ތިމާވެށި

މޫސުމީ ބަދަލުތަކާ ދެކޮޅަށް ނަތީޖާ ނެރެވޭނީ ޤައުމުތައް ގުޅިގެން ކުރާ މަސައްކަތުން: މިނިސްޓަރ ޝައުނާ


މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމުގައި އެކަށީގެންވާ ނަތީޖާއެއް ނެރެވޭނީ ދުނިޔޭގެ ޤައުމުތަކުން ގުޅިގެން ކުރާ މަސައްކަތްތަކުން ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝައުނާ މިހެން ވިދާޅުވީ، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ދިވެހިރާއްޖެއިން ކުރާ މަސައްކަތްތަކާގުޅޭ މަޢުލޫމާތު ހިއްސާކުރުމަށް ޑިޕްލޮމެޓިކް ވޯލްޑް މެގަޒިނުން އިންތިޒާމްކޮށްގެން ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ޑިޕްލޮމެޓިކް ވޯލްޑަކީ ސިޔާސީ، މާލީ، އާރޓް އަދި ކަލްޗަރަލް ޑިޕްލޮމެސީއާއި ގުޅުންހުރި ތަފާތު ވާހަކަތައް ގެނެސްދޭ ބައިނަލްއަޤްވާމީ ވިޔަފާރި މެގަޒިނެކެވެ. ވަރޗުއަލްކޮށް ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި އެންވަޔަރަންމަންޓް މިނިސްޓަރގެ އިތުރުން ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުސޫމާއި، އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓަރ ޝައުނާ ވިދާޅުވީ، ކޯވިޑް-19އަކީ ފަހުގެ ތާރީޚެއްގައި މުޅި ދުނިޔެއަށް ކުރިމަތިވި އެންމެ ނުރައްކާތެރި ބަލިމަޑުކަންކަމަށާއި، މިކަމުގެ ސަބަބުން އިންސާނުންގެ ދިރިއުޅުމަށް އެތައްގޮތަކުން އަސަރުކޮށްފައިވާކަމަށެވެ. އެހެންނަމަވެސް މި ބަލިމަޑުކަމުން އަރައިގަތުމަށް މުޅި ދުނިޔެ މަސައްކަތް ކުރަމުންމިދާ ދަނޑިވަޅުގައި، މޫސުމީ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތައްމަތިން ޤައުމުތަކުން އެއްވެސް ވަރަކަށް ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، ދުނިޔޭގެ ކްލައިމެޓް ސިސްޓަމް ނުވަތަ މޫސުމީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ހީވެސްނުކުރާހާ އަވަސްމިނުގައި އަންނަމުންދާކަމަށެވެ އަދި މިއީ ސައިންސްގެ އަލީގައި ހޯދިފައިވާ އަދި އެކަންކަމުގެ ހެކިތައް ދުނިޔޭގެ އެތަން މިތަނުން ފެންނަންހުރި ހަޤީޤަތެއްކަމަށާއި، މިކަމުގެ ނުރައްކާ އޮތީ ހަމައެކަނި ރާއްޖެފަދަ ޖަޒީރާ ޤައުމުތަކަށް އެކަނި ނޫންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކަކީ ހަމައެކަނި ރާއްޖެފަދަ ބިންތިރި ޤައުމުތަކަށް އޮތް ނުރައްކަލެއްނޫން. ކުދި ޖަޒީރާތަކުން ފެށިގެންގޮސް މުޅި ތިމާވެށީގެ އިތުރުން މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ފަތުރުވެރިކަން ފަދަ ދުނިޔޭގެ އިޤްތިޞާދީ މުހިއްމު ސިނާޢަތްތަކަށްވެސް މިކަމުގެ ގެއްލުންތަކާ މިވަނީ ކުރިމަތިލާން ޖެހިފައި" މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.


