ޚަބަރު

މޮޑާނާ ވެކްސިންއާއި ޖެންސެން ވެކްސިން ރާއްޖޭގައި ބޭނުންކުރުމަށް އެމްއެފްޑީއޭއިން ހުއްދަދީފި


މޮޑާނާ ވެކްސިންއާއި، ޖެންސެން ވެކްސިން ދިވެހިރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން، މިއަދު ދީފިއެވެ.

ސްޕެއިންގެ އުފެއްދުމެއްކަމަށްވާ " މޮޑާނާ ވެކްސިން" އާއި ޖެންސެންގެ އުފެއްދުމެއްކަމަށްވާ " ޖެންސެން ވެކްސިން" ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ ދީފައިވަނީ ކޯވިޑް-19ގެ މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް އިމަރޖެންސީ ހާލަތުގައި ބޭނުން ކުރުމަށެވެ. ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ ދީފައިވަނީ ކޯވިޑް-19ގެ މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް އިމަރޖެންސީ ހާލަތުގައި ބޭނުން ކުރުމަށެވެ.

މި 2 ވެކްސިންއަށްވެސް ހުއްދަދީފައިވަނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ޖެހުމަށެވެ. މޮޑާނާއާއި ޖެންސެންއަށް ހުއްދަ ދިނުމާއެކު ކޯވިޑް-19 އިން ދިފާއުވުމަށް އުފައްދާފައިވާ ޖުމްލަ 6 ވެކްސިނަކަށް އެމްއެފްޑީއޭއިންމިވަނީ ހުއްދަދީފައެވެ.

މި ވެކްސިންތައްވެސް ދިވެހިރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ ދީފައިމިވަނީ މިކަމުގައި ފުރިހަމަ ކުރަންޖެހޭ އެންމެހައި ލިޔެކިޔުންތައް ފުރިހަމަ ކުރުމަށްފަހު ބަލަންޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމައަށް ބަލައި ދިރާސާކޮށް އަދި އެ އޮތޯރިޓީއަށް ފަންނީ ލަފާދޭ ނޭޝަނަލް ފާރމަސޫޓިކަލް ބޯޑުގެ ލަފަޔާ މަޝްވަރާއާއެކު ކަމަށް އެމްއެފްޑީއޭއިން ވިދާޅުވިއެވެ.

މޮޑާނާ ވެކްސިން އުފައްދަނީ މޮޑާނާ ބައެއޮންޓިކް ސްޕެއިނުންނެވެ. މިވެކްސިންއަކީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔު.އެޗް.އޯ)ގެ އިމަރޖެންސީ ޔޫސް ލިސްޓިން (އީ.ޔޫ.އެލް) ގައި މިހާތަނަށް 49 ގައުމެއްގައި އިމަރޖެންސީ ޔޫސް އެޕްރޫވަލް ލިބި އަދި ބޭނުންކުރަމުންދާ ވެކްސިނެކެވެ. މިގައުމުތަކުގެ ތެރޭގައި އެމެރިކާ، ކެނެޑާ، ސްވިޓްޒަލޭންޑް އަދި ޔޫރަޕިއަން ޔޫނިއަންގެ މެންބަރު ގައުމުތައް ހިމެނެއެވެ.

ޖެންސެން ވެކްސިން އުފައްދަނީ ޖެންސެން ފާރމަސޫޓިކަލް ކޮންޕެނީސް އޮފް ޖޯންސަން އެންޑް ޖޯންސަން އިންނެވެ. އަދި މިވެކްސިންއަކީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔު.އެޗް.އޯ)ގެ އިމަރޖެންސީ ޔޫސް ލިސްޓިން (އީ.ޔޫ.އެލް) ގައި މިހާތަނަށް
42 ގައުމެއްގައި އިމަރޖެންސީ ޔޫސް އެޕްރޫވަލް ލިބި އަދި ބޭނުންކުރަމުންދާ ވެކްސިނެކެވެ. މިގައުމުތަކުގެ ތެރޭގައި އެމެރިކާ،
ބެލްޖިއަމް، ނެދަލޭންޑްސް، ކެނެޑާ، އޮސްޓްރިއާ، ޑެންމާރކް، އިޓަލީ، ސައުތު އެފްރިކާ އަދި ސްޕެއިން ފަދަ ގައުމުތައް ހިމެނެއެވެ.

އަލަށް ހުއްދަ ދިން 2 ވެކްސިންވެސް ބަހައްޓަންޖެހެނީ ވަކި ފިނިހޫނުމިނެއްގައި ކަމުން އެމްއެފްޑީއޭއިން މިވެކްސިންތަކަށް ހުއްދަ ދީފައިވާނީ، ވެކްސިން ރާއްޖެ އެތެރެ ކުރުމުގެ ކުރިން ވާންޖެހޭ ތައްޔާރީތަކާއި، ވެކްސިން އެތެރެ ކުރުމަށްފަހުގައްޔާއި، އަދި އެހިފާގެންގުޅުމުގެ ހުރިހާ މަރުހަލާ އެއްގައިވެސް "ކޯލްޑް ޗެއިން" ބެލެހެއްޓުމަށް ޝަރުތުކޮށްފައި ކަމަށް އެއޮތޯރިޓީން ވިދާޅުވިއެވެ.

އަދި އެފް.ޑީ.އޭ.އާއި މިނިސްޓްރީ އޮފް ހެލްތާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ ގުޅިގެން މި 2 ވެކްސިންގެ ހުރިހާ މަރުހަލާއެއްގެ ކަންކަން ވަރަށް ގާތުން މޮނިޓަރކުރަމުން ގެންދާނެ ކަމަށް އެއޮތޯރިޓީން ވިދާޅުވިއެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށް ކުރާ މަސައްކަތުގެ ދަށުން ރާއްޖޭގައި ވެކްސިން ޖެހުން ފަށާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެންނެވެ. އެންމެ ފަހުން ރާއްޖޭގައި ބޭނުންކުރަން ހުއްދަދީފައިވަނީ ރަޝިއާ އިން އުފައްދާފައިވާ ސްޕަޓްނިކް-ވީ ވެކްސިންއަށެވެ. ނަމަވެސް އެވެކްސިން އަދި ރާއްޖެއަށް ލިބިފައިނުވެއެވެ. މިވަގުތު 3 ވެކްސިނެއް ޖެހުމުގެ ކަންކަން ރާއްޖޭގައި ދަނީ ކުރަމުންނެވެ. އެއީ ކޮވިޝީލްޑް ވެކްސިނާއި، ސިނޯފާމް ވެކްސިންގެ އިތުރުން ފައިޒަރ ވެކްސިނެވެ.