ޚަބަރު

މިއަދުގެ 4ވަނަ މަރު، ޖުމްލަ 120އަށް


ކޯވިޑް ބަލީގައި މިއަދު އަނެއްކާވެސް މީހަކު ނިޔާވެ މިއަދު ރާއްޖެއިން ނިޔާވި މީހުްނގެ އަދަދު 4 އަރައިފިއެވެ. މިއާއެކު ރާއްޖޭގައި މި ބަލީގައި ނިޔާވި މީހުންގެ ޢަދަދުވަނީ 120 އަށް އިތުރުވެފައެވެ.

އެޗްޕީއޭއިން ވިދާޅުވީ މިއަދު އެންމެ ފަހުން މިބަލީގައި ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 57 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ . މިއަދު ނިޔާވި އަނެއް 3 މީހުންނަކީވެސް ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހުންނެވެ.

ރާއްޖެއިން މި ބަލީގައި ނިޔާވި ދިވެހިންގެ އަދަދު މިވަނީ 105 އަރާފައެވެ. ނިޔާވި ބިދޭސީންގެ ޢަދަދަކީ 15އެވެ.

ކޯވިޑް ބަލީގައި މިހާތަނަށް ރާއްޖެއިން އެންމެ ގިނަ މީހުން ނިޔާވެފައިވަނީ މިމަހުއެވެ. އެގޮތުން މިމަހުގެ މިހާތަނަށް މިބަލީގައި 47 މީހުން މިވަނީ ނިޔާވެފައެވެ. ރާއްޖޭގައި މިބައްޔަށް ޕޮޒިޓިވްވާ މީހުންނާއި ބަލީގައި ނިޔާވާ މީހުންގެ ޢަދަދު އިތުރުވަމުން އަންނައިރު މިބަލިން ރައްކާތެރިވުމަށް ބޭނުންކުރަމުން އަންނަ ދިފާޢު ވެކްސިން ފުރިހަމަނުކޮށް ތިބި މީހުން ގިނަކަން އެޗްއީއޯސީ ފާހަގަކުރައްވައެވެ.

ރާއްޖޭގައި ކޯވިޑްގެ ނުރައްކާ ބޮޑުވެ ބަލިޖެހޭ މީހުންގެ އަދަދު އިތުރުވެ އަދި މިބަލީގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދުވެސްވަނީ އިތުރުވެފައެވެ.

އިއްޔެވެސް 2000ވުރެ ގިނަ ޕޮޒިޓިވް ކޭސް ރިޕޯޓުކޮށްފައިވާއިރު، ބަލި ޖެހުނު މީހުންގެ ޖުމަލް ޢަދަދު މިހާރުވަނީ ދޮޅުލައްކައަށް އަރާފައެވެ. އަދި ޕޮޒިޓިވްވެ ފަރުވާ ހޯދާމީހުންގެ ޖުމްލަ ޢަދަދުވަނީ 20،000 އަށްވުރެ އިތުރުވެފައެވެ.