މި ބައްދަލުވުމުގައި މިނިސްޓަރ ޝަޢުނާ ވަނީ ރާއްޖޭގެ ތިމާވެއްޓަށް ލިބެމުންދާ އެކިކަހަލަ ގެއްލުންތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އަހަރަކު 90 އިންސައްތަ ރަށްތަކަށް އުދައެރުމާއި ފެންބޮޑުވުންފަދަ މައްސަލަތަކާއި ކުރިމަތިލާންޖެހޭކަމަށާއި، 97 އިންސައްތަ ރަށްތަކުގެ ގޮނޑުދޮށްތައް ގިރާލަމުންދާކަމަށެވެ. އަދި 64 އިންސައްތަ ރަށްތައް ވަރަށް ބޮޑަށް ގިރާލަމުންދާކަމަށާއި، ރާއްޖޭގައި އިމާރަތްކޮށްފައިވާ ގޯތި ގެދޮރުގެ 50 އިންސައްތައަކީ މޫދާއި ގާތްގަނޑަކަށް 100 މީޓަރެއްހާ ކައިރީގައި އިމާރާތްކުރެވިފައިވާ ތަންތަންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެހެންކަމުން މިކަމުގައި ހުރި ނުރައްކާ ރާއްޖެއަށް ކިތަންމެހާވެސް ބޮޑަކަށް އިޙްސާސްކުރެވޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ދެމެހެއްޓެނިވި ތަރައްޤީ ޙާޞިލުކުރެވެން އޮތީ މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކޮށްގެންކަން މިނިސްޓަރ ޝައުނާ ފާހަގަކުރެއްވިއެވެ.

"މޫސުމީ ބަދަލުތަކުގެ ސަބަބުން މި ލިބޭ ގެއްލުންތަކަށް އެޑްރެސްކުރުމަކީ ހަމައެކަނި ތިމާވެށީގެ މައްސަލައެއްގެގޮތުގައި ދެކެންޖެހޭކަމެއްނޫން. މިއީ ތަރައްޤީއާވެސް ގުޅިފައިވާ މައްސަލައެއް. އަދި މިއީ އިންސާނީ ހައްޤުތަކާވެސް ގުޅިފައިވާ ކަމެއް. ރާއްޖެއަށް މޫސުމީ ބަދަލުތަކުގެ ސަބަބުން މި ކުރާ އަސަރުތަކާމެދު ވިސްނާލާނަމަ، ދުނިޔެ ހޫނުވެ، ކަނޑުގެ ލޮނުގަނޑު އުފުލެމުންދާނަމަ، އަޅުގަނޑުމެންގެ ޖަރީޒާ ރަށްތައް ނެތިދިއުމުގެ ބިރު އެބައޮތް. އަޅުގަނޑުމެން މިދައްކަނީ ސާފު ބޯފެން ފޯރުކޮށްދިނުމުގެ ވާހަކަ، މިދައްކަނީ އެކި އެކި ވަޞީލަތްތަކާއި، ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމުގެ ވާހަކަ. މިއީ އަޅުގަނޑުމެންގެ ދިރިއުޅުމާއި، ދިރިހުރުމާއި ގުޅިފައިހުރި މުހިއްމު އަދި ބޮޑެތި މައްސަލަތަކެއް" މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

އެންވަޔަރަންމަންޓް މިނިސްޓަރ ޝައުނާ ވިދާޅުވީ، ކުރިއަށްއޮތް ކޮޕް-26 ކްލައިމެޓް ސަމިޓަކީ، ތިމާވެށީގެ މިފަދަ މުހިއްމު މައްސަލަތަކަށް ދުނިޔޭގެ ހުރިހާ ޤައުމުތައް އެއްތަންވެ، މަޝްވަރާކުރުމަށް ލިބިގެންދާ މުހިއްމު ފުރުޞަތެއްކަމަށެވެ. އަދި މޫސުމީ ބަދަލުތަކާއި ދެކޮޅަށް ކުރާ މަސައްކަތުގައި ދުނިޔެއަށް ދޫކުރާ ވިހަ މާއްދާތައް މަދުކުރުން ފަދަ ކަންކަމުގައި މިހާރަށްވުރެ ހަރުދަނާ ސިޔާސަތުކެއް އެކުލަވާލުމުގެ މުހިއްމުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ޝައުނާ ވިދާޅުވީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ރާއްޖެފަދަ ޤައުމުތަކަށް ބޮޑުވި ނަމަވެސް ދުނިޔޭގެ އެއްވެސް ޤައުމަކަށް މިކަމުން ސަލާމަތްވެވެންނެތްކަމަށެވެ. އަދި އެންމެ ޤައުމަކުން ކުރާ މަސައްކަތަކުން މިކަންކަމުން އަރައި ނުގަނެވޭނެކަމަށާއި، މިކަން ކުރެވޭނީ ދުނިޔޭގެ ހުރިހާ ޤައުމުތަކުން ގުޅިގެން ކުރެވޭ މަސައްކަތުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ދެމެހެއްޓެނިވި ތަރައްޤީއެއް ޙާޞިލުކޮށް، ތިމާވެއްޓާ ރައްޓެހި ދިރިއުޅުމެއް ބިނާކުރެވޭނީ އޭރުންކަމަށްވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.