ޚަބަރު

ކޯވިޑް-19 ދިފާޢު: އިތުރު 1،132 މީހުން ވެކްސިން ފުރިހަމަކޮށްފި


ރާއްޖެއިން އިތުރު 1،132 މީހަކު ކޯވިޑް ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފިއެވެ. މިއާއެކު ކޯވިޑް ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރި މީހުންގެ ޢަދަދު މިހާރު ވަނީ 1،68،889 އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ގެ ތަފާސް ހިސާބުތައް ދައްކާގޮތުން ކޯވިޑް-19އިން ދިފާޢުވުމަށް ވެކްސިންގެ 2ވަނަ ޑޯޒް ޖެހި 1،132 މީހުންގެ ތެރޭގައި ހިމެނެނީ މާލޭ ސަރަޙައްދުން ވެކްސިން ޖެހި 246 މީހަކާއި، އަތޮޅުތަކުން ވެކްސިން ޖެހި 886 މީހުންނެވެ. މިއާއެކު ރާއްޖޭގައި ވެކްސިން ފުރިހަމަ ކުރި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 168،889 އަށް އަރާފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް 246 މީހުންވަނީ ޖަހާފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެއިން ފުރަތަމަ ޑޯޒް ޖެހި 46 މީހަކާއި، އަތޮޅުތަކުން ވެކްސިން ޖެހި 200 މީހެކެވެ. ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ ޢަދަދު މިހާރު ވަނީ 310،405 އަށް އަރާފައެވެ.

މާލެ ސަރަހައްދުގައި އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިން ޖަހަމުން އަންނައިރު، މާލެއާއި ވިލިމާލެއާއި ހުޅުމާލެ ހިމެނޭހެން 11 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 4 މޮބައިލް ޓީމެއް ޙަރަކާތްތެރިވަމުން ދެއެވެ. އަތޮޅުތަކުގައި 240 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިންދެމުންނެވެ.