ކޯވިޑް-19އާއި އެކު ދިރިއުޅޭތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު މިބައްޔާއި ބެހޭގޮތުން އެތައް ވާހަކަތަކެއްވަނީ އަޑުއިވިފައެވެ. މިބައްޔަށް ފުރިހަމަ ފަރުވާއެއް ނެތްކަމާއި އެތައް ބަޔަކު މިބަލީގައި ނިޔާވެގެންދާއިރު އާއިލާގެ އެއްވެސް މީހަކަށް ގާތުގައި ނުހުރެވުމުގެ ބިރުވެރި އެތައް ވާހަކަތަކެކެވެ. އަނެއްކޮޅުން ބައްޔާ ދެކޮޅަށް ސިއްޙީ ދާއިރާއިން ކުރަމުންދާ ހަނގުރާމާއިގެ ވާހަކައެވެ. ރައްކާތެރިކަމަށްޓަކާ އަޅާފިޔަވަޅުތަކެވެ. އެތައް ބަޔަކު އެތައް ޤުރުބާނީއެއް ވަމުން އަންނައިރުވެސް އެތައް ޝަކުވާތަކެއްވެސްވަނީ މިބަލިމަޑުކަމުގައި އަޑުއަހަންޖެހިފައެވެ. މީގެކުރިން ނޭނގޭ ސިއްޙީ ޚިދުމަތާއި ގުޅުންހުރި އެތައްކަމެއް އެނގި ޢާއްމުވެއްޖެއެވެ.
ސިއްޙީ ދާއިރާއަށް ނުކުންނަ މީހުންނަކީ ޢާއްމު ދިރިއުޅުމުގައިވެސް މީހުންނާއި ގުޅޭ ހިތްހެޔޮ މިޒާޖުގެ ބައެކެވެ. އެނޫން ބަޔަކަށް މިދާއިރާގައި ދެމިހުރުމަކީ ވުމަށްވުރެ ނުވުން ގާތްކަމެކެވެ. ކޯވިޑް-19އެކު ފެނިގެންދިޔައީ ފަރުވާދިނުމަށްޓަކާ ޑޮކްޓަރުންނާއި ނަރުހުންނާއި އެހީތެރިން އެހެން ހުރިހާ ކަމެއް ހުއްޓާލާ މިކަމަށް ހުސްވީ މަންޒަރެވެ. ނުހަނު ކެތްތެރި ހިތްހެޔޮ އޯގާތެރި މީހަކަށް ނޫނީ ކުރެވޭނެކަމެއް ނޫނެވެ. އެހެންނަމަވެސް މިބަލީގެ ބާވަތުން ދެވޭ ޚިދުމަތުގެ ގޮތުން ބަލިމީހާއަށް ހިތްހެޔޮކަމާއެކު ޚިދުމަތް ދިނުމުގައި އެތައް ގޮންޖެހުމެއް މިވަނީ ކުރިމަތިވެފައެވެ. އެންމެ ބޮޑު ދައްޗަކަށްވީ ޢާއްމުންނަށް މުޅިން އަލަށް އަޑުއަހަންޖެހުނު ޕީޕީއީއެވެ.
ބަލިމީހާއަށް ފަރުވާދިނުމުގައި އެންމެ ކުޅަދާނަ އެއް ހުނަރަކީ ބަލިމީހާގެ ޙާލަތު ދެނެގަތްކަމާއި އަޅާލުމާއި އޯގާތެރިކަން ލިބޭނެކަން ކަށަވަރުކޮށްދޭ ހިނިތުންވުމެވެ. އަދި ރައްކާތެރިކަމުގެ އިޙްސާސްކޮށްދޭ ގާތްކަމުގެ އެންމެ ބާރުގަދަ ހަތިޔާރަކީ ފަރުވާދޭ ޑޮކްޓަރާއި ނަރުހުންގެ ފަރާތުން ފެންނަ ސާދާ ހިނިތުންވުމެވެ. ކޯވިޑް ބައްޔަށް ފަރުވާކުރުމަށް ލާންޖެހޭ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް(ޕީޕީއީ)އާއިއެކު ފަރުވާދޭން ހުންނަ މީހާއާއި ބަލި މީހާއާއި ދެމެދު ބޯފާރެއްލެވޭފަދައެވެ. ހިތްގައިމު ހިނިތުންވުން ފޮރުވާލައެވެ. މިއީ ފަރުވާދިނުމަށާއި ލިބިގަތުމަށް އެޅޭ ފުރަތަމަ އަދި އެންމެ ބޮޑު ހުރަހެވެ. އެހެންކަމުން ފަރުވާ ދޭން ހުންނަ މީހާ ހުންނަނީ ހިތްހަމަނުޖެހިފައިކަމާއި ބަލިމީހާއަކީ ބުރައެއްކަމުގައި އިހުސާސްކޮށްދެވޭތަން އާދެއެވެ. މިއީ ހަގީގަތް ނޫންކަމުގައި ވީނަމަވެސް ނުރައްކާތެރި ބައްޔަކާ ހަނގުރާމަކުރަމުން އަންނަ ބަލިމީހާއަށް އިޙްސާސްކުރެވެނީ މިހެންނެވެ.
