ޚަބަރު

ކޯވިޑް-19 : ކޮންޓެކްޓް ޓްރޭސިންގއަށް ބޮޑު ބަދަލެއް، އަހުލުވެރިވުން މުހިންމު


ކޯވިޑް-19 ދެނެގަތުމަށް ކޮންޓެކްޓް ޓްރޭސިން ހެދުމުގައި މީގެފަހުން އަހަމުންދާނީ ބަލީގެ ނުރައްކާ ބޮޑުވާ މީހުންގެ މަޢުލޫމާތު އެކަނިކަމަށް އެޗްއީއޯސީއިން ވިދާޅުވެއްޖެއެވެ. މިގޮތަށް ޢަމަލުކުރަމުން އަންނަނީ މާލެ ސަރަޙައްދުގައި އެކަނިކަމަށްވެސް އެސެންޓަރުން ވިދާޅުވއެވެ.

ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވަމުން އަންނަ މީހުން އިތުރުވަމުން އައުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމަށް ގިނަ ދަތިތަކަކާއި ކުރިމަތިވަމުން އަންނަކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއެވެ. ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެޗްއީއޯސީގެ ކޮންޓެކްޓް ޓްރޭސިންގެ ފަރާތުން ވާހަކަދައްކަވަމުން އާމިނަތު އަރޫޝާ ވިދާޅުވީ ޕޮޒިޓިވްވާ މީހުން ގިނަވުމުގެ ސަބަބުން ޕޮޒިޓިވްވާ މީހާއާ ގުޅުންހުރި ހުރިހާ މީހުންގެ މަޢުލޫމާތު އެއްކުރުމުގެ ބަދަލުގައި މިހާރު ހޯދަނީ ހަމައެކަނި ޕޮޒިޓިވް ވީ މީހަކާ ދިމާވި ހައި ރިސްކު މީހުންގެ މަޢުލޫމާތުކަމަށެވެ. މިގޮތަށް ޢަމަލުކުރަނީ ވަގުތު ސަލާމަތްކޮށް ބަލީގައި ނުރައްކަލަށް ހުށައެޅޭ މީހުން ވީހާވެސް އަވަހަށް ދެނެގަތުމަށްކަމަށް އަރޫޝާ ވިދާޅުވިއެވެ.

އަރޫޝާ ވިދާޅުވީ މިގޮތަށް މިދަނޑިވަޅުގައި މާލެ ސަރަޙައްދުގައި ޢަމަލުކުރަމުން ދިޔަނަމަވެސް އަތޮޅުތަކުގައި މިހާރުވެސް ކޮންޓެކްޓް ޓްރޭސިންގ މަސައްކަތްކުރިއަށްދާނީ ކުރިއެކޭ އެއްގޮތަށްކަމަށެވެ. ހަމައެއާއެކު މާލެ ސަރަޙައްދުގައި ބައްޔަށް ހުށަހެޅޭ މީހުންނާ ދިމާވާ ޑައިރެކްޓް ކޮންޓޭކްޓުން، އެޗްއީއޯސީގެ ކޮންޓެކްޓް ޓްރޭސިންގއާ ގުޅޭ އީމެއިލަށް މަޢުލޫމާތު ފޮނުއްވުމަށް ނުވަތަ އެސެންޓަރުގެ ހޮޓްލައިނަށް ގުޅުމަށްފަހު އެމަޢުލޫމާތު ހިއްސާކުރަމުން ގެންދިޔުމަށްވެސް އެޗްއީއޯސީއިން އެދެއެވެ. ބަލި ކޮންޓްރޯލް ކުރުމަށް މިކަމުގައި އެއްބާރުލުން ދެއްވުމަށް އެޗްއީއޯސީއިން އިލްތިމާސްކުރައްވައެވެ.

ކޯވިޑް-19ގައި ވޭތުވެ ދިޔަ 24 ގަޑިއިރުގެތެރޭގައި ވެސް ދެހާހަށްވުރެ ގިނަ ކޭސްވަނީ ރިކޯޑުކުރެވިފައެވެ. އަދި ބައްޔަށް ހުށައެޅޭ މީހުންގެ ތެރެއިން ފަރުވާއާ ހަމައަށް ލަހުން ގެނެވުމުގެ ސަބަބުން ހިތާމަވެރި ކަންކަން ހިނގަމުން އަންނާތީ އެފަދަ ޙާދިސާތައް މަދުކުރުމަށް މަސައްކަތްކުރަމުން އަންނަކަމަށް އެޗްއީއޯސީއިން ވިދާޅުވެއެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުން އިތުރުވެ ފަރުވާ ދޭން ތިބި މީހުންނާއި ހުރި ވަޞީލަތްތަކާއި ނުތަކާ ހިސާބަށް މިހާރު ޙާލަތު މިވަނީ ގޮސްފައެވެ. އެގޮތުން މިވަގުތުވެސް ބަލި ޖެހިފައިވާ މީހުންގެ ޢަދަދު ވިހިހާހަށްވުރެ މައްޗަށްވަނީ އަރާފައެވެ. އަދި މިބަލީގައި 115 މީހަކު ނިޔާވެއްޖެއެވެ.