ޚަބަރު

މިއީ ހުށައެޅޭނެ އެންމެ ފުރިހަމަ ބަޖެޓް- ފޭދޫ ދާއިރާގެ މެމްބަރު


އަންނަ އަހަރަށް ލަފާކުރައްވާ
ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައިވާ ބަޖެޓަކީ، ދައުލަތަށް
ހުށައެޅުއްވޭނެ އެންމެ ފުރިހަމަ ބަޖެޓުކަމަށް ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕުގެ
މެމްބަރު އަދި ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.



ރޭ ރާއްޖެ މިއަދު ޕްރޮގްރާމްގައި
ވާހަކަފުޅު ދައްކަވަމުން އިބްރާހިމް ދީދީ ވިދާޅުވީ، މިއަދުގެ ސަރުކާރުން
ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދަވާނެކަން މިބަޖެޓުން ވަރަށް
ފުރިހަމައަށް ހާމަކޮށްދެއްވާކަމަށެވެ. އިދިކޮޅު އެމްޑީޕީން ބަޖެޓަށް
ފާޑުވިދާޅުވަމުން ގެންދަވާކަން ފާހަގަކުރައްވާ އިބްރާހިމް ދީދީ ވިދާޅުވީ، ދުނިޔޭގެ އެހެނިހެން ޤައުމުތަކާއި އަޅާބަލާއިރު ރާއްޖޭގެ
އިދިކޮޅު ޕާޓީގެ ތަފާތަކީ ކިތަންމެ ރަނގަޅުކަމެއް ސަރުކާރުން ކުރެއްވިޔަސް ދެކޮޅު
ހެއްދެވުންކަމަށެވެ.



އެގޮތުން ޢިޖްތިމާއީ، އިޤްތިޞާދީ
ގޮތުން ބަޖެޓުގައި ފާހަގަކުރައްވާފައިވާ ކަންކަން ސިޔާސީ ކުރައްވާ ހަލަބޮލި
ކުރައްވަން އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރައްވާކަމަށް ތުހުމަތު ކުރައްވާ
އޭނާ ވަނީ އިދިކޮޅު ފަރާތްތަކުން ބަޖެޓާއި މެދު ދައްކަވާ ވާހަކަތަކަށް
ރައްދުދެއްވާފައެވެ.



މި ޕްރޮގްރާމްގައި ވާހަކަފުޅު
ދައްކަވަމުން ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ވިދާޅުވީ، ރާއްޖޭގެ
ތަރައްޤީއަށް ބޮޑެތި މަޝްރޫޢުތަކެއް ސަރުކާރުން ހިންގަވާތަން ފެންނަމުންދާކަމަށާއި،
އަންނަ އަހަރަށް ދައުލަތުން ލަފާކުރައްވާ ބަޖެޓުގެ ތެރެއިންވެސް އެފަދަ ބިޔަ
ބޮޑެތި މަޝްރޫޢުތައް ފެނިގެންދާނެކަމަށެވެ.



ޝާހު ވަނީ ބަޖެޓުގައި ހިމެނޭ
ޕީއެސްއައިޕީގެ ބޮޑެތި މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު
ދައްކަވާފައެވެ. އަންނަ އަހަރަށް ލަފާކުރައްވާ ބަޖެޓުގެ އެންމެ ބޮޑު ޢަދަދެއް
ކަނޑައަޅުއްވާފައި ވަނީ ޕީއެސްއައިޕީގެ ޕްރޮޖެކްޓުތަކަށެވެ.



ބަޖެޓްގެ 41 އިންސައްތަ
ކަނޑައަޅުއްވައިފައިވަނީ ކެޕިޓަލް ޚަރަދަށްކަމަށްވާއިރު، ކެޕިޓަލް ޚަރަދުގެ 80
އިންސައްތަ ޚަރަދުކުރެއްވުމަށް ހަމަޖެހިފައިވަނީ ޕީއެސްއައިޕީގެ ޕްރޮޖެކްޓުތަކަށެވެ. 2016 ވަނަ އަހަރަށް ދައުލަތުން ލަފާކުރައްވާ ބަޖެޓުގެ ޖުމްލަ ޢަދަދަކީ، ހަތާވީސް
ޕޮއިންޓު ހަތަރެއް ފަހެއް ބިލިއަން ރުފިޔާއެވެ. ދައުލަތުގެ ބަޖެޓް ދިރާސާކުރުމުގެ
މަސައްކަތް ބަޖެޓް ކޮމިޓީން މިހާރު ނިންމަވާލައްވާފައިވާއިރު، ބަޖެޓު ރިޕޯޓަށް މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގައި
ބަހުސް ފައްޓަވާނެއެވެ.