ރާއްޖޭގައި ޕީޕީއީ ފަދަ ވަރުގަދަ ހެދުން އަޅައިގެން ނުރައްކާތެރި ބައްޔަކާ ދެކޮޅަށް މީގެކުރިން މަސައްކަތްކޮށްފައެއް ނުވެއެވެ. މިހާރު ބޭނުންކުރަންޖެހިފައިވާ ޕީޕީއީގެ ސަބަބުން ބަލިމީހާއާއި ޚިދުމަތްތެރިންނާ ދެމެދު ގުޅުން ކުޑަކޮށްލާއިރު މީގެ އުދަނގޫ އެހާހިސާބުން ނިމެނީއެއް ނޫނެވެ. އާދައިގެ މެޑިކަލް ސްކްރަބްސް ނުވަތަ ނަރުހުންގެ ހެދުމުގެ މަތިން އިތުރު ދެތިން ލޭޔަރސްގެ ހެދުން އަޅައިގެން ދެތިން މާސްކާއި އަންގި ލައްވައިގެން 12 ގަޑިއިރަށްވުރެ ގިނަ ވަގުތު ހޭދަކުރާއިރު އެއީ ކިހާވޭނެއް ހުރި ކަމެއްކަން އެކަން ތަޖުރިބާނުކުރާ މީހަކަށް އިޙްސާސްވެސް ނުކުރެވޭނެއެވެ. މިއީ މީހާ ލޮޑުކޮށްލާ ވަރުބަލިކުރުވާ މައިގަނޑު އެއް ސަބަބުކަމުގައި ކޯވިޑްއަށް ފަރުވާކުރައްވާ ޑޮކްޓަރުންނާއި ނަރުހުން ފާހަގަކުރައްވައެވެ.
މިބަލި ރާއްޖެއަށް އެންމެ ފުރަތަމަ އައިއިރުވެސް ރާއްޖެއަށް އޮތް އެންމެ ބޮޑު މައްސަލައަކަށްވީ އިންސާނީ ވަސީލަތް މަދުވުމުގެ މައްސަލައެވެ. ރާއްޖެއަށް މިމައްސަލަ އިތުރަށް ބޮޑުވިޔަނުދީ ހިފަހަށްޓާލުމަށް އެތައް މަސައްކަތްތަކެއްވަނީ ކުރެވިފައެވެ. އެހެންނަމަވެސް ގައިންގަޔަށް ނުހަނު ފަސޭހައިން އަރާ މިބަލީގައި ރާއްޖެ ހަތަރުވަނަ ސަރޖްއަކަށް ދިޔައިރު ސިއްހީ ޚިދުމަތްތެރިން ވަރުބަލިވެއްޖެއެވެ. ބައްޔަށް ހުށައެޅޭ ސިއްޙީ ޚިދުމަތްތެރިން އިތުރުވެއްޖެއެވެ. މީގެ ސަބަބުން ޚިދުމަތުގައި ތިބި މަދު ޚިދުމަތްތެރިން ކަށިން ހިތްވަރު ނެރެގެން މަސައްކަތްކުރާއިރު ލޮޑުކަން މަސައްކަތުން ކިތަންމެ ބޭނުން ނުވިޔަސް ފެނިގެންދާނެއެވެ. އެޚިދުމަތްތެރިން ވަރުބަލިވެއްޖެއޭ ބަލި ކޮންޓްރޯލްކުރުމަށް އެހީއަށް އެދި އާދޭސްކުރަންފެށިތާވެސް އަހަރުވަނީއެވެ.
މިއީ މިބައްޔަށް ފަރުވާކުރުމަށް ސީދާގޮތުން ތިބި ޚިދުމަތްތެރިންގެ ކިބައިން ފެނިގެންދާ ބައެއް ކަންކަމުގެ އަސްލެވެ. އެއީވެސް އިންސާނުންނެވެ. ބަލީގެ ޙާލަތު ރަނގަޅުވުމުގެ ބަދަލުގައި ގޯސްވަމުންދާއިރު އެތައްބަޔަކު މިބަލީގައި ވަކިވެގެންދަނީއެވެ. އަޅާލަން އެތެރެއަށް ދާން ކިތަންމެ ބޭނުންވިޔަސް ބަލީގެ ޒާތުން އެފުރުސަތެއް އެނޫން މީހަކަށް ދެވޭކަށްނެތެވެ. ޝަކުވާއާއި ނުލާ އެކޮށްދޭ ޚިދުމަތަށް ހާސްފަށުން ޝުކުރެވެ. ޕީޕީއީގެ އުދަނގުލާއެކުވެސް އެބަހައްޓަން މަސައްކަތްކުރާ ގާތްކަމާއި ދެއްވާ ސަމާލުކަމަށް ހިތުގެ ފުންމިނުން ޝުކުރެވެ.