ޚަބަރު

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ވޮލެންޓިއަރެއްގެ ގޮތުގައި ފަސްޓްލޭޑީ!


ކޯވިޑުން ރައްކާތެރިވުމަށް ކުރާ މަސައްކަތުގައި ވޮލަންޓިއަރެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަނބިކަނބަލުން ފަޒްނާ ހަރަކާތްތެރިވެވަޑައިގަންނަވަން ފަށްޓަވައިފިއެވެ.

ވޮލަންޓިއަރެއްގެ ގޮތުގައި މަސައްކަތްކުރަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ފަށްޓަވާފައިވާއިރު، އެކަމަނާ ވަނީ ވޮލަންޓިއަރެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް މީގެކުރިން ޝައުގުވެރިކަން ފާޅުކޮށްފައެވެ.

ފަސްޓްލޭޑީ ފަޒްނާ އަޙްމަދުގެ ތަޙްނިޔާ ފޮނުވާ މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަނުން ކޮށްފައިވާ ޓުވީޓެއްގައި ވަނީ ޗީފް ގައިޑް، ރައީސުލްޖުމްހޫރިޔްޔާގެ އަނބިކަބަލުން ފަޒްނާ އަހުމަދު ހުޅުމާލެ ކޯވިޑް ފެސިލިޓީގައި ވޮލެންޓިއަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން އަންނަކަމަށެވެ. އަދި އެކަމަނާއަކީ ޒުވާނުންނާއި ކަނބަލުންނަށް ނަމޫނާއެއްކަމަށްވެސް އެ ޓްވީޓުގައި ބުނެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު ކޯވިޑް އަށް ޕޮޒިޓިވްވެސް ވެފައެވެ. ބަލިން ރަނގަޅުވުމަށްފަހު އެކަމަނާ ވިދާޅުވެފައި ވަނީ ކޯވިޑުން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތުގައި ވޮލަންޓިއަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވިކަމަށެވެ. އަދި އެ ފުރުސަތު ލިބިޑައިގެންފިނަމަ އެންމެ ބޮޑަށް ބޭނުންވާ ދިމާލެއްގައި ވޮލަންޓިއަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ފަޒްނާ ވިދާޅުވިއެވެ.

ރާއްޖެ ފުރަބަންދުގައި އޮތް ދުވަސްވަރުވެސް މި ބަލިން ރައްކާތެރިވުމަށް ކުރި މަސައްކަތުގައި އެކަމަނާ ވަނީ ބައިވެރިވެޑައިގެންފައެވެ. މިގޮތުން އެހީތެރިކަން ބޭނުންވި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެއްވައި، މީހުން ހޭލުންތެރިކުރުމަށް އެޗްއީއޯސީއާއި ޔުނިސެފުން ކުރި މަސައްކަތުގައި މުހިއްމު ދައުރެއް އެކަމަނާ ވަނީ އަދާކުރައްވާފައެވެ.

ރާއްޖޭގައި ކޯވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯހަށް ދިއުމާއި ގުޅިގެން ބަލި މީހުންނަށް ފަރުވާ ދިނުމުގައާއި ކޯވިޑް ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި ވޮލެންޓިއަރކޮށް މަސައްކަތްކުރާނެ ފަރާތްތައް މިހާރުވެސް އަންނަނީ ހޯދަމުންނެވެ.