ޚަބަރު

އެކަހެރިވުމުގެ މުއްދަތު ހަމަވުމުން ދޫކުރާ ރިލީޒް ޑޮކިއުމަންޓް ދިނުން ހުއްޓާލައިފި


ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުން އެކަހެރިވުމަށް އަންގާ ލިއުމުގެ އިތުރުން މުއްދަތު ހަމަވުމުން މިހާރު ދޫކުރާ ރިލީޒް ޑޮކިއުމަންޓް ދޫ ނުކުރާގޮތަށް ހަމަޖައްސައިފއެވެ.

ހެލްތު ޕޮރިޓެކްޝަން އެޖެންސީ އެޗްޕީއޭއިން ނެރުނު ބަޔާނުގައި ވިދާޅުވީ ކޯވިޑްއަށް ޕޮޒިޓިވް ވުމާގުޅިގެން އެކަހެރިވުމަށް ދޫކުރާ ލިޔުމުގައި އެކަހެރިވުމަށް ކަނޑައަޅާފައިވާ މުއްދަތު ހިމަނާފައިވާނެކަމަށެވެ. އަދި ލިޔުމުގައި ބަޔާންކޮށްފައިވާގޮތުގެ މަތިން އެމީހަކު އެކަހެރިވެފައިވާ މުއްދަތު ނިމުމަކަށް އަންނާނެކަމަށެވެ.

ޕޮޒިޓިވްވާ މީހުންގެ ބަލި ހާލަތާގުޅިގެން އެކަހެރިވެ ހުންނަ މުއްދަތު ތަފާތުވެއެވެ. އެގޮތުން 14 ދުވަހުގެ މުއްދަތު ނިމޭއިރުވެސް ހުން އައުން، ނޭވާލާން އުދަނގޫވުން، ކެއްސުން ގޯސްވުން ފަދަ ކަންކަން ހުންނަނަމަ، އެކަހެރިވާ މުއްދަތު 21 ދުވަހަށް ދެމިގެން ދާނެކަމަށް މި ބަޔާނުގައިވެއެވެ.

އަދި ފަރުވާ ދިނުމަށް މެޑިކަލް ފެސިލިޓީއެއްގައި ހުރި މީހެއްނަމަ އެކަހެރިކުރާ މުއްދަތު 14 ދުވަހަށްވުރެ އިތުރުވާނެކަމަށާއި މި ފަދަ މީހުންގެ އެކަހެރިކުރާ ޖުމުލަ މުއްދަތު ބަޔާންވާނީ ޑޮކްޓަރުން އިރުޝާދު ދޭގޮތުގެ މަތިންކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އެޗްޕީއޭއިން ވަނީ ގޭގައި އެކަހެރިވެގެން ތިބޭ ފަރާތްތަކުން ބަލީގެ އަލާމާތްތައް ފެންނަނަމަ ޞިއްޙީ ލަފަޔާއި ފަރުވާ ހޯދުމަށް އަންގާފައެވެ.
ރިލީޒް ޑޮކިއުމަންޓްތައް ހުއްޓާލިއިރު މީގެ ކުރިން ވަނީ ކޯވިޑްއަށް ޕޮޒިޓިވްވާ މީހުން އެކަހެރިވުމަށާއި އެކަހެރިވުމުގެ މުއްދަތު ހަމަވުމާ ގުޅޭ ރިލީޒް ޑޮކިއުމަންޓް ހާލުބެލުން ޕޯޓަލް މެދުވެރިކޮށް ދީފައެވެ. އެހެންނަމަވެސް ފަހަކަށް އައިސް ކޯވިޑް ބަލިޖެހޭ މީހުންގެ ނިސްބަތް އިތުރުވެ ބަލިޖެހޭ މީހުން އެކަހެރިވުމަށް އަންގާ ލިޔުން ލިބުން ވަނީ ލަސްވާންފަށާފައެވެ.