ޚަބަރު

އައްޑުއާއި ފުވައްމުލަކާއި، ލ.ގަމުގައި ކާފިއުގެ ވަގުތު އިތުރުކޮށްފި


ލ.ގަން ހިމެނޭހެން، އައްޑުއާއި ފުވައްމުލަކުގައި ކޯވިޑް-19ގެ ހާލަތާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފިއެވެ. މި ފިޔަވަޅުތަކާއެކު، ކަރފިއުގެ ވަގުތުވެސްވަނީ އިތުރުކޮށްފައެވެ.

ކޯވިޑް-19އާ ގުޅިގެން 40އަށްވުރެ ގިނަ ރަށްވަނީ މޮނިޓަރންއަށް ލާފައެވެ. ބޮޑަށް ބަލި ފެތުރޭ އަދި ފެތުރުމުގެ ފުރުޞަތު ބޮޑު ރަށްތަކުގައި ޙާލަތަށްބަލާ ފިޔަވަޅުތައްވެސްދަނީ ވަރުގަދަކުރަމުންނެވެ. މި އުސޫލުގެދަށުން އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީ އާއި ލ.ގަމުގައި އަޅާފައިވާ ފިޔަވަޅުތައްވަނީ ވަރުގަދަކޮށްފައެވެ. މާލެ ސަރަޙައްދާ އެއްގޮތަށް މި ތިން ރަށުގަވެސް ހަވީރު 04:00އިން ފަތިހު 04:00އަށް ކާފިއު ހިންގުމަށްވަނީ ނިންމާފައެވެ. މި ވަގުތު އާއްމު ތަންތަނާއި މަގުމައްޗަށް ނުކުމެ އުޅުމަކީ މަނާކަމެކެވެ. މި ފިޔަވަޅު އަޅާފައިވަނީ ހަފްތާއެއްގެ މުއްދަތަށެވެ.

އައްޑުއާއި ފުވައްމުލަކުގައި ކުރިން ކާފިއު ހިންގާފައވަނީ ހަވީރު 06:00އިން ފަތިހު 04:00އަށެވެ.
މި ފިޔަވަޅުތަކާއެކު އައްޑޫގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމާއި، ފުވައްލަކާއި، ގަމުގެ އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުންވެސް ވަނީ މަނާކޮށްފައެވެ. އެޗްޕީއޭއިންވަނީ އެއް ގެއިން އަނެއް ގެއަށް ނުދިއުމަށްވެސް އިލްތިމާސްކޮށްފައެވެ.
އަދި އެއްފަހަރާ 3 މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗާއި އާއްމު ތަންތަނަށް އެއްވެ ނޫޅުމަށް ވަނީ އަންގާފައެވެ. ޕާޓީތަކާއި ހަފްލާތަކާ ރަސްމިއްޔާތުތައް ބޭއްވުންވެސްވަނީ މަނާކޮށްފައެވެ.

މީގެއިތުރަށް ސެލޫންތަކާއި، ޖިމްތަކާއި ބޯކޮށާ ތަންތަން ބަންދުކުރަން އެންގުމުގެ އިތުރަށް ކުޅިވަރާއި ކަސްރަތު ހަރަކާތްތައްވެސް ހުއްޓާލުމަށްވަނީ އަންގާފައެވެ. ކެފޭތަކުގެ އެތެރޭގައި ޚިދުމަތް ދިނުންވެސް މަނާކޮށްފައިވީ ނަމަވެސް ކަނޑައަޅާފައިވާ ގަވާއިދުތަކާ އެއްގޮތަށް ޓޭކްއަވޭއާއި ޑެލިވަރީގެ ޚިދުމަތް ދެވޭނެއެވެ. މި ފިޔަވަޅުތަކާއެކު މިރަށްރަށުގައި ކިޔެވުންވެސް ކުރިއަށްގެންދާނީ އޮންލައިންކޮށެވެ.

ކާފިއުގެ ވަގުތުގައި ބޭރުގަ އުޅެވޭނީ އެޗްޕީއޭގެ ޚާއްސަ ހުއްދައާއެކުއެވެ. މި އުސޫލާ ޚިލާފުވާނަމަ ކަނޑައެޅިފައިވާ އުސޫލުން ފިޔަވަޅުއަޅާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.