ޚަބަރު

ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް އެކޮމަޑޭޝަން ހަމަޖައްސަނީ


ރާއްޖޭގައި ކޯވިޑްގެ ހާލަތު މިވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ހާހުން މައްޗަށްއަރާފައިވާއިރު ފަރުވާދޭންޖެހޭ މީހުންގެ ނިސްބަތްވެސް ބޮޑުތަނުން އިތުރެވެ. މީގެ ތެރޭގައި ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ ބަލިމީހުންވެސް ދުވަހެއް ދުވަހެއް އަންނަނީ އިތުރުވަމުންނެވެ. މި އެންމެނަށް ފަރުވާ ދެމުން އަންނަނީވެސް ހަމަ އެއްބަޔެކެވެ.

ރައްކާތެރިވުމަށް ލާ ޕީޕީއީއާއެކު މުޅި ދުވަހު ބަލި މީހުންނާއެކު ހޭދަކުރަނީ ބައްޔަށް އޮތް ބިރުވެރިކަން ކުޑަވެގެނެއްނޫނެވެ. އާއިލާއާއި އަނބިދަރިން ދޫކޮށް ކޯވިޑްގެ ބަލިމީހުންނަށް ފަރުވާދެނީ އެމީހުންގެ ފުރާނަ ސާލާމަތް ކުރުމަށެވެ. ޑިއުޓީ ނިންމާލުމަށްފަހު އެނބުރި ގެއަށް އާއިލާކައިރިއަށް އެދަނީވެސް ބިރުވެރިކަމާއެކު ބަލި ހިފައިގެން ދެވިދާނެކަމުގެ އިހްސާސްތަކާއެކުއެވެ. ގެއަށް ވަންނަން އެޖެހެނީ ދެތިން ހަތަރު ފަހަރަށް ވިސްނާލާ ހަށިގަނޑު ސާފުކޮށްގެންނެވެ.

ބަލިމީހުންގެ ކައިރީގައި މަސައްކަތްކުރާ މުވައްޒަފުންނާއި ސާމްޕަލް ނެގުމަށް ހަރަކާތްތެރިވާ ޓީމްތަކުގެ ހާލަކީވެސް ހަމަމިއެވެ. މީގެ އިތުރަށް ކޯވިޑްގެ ކަންކަން މެނޭޖްކުރުމަށް ދަރުބާރުގޭގައި ޤާއިމްކޮށްފައިވާ ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ކުރީ ސަފުގައި މަސައްކަތްކުރާ ހުރިހާއެންމެންގެވެސް ހާލަކީ ހަމަމިއެވެ.

އެހެންކަމުން ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުން ކޯވިޑްއިން ސަލާމަތްކުރުމަށްޓަކައި އެފަދަ މީހުން ވަކިން ތަނެއްގައި ބޭތިއްބުމަކީ މުހިއްމުކަމެކެވެ. ޚާއްސަކޮށް ޑޮކްޓަރުންނާއި ނަރުހުން ރަނގަޅު ސިއްޙަތެއްގައި ބައިތިއްބައިގެން ނޫންގޮތަކަށް ކޯވިޑް ބަލިމީހުންނަށް ފަރުވާދެވޭކަށް ނެތެވެ. އެމީހުން ބަލިވެއްޖެނަމަ ބަލިމީހުންނަށް ފަރުވާދިނުމަށް އެތަކެއް ދަތިތަކާ ކުރިމަތިލާންޖެހޭނެއެވެ. އަނެއްކަވެސް ގެއްލިގެންދާނީ ކިތަކެއް ފުރާނަކަމެއް އަންދާޒާކޮށްލަންވެސް ނޭގޭނެއެވެ.

މިކަންކަމަށް ރިޢާއަތްކޮށް ހެލްތު މިނިސްޓްރީން މިހާރު މިވަނީ އެމީހުންނަށް އެކަމަޑޭޝަން ހަމަޖައްސާދޭނެ ބަޔަކު ހޯދުމަށް އިޢުލާންކޮށްފައެވެ. ހެލްތު މިނިސްޓްރީން ކުރި އިއުލާނެއްގައިވަނީ އެކޮމަޑޭޝަން ދިނުމަށް ހުށަހަޅާ ހޮޓާ، ގެސްޓްހައުސްތަކުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭނީ އެންމެ ގިނަ އަދަދެއްގެ ކޮޓަރި ހުށަހަޅާ ފަރާތަކަށް ކަމަށެވެ. އެކޮމަޑޭޝަން ހަމަޖައްސައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު މިމަހުގެ 31 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު އެ ފަރާތްތަކުން ބިޑް ހުށަހެޅުން އޮންނާނީ އަންނަ މަހުގެ 2 ވަނަ ދުވަހުގައެވެ.

