ޚަބަރު

ކުޅިވަރަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ މާދިހު އިސްމާއިލް ނިޔާވެއްޖެ


ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ މާދިހު އިސްމާއިލް ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

މާދިހު އިސްމާއިލް ނިޔާވެފައިވަނީ ރޭ ފަތިހު 5:32 ހާއިރު އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. ޢާއިލާގެ ފަރާތުން ބުނެފައިވަނީ މާދިހު ނިޔާވެފައިވަނީ ކުއްލިއަކަށް ހޮޑުލައި މާބޮޑަށް ހާލު ދެރަވާން ފެށުމުން އައިޖީއެމްއަށް ގެންގޮސް ފަރުވާދެމުން ދަނިކޮށްކަމަށެވެ.

އުމުރުން 51 އަހަރުގެ މާދިހުއަކީ ރާއްޖޭގެ ކުޅިވަރުގައި ފާހަގަކޮށްލެވޭ ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ކުޅިވަރު ޝަޙްސިއްޔަތެކެވެ. ޚާއްސަކޮށް ކްރިކެޓާއި ފުޓްބޯޅަ އަދި ސްވިމިންގ ފަދަ ހަރަކާތްތަކުގައި އޭނާގެ ބައިވެރިވުން ފާހަގަކޮށްލެވެއެވެ.

މާދިހު ވަނީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއަށް ގިނަ ހިދުމަތްތަކެއް ކޮށްފައެވެ. އެގޮތުން އެ އެސޯސިއޭޝަންގެ ނައިބު ރައީސްކަން ވެސް އޭނާ އަދާކޮށްފައިވެއެވެ.

ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލްގެ ސްޕޯޓްސް ކޯޑިނޭޓަރެއްގެ ވަޒީފާ އަދާކުރަމުންދިޔަ މާދިހު ވަނީ ނިމިގެންދިޔަ ފުޓްބޯޅަ ސީޒަންގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލުބުގެ ފިޒިއޯތެރަޕިސްޓެއްގެ ގޮތުގައިވެސް ހަރަކާތްތެރިވެފައެވެ.

މާދިހުއަކީ ކޯވިޑް-19ގެ އާލާސްކަންފުޅުގައި މިދިޔަ އަހަރު ނިޔާވި ރ. އަތޮޅުގެ ކުރީގެ މެމްބަރު އިސްމާއިލް ޒަކަރިއްޔާގެ ބޭފުޅެކެވެ. އަދި ރާއްޖޭގެ ކުރީގެ އެއްވަނަ ފޯވަޑް އަދި އެފް.އޭ.އެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ޝާހު އިސްމާއިލްއާއި އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ މޭޖަރ އިބްރާހިމް އާޒިމްގެ އެއްބަނޑު އެއްބަފާ ބޭފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ދެކަނބަލުން ވަނީ މާދިހުގެ މޫނު ބެއްލެވުމެއް ސަހަރާއަށް ވަޑައިގެންފައެވެ.