ތިމާވެށި

މަހުގެ ސްޓޮކް ދެމެހެއްޓުމަށްޓަކައި މިހާރަށްވުރެ ހަރުދަނާ ސިޔާސަތުތަކެއް ބޭނުންވޭ: ޝައުނާ


ދުނިޔޭގެ މަހުގެ ސްޓޮކް މެނޭޖްކޮށް ދެމެހެއްޓުމަށްޓަކާ މިހާރަށްވުރެ ހަރުދަނާ ސިޔާސަތުތަކެއް ބޭނުންވާކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖި އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝައުނާ މިހެން ވިދާޅުވީ، ކޯވިޑް-19ގެ ސަބަބުން ކުރިމަތިވި އިޤްތިޞާދީ ހީނަރުކަމުން އަރައިގަތުމުގައި ދުނިޔޭގެ ކަނޑުތަކާއި ކަނޑުފަޅުގެ ދިރުންތަކުގެ ދުޅަހެޔޮކަން އަދާކުރާ މުހިއްމު ދައުރުގެ މައްޗަށް ކޮމަންވެލްތުގެ މެންބަރު ޤައުމުތަކުގެ މެދުގައި ބޭއްވި މަތީ ފަންތީގެ މަޝްވަރާ ބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްޞީލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ވަރޗުއަލްކޮށް ބޭއްވި މި މަޝްވަރާ ބައްދަލުވުމަކީ ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅުވައިގެން ކޮމަންވެލްތުން ކުރިއަށްގެންދިޔަ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޝައުނާ ވިދާޅުވީ، ދިވެހިރާއްޖެއަކީ ބިމުގެ އިންސައްތަ ކުޑަވިއެއްކަމަކު، ކަނޑުގެ ސަރަޙައްދު ބޮޑު ޖަޒީރާ ޤައުމެއްކަމަށާއި، ކަނޑުތަކަކީ ދިވެހިންގެ އާއްމު ދިރިއުޅުމާއި އެތައްގޮތަކުން ގުޅިފައިވާ ތިމާވެށީގެ މާޙައުލެއްކަމަށެވެ. ކަނޑުފަޅުން ލިބޭ ނަފާއަށް ދުނިޔޭގެ ހުރިހާ ޤައުމުތަކަކުންހެން ބަރޯސާވިޔަސް، ކަނޑުތަކަކީ ރާއްޖެފަދަ ޤައުމުތަކުގެ ދެމިއޮތުމާއި އަދި ކުރިއެރުމާއި ގުޅިފައިވާ ތަނެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރާއްޖޭގެ އިޤްތިޞާދީ އެންމެ ބޮޑު ދެ ސިނާޢަތްކަމަށްވާ ފަތުރުވެރިކަމާއި މަސްވެރިކަން ސީދާ ގުޅިލާމެހިފައިވަނީ ކަނޑުފަޅުތަކުގެ ދިރުންތަކާއި، މުއްސަނދިކަމަށްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ޝައުނާ ވިދާޅުވީ، ކަނޑުތަކާއި، ކަނޑުފަޅުގެ ދިރުންތައް ހިމާޔަތްކޮށް އެތަކެތީގެ ދުޅަހެޔޮކަން ދެމެހެއްޓިގެން ނޫނީ ހަޤީޤީ ތަރައްޤީއެއް ނުހޯދޭނެކަމަށެވެ.

