ޚަބަރު

އޭދަފުށި މަގުހެދުން : 96 އިންސައްތަ މަސައްކަތް ނިމިއްޖެ


ބ.އޭދަފުށި މަގުހެދުމުގެ މަސްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އެންމެ ފަހުގެ މަސައްކަތްތައްކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ބ.އޭދަފުށި މަގުހެދުމުގެ މަސްރޫއުގެ ދަށުން 96 އިންސައްތަ މަސައްކަތް ނިމިފައިވަކާމަށެވެ.

ޒަމާނީ ފެންވަރަކަށް ބ.އޭދަފުށީ މަގުހެދުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. މަގުހެދުމުގެ އަމަލީ މަސައްކަތް އެކުންފުނިން ފަށާފައިވަނީ 22 އޭޕްރީލް 2019 ގައެވެ.

މި މަސައްކަތް ފެށިގެން މިއަދާ ހަމައަށްއައިރު ގިނަ ގޮންޖެހުންތަކަކާއެކު މަސައްކަތް މިވަނީ ނިމުކަމަކާ ގާތްވެފައެވެ. މަސައްކަތް ލަސްވުމަށް ދިމާވި މައިގަނޑު އެސަބަބަކީ ކޯވިޑް 19ގެ ބަލިމަޑުކަމެވެ. އެކަމުގެ ސަބަބުން މި މަސައްކަތަށް ކުޑަ ލަސްކަމެއް ދިމާވިނަމަވެސް މަސައްކަތް ގެންދެވުނު ސްޕީޑާމެދު ހިތްހަމަޖެހޭކަމަށް އެމްޓީސީން ވަނީ ވިދާޅުވެފައެވެ.

އެރަށު މަގުހެދުމުގެ 96 އިންސަތަ މަސައްކަތް ނިމިފައިވާއިރު، މިހާރު ކުރަމުން ދަނީ ފެންހިނދުމަށް ހަދާ ޕަންޕް ސްޓޭޝަން ހެދުމުގެ މަސައްކަތާއި މަގުތަކުގައި ހަދާފައި ހުރި ކާނުތައް އެއްވަރުކޮށް ކާނުތަކުގެ އެތެރެއަށް އެޅިފައި ހުރި ތާރާ ވެލި ސާފުކުރުމުގެ މަސައްކަތެވެ.

މިމަޝްރޫއުގެ ދަށުން މަގުތަކުގައި ތާރުއަޅާ މަގުބައްތި ހަރުކޮށް މަގުތަކުގައި ނިސާންތައް ކުރަހާ ހަރުކުރުމުގެ އިތުރުން ސްޕީޑް ބްރޭކަރތައް ވަނީ އަޅައި ނިމިފައެވެ.

މިމަޝްރޫއުގެ މަސައްކަތްތަކުގެ ތެރޭގައި އޭދަފުށީގައި 22942 ސްކުއެއަރ މީޓަރުގެ ސަރަހައްދެއް އެކުލެވޭ 19 މަގެއްގައި ވަނީ ތާރުއަޅާ ނިންމާލާފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޓީސީސީއާ މިމަސައްކަތް ހަވާލުކުރީ 34.4 މިލިއަން ރުފިޔާއަށެވެ.