ކޯވިޑް-19

ކޯވިޑް-19 : މިއަދުގެ 3ވަނަ މަރާއެކު ޢަދަދު 147އަށް


ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޯވިޑް-19އަށް ފަރުވާދެމުންދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ވިދާޅުވީ، ނިޔާވެފައިވަނީ ޢުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. މި މީހާ ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދަނިކޮށް މިރޭ 07:21 ގައެވެ. މިއީ ކޯވިޑް ބަލީގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި މިއަދު ނިޔާވި 2ވަނަ މީހާއެވެ. ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި މިއަދު ކުރިން ނިޔާވެފައިވަނީ އުމުރުން 61 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ނިޔާވީ ފަރުވާދެމުން ދަނިކޮށް މިއަދު މެންދުރު 02:35 ގައެވެ. މިއަދު ހެނދުނު އައްޑޫސިޓީންވެސް ދިވެއްސަކު ވަނީ ނިޔާވެފައެވެ.

އައްޑޫ ސިޓީން ނިޔާވީ ކޯވިޑަށް ފަރުވާދެމުންދިޔަ އުމުރުން 91 އަހަރުގެ ދިވެހި ފިފިހެނެކެވެ. އޭނާ ނިޔާވީ، އައްޑޫ ކޯވިޑް މެނޭޖްމަންޓް ފެސިލިޓީގައި، ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުންދަނިކޮށް މިއަދު ހެނދުނު 10:20 ހާއިރުކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މިއީ އައްޑޫ ސިޓީން ކޯވިޑް ޖެހިގެން ނިޔާވީ 2 ވަނަ މީހާއެވެ. މިއަދުގެ މި 3 މަރާއެކު، ކޯވިޑް ބަލީގައި ރާއްޖޭން ނިޔާވި މީހުންގެ ޢަދަދު މިވަނީ 147 އަކަށް އަރާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 131 ދިވެހިންނާއި، 16 ބިދޭސީންނެވެ.

މި ހިނގާ މެއި މަހަކީ ރާއްޖޭގައި ކޯވިޑް-19 ބަލީގައި ރެކޯޑް އަދަކަށް މީހުން ނިޔާވެފައިވާ މަހެކެވެ. މި މަސް ފެށުނުއިރު ކޯވިޑްގައި ނިޔާވި މީހުންގެ އަދަދުހުރީ 62 ގައެވެ. އެއީ 54 ދިވެހިންނާ 8 ބިދޭސީންނެވެ. މިމަހުގެ މިހާތަނަށް މިބަލީގައި 84 މީހުން ވަނީ ނިޔާވެފައެވެ. އެއީ 77 ދިވެހިންނާ 8 ބިދޭސީންނެވެ. ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ބަޔަކު އެއް ދުވަހެއްގައި ނިޔާވެފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ. އެދުވަހު 13 މީހަކު ވަނީ ކޯވިޑްގައި ނިޔާވެފައެވެ.

ރާއްޖޭގަ މިހާތަނަށް 57،000 އަށްވުރެ ގިނަ މީހުން ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު، އެކްޓިވް ކޭސްގެ ގޮތުގައި މިހާރު ތިބި މީހުންގެ އަދަދު 24000 އަށްވުރެ މައްޗެވެ. އަދި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ވަނީ 282 އަށް އަރާފައެވެ.