ޚަބަރު

ބ.އަތޮޅަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ތުޅާދޫ ޔޫސުފް މޫސާ ނިޔާވެއްޖެ


ބ އަތޮޅަށާއި އެއަތޮޅު ތުޅާދޫއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި އެރަށު ޗާންދަނީގޭ ޔޫސުފް މޫސާ މިއަދު ނިޔާވެއްޖެއެވެ. ޔޫސުފް މޫސާ ނިޔާވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސް ކަންފުޅާ އުޅުއްވުމަށްފަހުއެވެ. ނިޔާވިއިރު އުމުރު ފުޅަކީ 80 އަހަރެވެ.

ޔޫސުފް މޫސާ އަދާ ކުރެއްވި މަޤާމްތަކުގެ ތެރޭގައި ތުޅާދޫ ކަތީބްކަމާއި، ބޮޑުކަތީބް ކަމާއި، ނުވަދިހައިގެ އަހަރުތަކާއި، ދެހާހުގެ އަހަރުތަކުގެ ކުރީ ކޮޅު އޭރު އަތޮޅުގެ އެންމެހާ ކަންކަން ބަލަހައްޓަވަމުން ގެންދެވި އަތޮޅު ކޮމެޓީގެ މެންބަރުކަމާއި، ފުރަތަމަ ޕާޓީ ނިޒާމް އުފަންވެ އިންތިޚާބު ކުރި އަތޮޅު ކައުންސިލްގެ މަޤާމް ހިމެނެއެވެ.

ޔޫސުފް މޫސާ ވަނީ އަތޮޅު ކޮމެޓީގެ މެންބަރުކަމުގައި ހޭދަކުރެއްވި ދިގު މުއްދަތުގައި، އަތޮޅުގެ ރަށްރަށުގެ އޮފީސްތަކުގެ ފައިސާގެ ކަންކަން މޮނިޓަރ ކުރުމާއި، އެރަށްރަށުން ގޯތި ދިނުމުގެ ކަންކަމުގަ އިސްކޮށްހަރަކާތްތެރިވެވަޑައިގެންފައެވެ. އަދި ސަރުކާރުން ބާއްވާ މައުރަޒްތަކުގައި އަތޮޅަށް ރަންވަނަ ހޯދައިދިނުމުގައި އިސްދައުރެއްވަނީ އަދާކުރައްވާފައެވެ.

އަލްމަރްޙޫމް ޔުސުފް މޫސާ އެންމެ ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވާފައިވަނީ އުފަން ރަށް ތުޅާދޫއަށެވެ. އެރަށު މީހުން ބުނާގޮތުންނަމަ އެއީ މިޒަމާނުގެ ތައުލީމީ އޮށް މުޑުވައްކުރައްވައި، އެއިން ހިތްގައިމު އެތައް ކުރިތަކެއް ފަޅުއްވައި އާރޯ ކުރެއްވުމަށް ޒަމާންތަކެއް ވަންދެން މުރާލި ކަމާއެކު ވަރަށް އަގުހުރި މަސައްކަތްތަކެއް ކުރެއްވި ޚިދުމަތްތެރިއެކެވެ. ބ.އަތޮޅުގައި ޔޫސުފް މޫސާގެ އަގުހުރި ޚިދުމަތްތައް އަބަދުވެސް ދެމިހުންނާނެއެވެ. އެގޮތުން ޔޫސުފް މޫސާ މޭސްތިރިކަމުގެ ދަށުން ސަރުކާރުން ބޭއްވި މައުރަޒް ތަކުން ބ.އަތޮޅުން 7 އަހަރު ހޯދި ރަންވަނަ ތަކަކީ މިކަމުގެ އަލިގަދަ ހެއްކެކެވެ.

ޔޫސުފް މޫސާ ނިޔާވުމާ ގުޅިގެން ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ޔޫސުފް މޫސާ ސިފަކުރައްވާފައިވަނީ، ހެޔޮލަފާ ތަނަވަސް ވިސްނުމާއެކު ޚިދުމަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. ރައީސް ނަޝީދު ކުރެއްވި މި ޓްވީޓްގައި ވިދާޅުވީ ގިނަ ޕާޓީ އެކުލެވޭ ދިވެހި ރާއްޖެއެއް އުފެއްދުމަށް ޔޫސުފް މޫސާއަކީ ބައިވެރިވެ ހެޔޮލަފާ ނަސޭހަތް ދެއްވި ދިވެހި ވެރިއެއް ކަމަށާއި، ޒަމާނީ ތަޙްޒީބަށް ރާއްޖޭގެ ރައްޔިތުންގެ ވިސްނުން ބަދަލުކޮށްދެއްވި ފިލޯސޮފަރެއްކަމަށެވެ.
ރާއްޖޭގައި ބޭއްވުނު ފުރަތަމަ ޕާޓީނިޒާމްގެ ވެރިކަން ކާމިޔާބުކުރެއްވި އެމްޑީޕީ އުފެއްދުމަށާއި، އެޕާޓީއަށް ގިނަ ގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ޔޫސުފް މޫސާ ނިޔާވުމާ ގުޅިގެން އެތައް ބަޔަކު އަންނަނީ އެހިތާމައިގައި ބައިވެރިވެ އެމަރްހޫމަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާކުރަމުންނެވެ.