ޚަބަރު

އެމެރިކާއިން ރާއްޖެއަށް ފޯރުކޮށްދޭ ވެކްސިން މިމަހު ލިބޭނެކަމުގެ އުއްމީދު އެބައޮތް: ރައީސް


އެމެރިކާއިން ރާއްޖެއަށް ފޯރުކޮށްދޭ ކޯވިޑް-19 އިން ދިފާޢުވުމަށް ޖަހާ ވެކްސިން މިމަސްތެރޭ ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ. އެމެރިކާއިން ފުރަތަމަ ވެކްސިން ފޯރުކޮށްދޭ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާފައިވާކަން މިމަހުގެ ތެރޭގައި އެޤައުމުންވަނީ އިޢުލާން ކުރައްވާފައެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވީ އެމެރިކާއިން ރާއްޖެއަށް ފޯރުކޮށްދޭ ވެކްސިން މިމަހުގެ ތެރޭގައި ލިބޭނެކަމަށް އުއްމީދުކުރައްވާކަމަށެވެ. އެހެންނަމަވެސް ރާއްޖެއަށް ފޯރުކޮށްދެނީ ކޮން ވެކްސިނެއްކަމަށާއި ކިހާ އަދަދެއްގެ ވެކްސިނެއް ކަމަށް މިހާތަނަށް އެނގިފައިނުވާކަމަށެވެ. އެމެރިކާއިން ދުނިޔޭގެ ޤައުމުތަކަށް ވެކްސިން ފޯރުކޮށްދޭން ނިންމެވިކަން އެޤައުމުގެ ރައީސް ޖޯސެފް ބައިޑަން އިއުލާންކުރައްވާފައިވާއިރު، ދިވެހިރާއްޖެ ހިމެނޭހެން އޭޝިއާ ސަރަހައްދަށް 7 މިލިއަން ޑޯޒްގެ ވެކްސިން ފޯރުކޮށްދޭނެ ކަމަށް އެމެރިކާއިން ވަނީ އިއުލާންކޮށްފައެވެ.

ރައީސް ވިދާޅުވީ އެމެރިކާއިން ފޯރުކޮށްދޭން ނިންމާފައިވާ ވެކްސިންގެ އިތުރުން ސިންގަޕޫރުގެ އެސްޓްރާޒެނެކާއިން އުފައްދާ ކޯވިޑް-19ގެ 5 ލައްކަ ވެކްސިން ޑޯޒް އަންނަ މަހުގެ ތެރޭގައި ލިބޭނެކަމަށެވެ. އަދި ރަޝިއާއިން އުފައްދާ ސްޕަޓްނިކް ވެކްސިން ރާއްޖެ ގެނައުމަށްޓަކައި އެކަމުގެ އެއްބަސްވުމުގައި މިހާރު ސޮއިކޮށްފައިވާކަމަށާއި، ރާއްޖެއަށް އެވެސްކިން ސަޕްލައި ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރާތާ 4 ހަފްތާ ތެރޭގައި ވެކްސިން ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ޖަހަން ފަށާފައިވަނީ ކޮވިޝީލްޑް ވެކްސިނެވެ. އެއަށްފަހު ސިނަފޯމް ވެކްސިން މިހާރު ޖަހަމުން އަންނައިރު ޚާއްސަ ހާލަތްތަކުގައި ފައިޒަރ ވެކްސިންވެސް ވަނީ ޖަހާދީފައެވެ. މީގެ އިތުރުން މިހާރު އެމްއެފްޑީއޭއިން ރަޝިއާގެ ސްޕަޓްނިކް ވެކްސިންއާއި ސްޕެއިންގެ އުފެއްދުމެއްކަމަށްވާ " މޮޑާނާ ވެކްސިން" އާއި ޖެންސެންގެ އުފެއްދުމެއްކަމަށްވާ "ޖެންސެން ވެކްސިން" ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ ވަނީ ދީފައެވެ.

މިވެކްސިންތަކަށް ހުއްދަދީފައިވަނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ޖެހުމަށެވެ. މޮޑާނާއާއި ޖެންސެންއަށް ހުއްދަ ދިނުމާއެކު ކޯވިޑް-19 އިން ދިފާއުވުމަށް އުފައްދާފައިވާ ޖުމްލަ 6 ވެކްސިނަކަށް އެމްއެފްޑީއޭއިންމިވަނީ ހުއްދަދީފައެވެ.

ރާއްޖެގެ އެކި ސަރަޙައްދުތަކުގައި ވެކްސިން ޖަހާދެމުން އަންނައިރު ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް 70 އިންސައްތަ މީހުން ވަނީ ޖަހާފައެވެ. އަދި 39 އިންސައްތަ މީހުން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައެވެ.