ޚަބަރު

ކޯވިޑް-19 : އެއް ދުވަސްތެރޭ 8 މަރު، ޖުމްލަ 137


ކޯވިޑް-19ގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު 137އަށް އަރައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްއޭއި)އިން ވިދާޅުވީ މިބަލީގައި މިއަދު އެކަނިވެސް 8 މީހުން މިހާތަނަށް ނިޔާވެފައި ވާކަމަށެވެ.

މިއަދު 11:05 ހާއިރު ޅ.ހިންނަވަރުގައި ޢުމުރުން 87 އަހަރުގެ ދިވެހި ފިރިހެނަކުވަނީ މިބަލިގައި ނިޔާވެފައެވެ. ހިންނަވަރު ހެލްތު ސެންޓަރުގައި ފަރުވާދެމުން އަންނަނިކޮށް ނިޔާވި މިމީހައަކީ މިބަލީގައި ނިޔާވި 137 ވަނަ މީހާއެވެ. މިބަލީގައި މިއަދު ދެން ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 78 އަހަރުގެ ދިވެހި އަންހެނެކެވެ.

ހިންނަވަރު ކޭސް ފިޔަވައި މިއަދު ނިޔާވި ހުރިހާ އެންމެންނަކީވެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައ ފަރުވާދެމުންދަނިކޮށް ނިޔާވި މީހުންކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މިހުރިހާ އެންމެންނަކީވެސް ދާއިމީ ބަލިތަކަށް ފަރުވާ ހޯދަމުންދިޔަ މީހުންކަމަށް އެޗްޕީއޭއިން ފާހަގަކުރައްވައެވެ. އަދި މިއަދު ނިޔާވި މީހުންގެ ތެރޭގައިވެސް ކޯވިޑްގެ ވެކްސިން ފުރިހަމަ ނުކުރާ 3 މީހަކު ތިބިކަން އެޗްޕީއޭއިން ފާހަގަކުރައްވައެވެ.

މިބަލީގައި ނިޔާވާ މީހުންގެ ޢަދަދު އިތުރުވަމުން އަންނައިރު ދާއިމީ ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނާއި އުމުރުން ދުވަސްވީ މީހުން ގިނަކަން ފާހަގަކުރެވެއެވެ. އެހެންކަމުން ހައިރިސްކް މީހުންނަށް ވެކްސިން ދިނުމަށް އިސްކަން ދިނުމަށާއި އެފަދަ މީހުންގެ ކައިރީގައި އުޅޭ މީހުންވެސް ވެކްސިން ފުރިހަމަ ކުރުމަކީ ވަރަށް މުހިއްމުކަމެއްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 137 މީހަކު ނިޔާވެފައިވާއިރު ތޭވީސް ހާހަށްވުރެ ގިނަ މީހުނަށް މިހާރު އަންނަނީ ފަރުވާދެމުންނެވެ. މީގެތެރެއިން 290 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެންނެވެ.