ޚަބަރު

އެޗްއެމްއެފްއިން ބޮޑު ހޮސްޕިޓަލަކުން ދެވޭ ޚިދުމަތަށްވުރެ ފުޅާ ޚިދުމަތެއް ލިބޭނެ: ޑރ.ޝާން


ރާއްޖޭގައި މިވަގުތު ހުރި އެންމެ ވަރުގަދަ އަދި އެންމެ ބޮޑު މެޑިކަލް ފެސިލިޓީއަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީ ކަމަށް އައިޖީއެމްއެޗްގެ ޑިރެކްޓަރ އޮފް މެޑިކަލް ސަރވިސް ޑރ. ޔޫސުފް ޝާން ވިދާޅުވެއްޖެއެވެ.

ކޯވިޑްގެ ކަންކަން އިންތިޒާމުކުރެއްވުމުގައި މަސައްކަތްކުރައްވަމުންގެންދަވާ ޑރ.ޝާން ވިދާޅުވީ ބަލީގެ ބާވަތުން ކޯވިޑްއަށް ފަރުވާ ދިނުމަށް ގިނަ ހުރަސްތަކެއް ކުރިމަތިވެ އެކަން ބަލިމީހުންނާއި ފަރުވާދޭން ތިބި މީހުންނަށްވެސް އިހުސާސްވަމުންދާކަމަށެވެ. ރާއްޖޭގައި މިވަގުތު ކޯވިޑް-19ގެ ހަތަރުވަނަ ސަރޖެއް އޮތްއިރު މިފަދަ ސާރޖަކާއެކު ބޭރުގެ ބޮޑެތި ޤައުމުތަކުން ފެނިގެންދަނީ ފަރުވާ ނުދެވިގެން އެތައްބަޔަކު މަރުވާން ދޫކޮށްލާ މަންޒަރެވެ. އާބާދީގެ ގޮތުން އެންމެ ގިނަބަޔަކު ޕޮޒިޓިވްވަމުން އަންނަ ޤައުމުތަކުގެ ލިސްޓުގެ ކުރީގައި ރާއްޖެ އުޅޭއިރު ރާއްޖޭގައި ބައްޔަށް ހުށައެޅޭ މީހުންނަށް ބިންމަތީގައި ފަރުވާދޭން ނުޖެހި ކުރިއަށްދަނީ ކޯވިޑްގެ ކަންކަން އިންތިޒާމުކުރަން ތިބި ބަޔަކު އެކަމަށް ރަނގަޅު ނިންމުންތަކެއް ނިންވަމުންދާތީކަމަށް ޑރ. ޝާން ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޑރ.ޝާން ވިދާޅުވީ ކޯވިޑް-19އަށް ފަރުވާދިނުމުގައި އެތައް ގޮންޖެހުމެއް ހުރިއިރު މިއީ މީގެކުރިން ތަޖުރިބާކުރަން ޖެހުނު ޙާލަތެއް ނޫންކަމަށެވެ. އަދި ކޯވިޑްއަށް ފަރުވާދިނުމަށް މިވަގުތު ހިންގަމުން އަންނަ ހުޅުމާލޭ މެޑިކަލް ފެސިލިޓީއަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ބޮޑު ހޮސްޕިޓަލްކަމަށްވާ އައިޖީއެމްއެޗަށްވުރެވެސް ބޮޑު އަދިފުޅާ ޚިދުމަތެއް ދެމުންދާތަނެއް ކަމަށް ޑރ.ޝާން ވިދާޅުވިއެވެ.

"މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ޙާލަތެއްމިއީ، ރާއްޖެއަށް އޮތް އިންސާނީ ވަޞީލަތުގެ މައްސަލަ ޙައްލުކުރަން ގެންނާނެ ބަޔަކު ނެތް. މިޙާލުގައިވެސް ބިންމަތީގައި ފަރުވާދޭން ނުޖެހި މިދެވެނީ ކަންކަން ނިންމަން ތިބި ބޔަކު ރަނގަޅު ނިންމުންތަކެއް ނިންމާތީ. ފަރުވާދޭން ތިބި މީހުންގެ އިންތިޒާމުތައް ހަމަޖެހިފައިވާތީ."ޑރ.ޝާން ވިދާޅުވިއެވެ.

