ޚަބަރު

ޓެރަރިޒަމްގެ ކުށްތަކުގައި ކޯޓު އަމުރަކާއި ނުލައި ބަލާފާސްކުރެވޭ ގޮތަށް އިސްލާހު ހުށަހަޅައިފި


ޓެރަރިޒަމްގެ ކުށްތަކުގައި ކޯޓު އަމުރަކާ ނުލައި ތަންތަން ބަލައި ފާސްކުރެވޭގޮތަށް ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ. މި އިސްލާހު ސަރުކާރުގެ ފަރާތުން އެޓާނީ ޖެނެރަލް މަޖިލީހަށް ހުށަހަޅުއްވަފައިވަނީ މިއަދުއެވެ.

ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވަނީ، ޓެރަރިޒަމްގެ ކުށްތައް ތަޙްޤީޤުކުރުމުގައި ޤާނޫނު ތަންފީޛުކުރާ އިދާރާތަކަށް ކުރިމަތިވާ ބައެއް ގޮންޖެހުންތަކަށް ޙައްލު ހޯދައިދިނުމަށެވެ.

އަދި ދިވެހިރާއްޖެއިން ބޭރުގައި ޓެރަރިސްޓުން ހިންގާ ހަނގުރާމަތަކުގައި ބައިވެރިވުމަށްފަހު ނުވަތަ އެފަދަ ހަނގުރާމަވެރި ސަރަޙައްދުތަކަށް ދިޔުމަށްފަހު އަނބުރާ ދިވެހިރާއްޖެއަށް އަންނަ ފަރާތްތަކުގެ މައްޗަށް ހިންގަންޖެހޭ އިޖުރާއަތުތައް ހިންގުމުގައި ޤާނޫނު ތަންފީޛުކުރާ އިދާރާތަކަށް ކުރިމަތިވާ ބައެއް ގޮންޖެހުންތަކަށް ޙައްލު ހޯދައިދިނުމަށާއި، ޓެރަރިޒަމްގެ ޢަމަލުތައް ކުރާ ނުވަތަ އެފަދަ ޢަމަލުތަކަށް ހުށަހެޅުމުގެ ފުރުޞަތު އޮތް ފަރާތްތަކަށް ހިންގަންޖެހޭ ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ހަރުދަނާ ގޮތެއްގައި ހިންގުމަށް މަގުފަހިކޮށްދިނުމަށްޓަކައި އެ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށެވެ.

އެގޮތުން، ޓެރަރިޒަމްގެ ކުށްތައް ތަޙްޤީޤުކުރުމާ ގުޅޭގޮތުން ގެނައުމަށް ހުށަހަޅާ މައިގަނޑު ބަދަލުތަކަކީ، ޓެރަރިޒަމްގެ ބޮޑެތި ކުށްތައް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ފަރާތްތައް 48 ގަޑިއިރަށް ބަންދުގައި ބެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބިދިނުމާއެކު، އެފަދަ ފަރާތްތައް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް، އެފަރާތްތަކުގެ ބަންދާމެދު ގޮތެއް ކަނޑައެޅުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް އިތުރަށް ސާފުކޮށްދިނުމާއި، ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ލިބިދޭ ފަރާތެއް އަމިއްލަ ތަނެއްގައިވާ ޙާލަތުގައި އެތަނަކަށް ވަދެ، އެތަން ބަލައި ފާސްކުރުމުގެ ބާރާއި އެކަން ކުރުމުގައި ޢަމަލުކުރަންޖެހޭ އިޖުރާއަތުތައްވެސް ބަޔާންކޮށްދިނުމެވެ.

ހަނގުރާމައަށް ދިޔުމަށްފަހު ނުވަތަ ހަނގުރާމަވެރި ސަރަޙައްދުތަކަށް ދިޔުމަށްފަހު އަނބުރާ ދިވެހިރާއްޖެއަށް އަންނަ ފަރާތްތަކާމެދު ޢަމަލުކުރާ އިޖުރާއަތުތަކަށް ގެނައުމަށް ހުށަހަޅާ މައިގަނޑު ބަދަލަކީ، އެފަދަ ފަރާތްތަކުގެ ތެރެއިން، ޓެރަރިޒަމްގެ ޢަމަލުތައް ކުރުމުގައި ބައިވެރިވެފައިވާ ކަމަށް ބެލެވޭ ކުށުގެ ތުހުމަތުގައިވާ ފަރާތްތަކުގެ ތަޙްޤީޤު ވަގުތުން ވަގުތަށްވެސް ކުރިއަށްގެންދެވޭނެ ގޮތް ހަމަޖެއްސުމާއި، އެނޫން ފަރާތްތަކަކީ އެފަދަ ޢަމަލުތަކުގައި ސީދާ ބައިވެރިވި ފަރާތްތަކެއް ކަމަށް ނުވިނަމަވެސް، އެއީ، ޓެރަރިޒަމްގެ ޢަމަލުތަކަށް ހުށަހެޅިފައިވާ ނުވަތަ ހުށަހެޅުމުގެ ފުރުޞަތު އޮތް ބައެއް ކަމުގައި ބަލައި، އެފަދަ ޢަމަލުތަކުން މުޖުތަމަޢު ރައްކާތެރިކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި، އެފަދަ ފިޔަވަޅުތައް އެޅުމާއެކުގައިވެސް އެފަދަ ފަރާތްތަކަށް ދޭންޖެހޭ ރީހެބިލިޓޭޝަންގެ ފަރުވާ ދިނުމަށް މަގުފަހިކުރެވޭނެ ގޮތަށް އެ ޤާނޫނު އިޞްލާޙު ކުރުމަށް ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރުން މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ ޢަމުރެއް ތަންފީޛުކުރަމުންދާ ފަރާތްތަކަށާއި ޓެރަރިޒަމްގެ ކުށުގެ ތުހުމަތުގައި ތަޙްޤީޤު މަރުޙަލާގައި ބަންދުގައިވާ ފަރާތްތަކަށާއި، ޓެރަރިޒަމްގެ ކުށް ސާބިތުވެ ޙުކުމް ތަންފީޛުކުރަމުންދާ ފަރާތްތަކަށާއި އަނބުރާ އަންނަ ހަނގުރާމަވެރިންނާއި އެފަރާތްތަކުގެ ޢާއިލާގެ މެންބަރުންނަށް ދެވޭ ރީހެބިލިޓޭޝަންގެ ފަރުވާއަކީ ޤާނޫނީ ނިޒާމުގެ ކުރިމައްޗަށް އެމީހުން ހުށަހެޅޭ ހިނދުން ފެށިގެން، މުޖުތަމަޢުއަށް އަނބުރާ ރުޖޫޢަވަންދެން މެދުކެނޑުމެއް ނެތި ދެވޭ ފަރުވާއެއް ކަމުގައި ޤާނޫނުގައި ކަނޑައެޅިގެން ބަޔާންކުރުމަށްޓަކައި އެ ޤާނޫނަށް ގެނެވޭ އިޞްލާޙުތަކެއްކަމަށް އެޓާނީ ޖެނެރަލް އޮފީހުން ވިދާޅުވެއެވެ.