިކަލް ދުއްވި 147 މީހަކު ޖޫރިމަނާ ކޮށްފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ގިނަ ބަޔަކު ޖޫރިމަނާ ކުރުމަކީ ހިތާމަހުރިކަމެއް ނަމަވެސް މިކަންތައް ހުއްޓުވޭނީވެސް އަޅާފައިވާ ފިޔަވަޅުތަކަށް ކިޔަމަންވެ އެންމެން ގުޅިގެންކަމަށެވެ.

ކޯވިޑް ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން އެކުލަވާލާފައިވާ އުޞޫލްތަކާ އެއްގޮތަށް ފިހާރަ، ކެފޭ ރެސްޓޯރެންޓް ފަދަ ތަންތަން ހިންގާތޯ ބެލުމަށް ކުރިއަށް ގެންދާ އިންސްޕެކްޝަންގައި ޖުމްލަ 21 ތަނެއް އިންސްޕެކްޓް ކޮށްފައިވާ ކަމަށާއި އެތަންތަން ހިންގަމުން އަންނަނީ ގަވާއިދާއި އެއްގޮތަށް ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ކޯވިޑުން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މަގުމަތީގައި އުޅޭއިރު މާސްކް އެޅުމަކީ މަޖުބޫރު ކަމެކެވެ. މި ބަލީގެ ނުރައްކާ ބޮޑުވުމާ ގުޅިގެން ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން މާލޭ ސަރަހައްދުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް މިދިޔަ މެއި މަހުގެ ތެރޭގައިވަނީ ވަރުގަދަކޮށްފައެވެ އަދި މާސްކް ނާޅައި އުޅުމާއި ކާފިއުގެ ވަގުތުތަކުގައި ބޭރުގައި އުޅޭނަމަ 1،000 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ.

މާލޭ ސަރަޙައްދުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާއިރު، މިކަންކަން ތަންފީޒުކުރުމަށްޓަކާ ފުލުހުންނާއި ސިފައިން އަންނަނީ މަގުތަކުގައި ހަރަކާތްތެރިވަމުންނެވެ.