ކުޅިވަރު

ސިޓީގެ ސަޕޯޓާރުންގެ ދަތުރު ހަރަދު ޝެއިހް މަންސޫރު ކުރަން ނިންމައިފި


ޔުއޭފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗް ބަލަންދާ މެންޗެސްޓަރ ސިޓީގެ ސަޕޯޓާރުން ޕޯޗުގަލްއަށް ދިއުމާއި އައުމުގެ ހަރަދު އެކްލަބްގެ ވެރިޔާ ޝެއިހް މަންސޫރު ކުރާގޮތަށް ހަމަޖައްސައިފިއެވެ. އެހެން ކަމުން މެޗް ބަލާލަން ދާން ޗެމްޕިއަންސް ލީގުގެ ޓިކެޓް ގަންނަ ކޮންމެ ސިޓީގެ ސަޕޯޓަރަކަށް ސިޓީގެ ރަސްމީ ދަތުރުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެކަމަށްވެއެވެ.

މިމެޗް ބަލާލުމަށްޓަކައި ސިޓީގެ ފަރާތުން ހަހާސް ސަޕޯޓާރުން ދިއުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ޝެއިހް މަންސޫރު މިގޮތަށް ނިންމީ ކޮރޯނާ ވައިރަހުގެ ސަބަބުން އެކްލަބްގެ ސަޕޯޓަރުންނަށް ކުރިމަތިވެފައިވާ މާލީ ދަތިތަކުގެ ސަބަބުން މިފަދަ ދަތުރަކަށް ހަރަދު ކުރުމުގައި ދަތިތަކެއް ހުންނާނެކަން އިހްސާސް ކުރެވުމުންނެވެ. ޕޯޗުގަލްއިންވަނީ ކޮރޯނާ ވައިރަހުގެ ސަބަބުން އަޅާފައިވާ ފިޔަވަޅު ތަކާއެކު މެޗް ބަލާލަން އިނގިރޭސިވިލާތުން ދަތުރުކުރާ ހުރިހާ ސްޕޯޓަރުން އެޤައުމަށް ވައްނަތާ 24 ގަޑިއިރުގެ ތެރޭގައި ނިކުންނަން ވާނެކަން އަންގާފައެވެ. މިއީ ސިޓީއިން ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގަލިބުނު ފުރަތަމަ ފަހަރުކަމުން މިމެޗް ބަލާލުމަށް އެކްލަބްގެ ވަރަށް ގިނަ ސަޕޯޓަރުން ދާން ބޭނުންވާނެކަމަށް ބެލެވެއެވެ. ފައިނަލްގައި ސިޓީ މިމަހުގެ 29 ވަނަ ދުވަހު ބައްދަލުކުރާނީ ޗެލްސީއާއެވެ.