ޚަބަރު

"ރާއްޖެއިން ފެނުނީ ބްލެކް ފަންގަސްއެއް ނޫން"


ބްލެކް ފަންގަސްކަމަށް ޝައްކުކުރެވިގެން ރާއްޖެއިން ނެގި ސާމްޕަލްތައް ނެގަޓިވްކަމަށް ހެލްތު އެމަޖެންސީ ސެންޓަރ (އެޗްއީއޯސީ)އިން ހާމަކުރައްވައިފިއެވެ. އަދި އެއީ ބްލެކް ފަންގަސް ނޫންކަމަށް އެސެންޓަރުން ވިދާޅުވެއެވެ.

ކޯވިޑް-19އަށް ފަރުވާ ހޯދަމުންދިޔަ ދިވެއްސެއްގެ ކިބައިން ނުރައްކާތެރި ބްލެކް ފަންގަސްކަމަށް ޝައްކުކުރެވޭ ޢަލާމަތްތަކެއް ހުރުމާ ގުޅިގެން ރާއްޖެއިން ބޭރަށް ސާމްޕަލް ފޮނުވާފައިވަނީ މިހަފްތާގެ ތެރޭގައެވެ. ރާއްޖެއިން މިބަލިކަމަށް ޝައްކުކުރެވޭ މީހާގެ އަނގައިގެ ތެރޭގައި ހުރި ކުޑަ ފާރުކޮޅެއްގައި ކަޅުކުލައަށް ދާކަހަލަ ކުލައެއް ވަނީ ފެނިފައެވެ. އެހެންނަމަވެސް އެއީ މިބަލީގައި ޢާއްމުކޮށް ފެންނަ ފަދަ ގޮތަކަށް ހުރި ފާރުކޮޅެއް ނޫންކަމަށް ބަލި މީހާގެ ކަންކަން ބަލަމުންދިޔަ އައިޖީއެމްއެޗްގެ ޑޮކްޓަރަކުވަނީ ވިދާޅުވެފައެވެ. ނަމަވެސް ރައްކާތެރިކަމަށްޓަކާ ބްލެކް ފަންގަސް ނޫންކަން ކަށަވަރުކުރުމަށް ސާމްޕަލްވަނީ ނަގާފައެވެ.

މިއީވެލީގައާއި ކުނިވާ ޒާތުގެ އެއްޗިހީގައި ހުންނަ މިއުކޯމައިސީޓްސް ކިޔާ ޖަރާސީމަކުން ޖެހޭ ބައްޔެކެވެ. މިއީ ނުރައްކާތެރި ބައްޔެއްނަމަވެސް މިއީ ގައިންގަޔަށް އަރާބައްޔެއްނޫންކަމަށް ކަމާބެހޭ ފަރާތްތަކުން ވިދާޅުވެއެވެ.

ބްލެކް ފަންގަސްއަށް ހުށައެޅެނީ ދާއިމީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނާއި ބޭހެއްގެ ސަބަބުން ދިފާޢީ ނިޒާމު ބަލިކަށިވެފައިވާ މީހުންނާއި ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުންކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. ޢާއްމު ގޮތެއްގައި ބަލި ޖެހެނީ ސިކުނޑިއަށާއި ހިތާއި ފުއްޕާމޭގެ އިތުރުން ގޮހޮރަށާއި އަނގައިގެ އެތެރެއަށާއި ހަންގަނޑަށެވެ.

މިބަލިން ސަލާމަތްވުމަށް ބަލީގެކުރީކޮޅު ދެނެގަތުމަކީ މުހިންމު ކަމެކެވެ. އެހެންނަމަވެސް ފުރާނަ ސަލާމަތްކުރުމަށް ޢާއްމުގޮތެއްގައި ފަންގަސް އަށަގެންފައިވާ ގުނަވަނެއް ޖެހެނީ ނަގާށެވެ. މިބަލި މިދުވަސްވަރު އެންމެ ޢާއްމުކޮށް ފެންނަމުންދަނީ އަވައްޓެރި އިންޑިއާގެ ކޯވިޑް ބަލިން ރަނގަޅުވާ މީހުންގެ ކިބައިނަކަމަށް މަޢުލޫމާތު ލިބެއެވެ.