ޚަބަރު

ކޯވިޑް-19ގައި 41 އަހަރުގެ އަންހެނަކު ނިޔާވެއްޖެ


ކޯވިޑް-19ގައި 41 އަހަރުގެ ދިވެއްސަކު ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ވިދާޅުވީ ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ ދިވެހި އަންހެނެއްކަމަށެވެ. މި މީހާ ނިޔާވީ މިރޭގެ 07:40ހާއިރުއެވެ.

ވޭތުވެދިޔަ 24ގަޑިއިރުގެ ތެރޭގައި މި ބަލީގަ މިވަނީ 3މީހުން ނިޔާވެފައެވެ. އެގޮތުން ރޭ 12:47 ހާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގަ ފަރުވާދެމުންދިޔަ އުމުރުން 93އަހަރުގެ ފިރިހެނަކުވަނީ ނިޔާވެފައެވެ. އަދި މިއަދު ހެނދުނު، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ 82އަހަރުގެ ދިވެހި އަންހެނެއްވެސްވަނީ ނިޔާވެފައެވެ.

މިއަދުގެ ތިން މަރާއެކު މިހާތަނަށް ރާއްޖެއިން މި ބަލީގަ ނިޔާވި މީހުންގެ އަދަދު މިވަނީ 185އަށް އަރާފައެވެ. މީގެ ތެރޭގައި ހިމެނެނީ 168 ދިވެހިންނާއި 17 ބިދޭސީންނެވެ. ކޯވިޑް-19ގައި، ރާއްޖޭގެ ޙާލަތު އެންމެ ގޯސްވީ މިދިޔަ މަހުއެވެ. މިބަލީގައި މިދިޔަ މަހު 80އަށްވުރެ ގިނަ މީހުންވަނީ ނިޔާވެފައެވެ.

ކޯވިޑް ބަލި މިހާތަނަށް 68 ހާސް ނުވަސަތޭކައަށްވުރެ ގިނަ މީހުންނަށް ޖެހިފައިވާ އިރު މިބަލީގައި މިހާރު ފަރުވާ ހޯދަމުންދަނީ 19670 މީހުންނެވެ. މީގެ ތެރެއިން 166މީހުންނަށް ފަރުވާދެމުންދަނީ ހޮސްޕިޓަލްގަ އެޑްމިޓްކޮށްގެންނެވެ.