މީގެކުރީގެ ރާޅުތަކުގައި ރާއްޖޭގައި ކޯވިޑް-19އަށް ހުށައެޅެމުންދިޔަ އުމުރުން ދުވަސްވީ މީހުންނާއި އަޅާބަލާއިރު މިރާޅުގައި ޕޮޒިޓިވްވަމުން އަންނަ މީހުންގެ ޢަދަދު ނިސްބަތުން ވަރަށް ބޮޑަށް އިތުރުކަން ޑރ.ޝާން ފާހަގަކުރެއްވިއެވެ. ބައްޔަށް ހުށައެޅި ފަރުވާ ދޭންޖެހޭ ޒުވާނުންގެ އަދަދުވެސް އިތުރުކަން ފާހަގަކުރައްވާ ޑރ.ޝާން ވިދާޅުވީ ބަލީގައި ބޮޑުވަރުވަމުންދާ މީހުންނާއި ނިޔާވާ މީހުންގެ ތެރޭގައި ވެކްސިން ފުރިހަމަ ނުކުރާ މީހުން ނިސްބަތުން އިތުރުކަމަށެވެ. މިހާރު އޮތް ޙާލަތުގައި ދިމާވާ އެންމެ ބޮޑު ދައްޗަކީ ޙާލު ބޮޑުވެދާނެ މީހުން ލަފާކޮށް ކަނޑައެޅުން ކަމަށް ޑރ.ޝާން ވިދާޅުވިއެވެ.

އެންމެ 40 އެނދާއެކު ޚިދުމަތް ފެށި ހުޅުމާލޭ މެޑިކަލް ފެސިލިޓީއަކީ މިވަގުތު 277 އެނދުގެ ބޮޑު ހޮސްޕިޓަލެކެވެ. އެންމެ ގާތުން ފަރުވާދޭންޖެހޭ މީހުންނަށް ޚާއްސަ 29 އެނދާއެކު އެތަނަކީ މިވަގުތު ރާއްޖޭގައި ހިންގަމުން އަންނަ އެންމެ ވަރުގަދަ ސިއްޙީ ޚިދުމަތްދޭ އެއް މެޑިކަލް ފެސިލިޓީއެވެ. ހުރިހާ ވަގުތެއްގައިވެސް ހޭނައްތާ ޚާއްސަ ޑޮކްޓަރުންނާއި އެތެރެ ހަށީގެ ޑޮކްޓަރުން މަސައްކަތްކުރައްވަމުން ގެންދާ މިފެސިލިޓީން ބޭނުންވާ ހާލަތެއްގައި ރާއްޖޭގައި ތިއްބެވި ސްޕެޝަލިސްޓުންވެސް އެތަނުގައި ޚިދުމަތް ދެމުންދާނެއެވެ. އަދި އެތަނުގެ ޚިދުމަތް އިތުރަށް ފުޅާކޮށްފައިވާއިރު ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންގެ ތެރެއިން 40 ވޮލަންޓިއަރުން މިހާރު އަންނަނީ ފެސިލިޓީގައި ބަލިމީހުންގެ ޚިދުމަތުގައި ޙަރަކާތްތެރިވަމުންނެވެ. އަދި ނަރުސްކަން ކިޔަވަމުންދާ އެމްއެންޔޫގެ ދަރިވަރުންވެސް ޚިދުމަތާ ގުޅިފައިވާއިރު ބަލިމީހުންގެ ޝަކުވާތައް މަދުވެފައިވާކަން ހުޅުމާލޭ މެޑިކަލް ފެސިލިޓީން ފާހަގަކުރައްވައެވެ.