ދުނިޔޭގެ ކަނޑުތަކަކާއި، ކަނޑުގެ ދިރުންތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް އިޝާރަތްކުރައްވާ މިނިސްޓަރ ޝައުނާ ވިދާޅުވީ، ދުނިޔޭގެ މަހުގެ ސްޓޮކް މިހާރަށްވުރެ ރަނގަޅަށް މެނޭޖްކޮށް ބެލެހެއްޓޭނެ ސިޔާސަތުތަކެއް އެކުލަވާލަންޖެހޭކަމަށެވެ. އަދި އެ ސިޔާސަތުތަކަކީ ސައިންސްގެ އަލީގައި އެއްކުރެވޭ މަޢުލޫމާތުތަކަށް ރިޢާޔަތްކޮށް، ޤާނޫނީގޮތުންވެސް ބާރުލިިބިދޭ ސިޔާސަތުތަކަކަށް ވާންޖެހޭކަމަށާއި، މިއީ ދުނިޔޭގެ ޤައުމުތަކުން ގުޅިގެން ކުރަންޖެހިފައިވާ މުހިއްމު މަސައްކަތެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ދުނިޔޭގެ މަހުގެ ސްޓޮކް މެނޭޖްކޮށް ދެމެހެއްޓުމަށްޓަކާ މިހާރަށްވުރެ ބޮޑަށް ޤައުމުތައް ގުޅިގެން މަސައްކަތްކޮށް، ސިޔާސަތުތައް އެކަށައަޅަންޖެހޭ. އަދި އެކަންކަމަކީ ސައިންސްގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް، ޤާނޫނީ ބާރުވެރިކަން ލިބޭފަދަ ސިޔާސަތުތަކަށްވެސް ވާންޖެހޭ. ކަނޑުތަކާއި، ކަނޑުފަޅުގެ ދިރުންތަކުގެ ދުޅަހެޔޮކަމަށްޓަކާ ދެމެހެއްޓެނިވި މަސްވެރިކަން އެންމެ ސަރަޙައްދެއްގައި ކޮށްގެނެއް ނަތީޖާއެއް ނުނެރެވޭނެ. މިކަން މުޅި ދުނިޔެއަށް ފުޅާކުރަންއެބަޖެހޭ" މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

މިނިސްޓަރ ޝައުނާ ވިދާޅުވީ، ރާއްޖޭގެ އަތޮޅުތައް އެ އެއްޗެއްގެ މައްޗަށް އުފެދިފައިވާ މުރަކައާއި ފަަރުތަކުގެ ނިޒާމަކީ ދުނިޔޭގެ ނިސްބަތުންވެސް ބޮޑު ނިޒާމެއްކަމަށެވެ. އަދި އެއީ ކަނޑުގެ ދިރުންތަކަށް ބޭނުންވާ ތަފާތު ކާނާ ލިއްބައިދޭ ގުދުރަތީ ނިޒާމެއްކަމަށެވެ. އެހެންނަމަވެސް ޖައްވު ހޫނުވުމާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިތުރުން ދުނިޔޭގެ މުރަކައާއި ފަރުތަކުގެ ނިޒާމުތައް ހަލާކުވެ ނެތިދިއުމުގެ ބިރު ވަރަށް އެބައޮތްކަމަށާއި، އެއްވެސް ހިފެހެއްޓުމެއްނެތި މަސްވެރިކަން ކުރުމާއި މޫދަށް ޕްލާސްޓިކާއި ކުނި އެޅުމުގެ ސަބަބުން ތިމާވެށީގެ އެތައް މައްސަލަތަކެއް ފެންމަތިވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ތިމާވެށީގެ މައްސަލަތަކުން އަރައިގަތުމަށް ވަކިން ޚާއްސަކޮށް ކަނޑުތައް ޙިމާޔަތްކުރުމާއި ޕްލާސްޓިކާއި ދެކޮޅަށް ރާއްޖެން އަޅަމުންދާ ފިޔަވަޅުތަކާއި މަސައްކަތްތަކާ ގުޅޭގޮތުންވެސް މިނިސްޓަރ ޝައުނާ ވަނީ މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން ކްލައިމެޓް އިމަރޖެންސީ ޤާނޫނެއް ވުޖޫދަށްގެނެސް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބޭނުންވާ ޤާނޫނީ އަދި އިދާރީ އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި 2030 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖެއަކީ ކާބަން ނިއުޓްރަލް ޤައުމަކަށް ހަދާ، ކަނޑުގެ 30 އިންސައްތަ ހިމާޔަތްކުރުމަށާއި، 2023 ގެ ނިޔަލަށް އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން އެއްކޮށް ހުއްޓާލުމަށް ރާއްޖޭން ކުރަމުންދާ މަސައްކަތްތައް މިނިސްޓަރ ވަނީ ހިއްސާކުރައްވާފައެވެ.