ހެލްތު މިނިސްޓްރީން ވަނީ ގެސްޓްހައުސް، ހޮޓާތަކުން އަންދާސީ ހިސާބު ހުށަހަޅާއިރު އެތަނަކުން ދޫކުރެވޭނެ ކޮޓަރީގެ އަދަދު، ޑަބަލް ރޫމްގެ ތަފްސީލު އެނގޭނެހެން ހުށަހަޅަން އަންގާފައެވެ.

އެކޮމޮޑޭޝަނަށް މިނިސްޓްރީން ދުވާލަކަށް ކަނޑައަޅާފައިވާ ރޭޓުތައް:

  • ސިންގަލް ރޫމް (ލޯންޑްރީ އާއެކު) 700 ރުފިޔާ
  • ރޫމް އޮންލީ 500 ރުފިޔާ
  • ފުލްބޯރޑް 850 ރުފިޔާ
  • ފުލްބޯރޑް ޝެއަރިން 1،000 ރުފިޔާ
  • ޑަބަލް ރޫމް(ލޯންޑްރީ އާއެކު) 800 ރުފިޔާ


ހެލްތު މިނިސްޓްރީން ވަނީ ކޮންމެ ދުވަހަކުވެސް ކުއްޔަށް ނަގާފައިވާ ރޫމްތަކަށް 1.5 ލީޓަރުގެ ދެ ފެންފުޅި ފޯރުކޮށްދޭން ވާނެ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ތިން އިރުގެ ކެއުން ދުވާލަކަށް ބޮލަކަށް ޖެހޭނެ އަގުވެސް ހުށަހަޅަން ވާނެ ކަމަށާއި އެގޮތަށް ރޭޓު ކަނޑައެޅި ނަމަވެސް، ކެއުމަށް ކަނޑައަޅާފައިވާ އަގު އެގްރިމެންޓު ކުރެވޭ ފަރާތަށް ދޭނީ އެދުވަހަކަށް ކާންދޭ މީހުންގެ އަދަދުން ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.

ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންނަށް އެކަމަޑޭޝަން ހަމަޖައްސާއިރު މިހާރުވެސް އޭގެ ތެރެއިން ބަޔަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އެމީހުން ކުރަމުން އަންނަ ބުރަ މަސައްކަތްތަކާއެކު ރިސްކް އެލެވެންސާއެކު މިހާތަނަށް މިވަނީ 145 މިލިޔަން ރުފިޔާ އެލަވަންސްގެ ގޮތުގައި ޚަރަދުކޮށްފައެވެ.

ކުރީ ސަފުގައި މަސައްކަތްކުރާ ހައި ރިސްކު މީހުންނަކީ ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހަކާ ނުވަތަ ބަލި ހުރެދާނެކަމަށް ބެލެވޭ ހައި ރިސްކު މީހުންނާއި ތަކެއްޗާ ގާތުން ދިމާވެދާނެ މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ މެޑިކަލް ޑޮކްޓަރުންނާއި، ނަރުހުންނާއި، ޓެސްޓު ސާމްޕަލް ނަގާ މީހުންނާއި، ލެބް ޓެކްނީޝަނުންނާއި، ކޯވިޑަށް ޕޮޒިޓިވްވާ މީހުން އެއްތަނުން އަނެއް ތަނަށް ގެންދާ އުޅަނދުތަކުގައި މަސައްކަތްކުރާ މީހުންނާއި ޕޮޒިޓިވްވާ މީހުން ތިބޭ ކޮޓަރި ނުވަތަ ވޯޑަށް ވަންނަންޖެހޭ މީހުންނެވެ. މިނޫނަސް ކޯވިޑް ކޮންޓްރޯލް ކުރުމަށް އެތަކެއް ބަޔަކު އަންނަނީ ފްރަންޓްލައިންގައި މަސައްކަތް ކުރަމުންނެވެ.