ޚަބަރު

ކޯވިޑް-19 : މިއަދު އިތުރު މީހަކު މަރުވެ، މިމަހުގެ މިހާތަނަށް 30 މަރު


ކޯވިޑް ބަލީގައި މިއަދު އިތުރު ދިވެއްސަކު ނިޔާވެ މިބަލީގައި ނިޔާވި މީހުންގެ އަދަދު 104 އަށް އަރައިފިއެވެ.

މިއަދު ނިޔާވެފައިވަނީ އުމުރުން 73 އަހަރުގެ ދިވެހި އަންހެނެއް ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މިމީހާއަކީ ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އައި މީހެކެވެ.

މިބަލީގައި ރޭވެސްވަނީ ދެ ދިވެހިން ނިޔާވެފައެވެ. މީގެ ތެރެއިން އެކަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 79 އަހަރުގެ އަންހެނެކެވެ. އަނެއް މީހަކީ އައިޖީއެމްއެޗްގެ އީއާރްއަށް ގެންދިޔަ 74 އަހަރުގެ ފިރިހެނެކެވެ.
މިބަލީގައި އިއްޔެވެސް 5 މީހުން ނިޔާވެފައިވެއެވެ. ރާއްޖޭގައި މިބަލިޖެހިގެން މަރުވާ މީހުންގެ ޢަދަދު އިތުރުވާން ފަށާފައިވާއިރު މިއަދު ނިޔާވި މީހާއާއެކު މިމަހުގެ މިހާތަނަށް 30 މީހުން މިބަލީގައިވަނީ ނިޔާވެފައެވެ. މިހާތަނަށް މިބަލީގައި ނިޔާވި މީހުންގެ ތެރެއިން 91 މީހުންނަކީ ދިވެހިންނެވެ. އަދި 13 މީހުންނަކީ ބިދޭސީންނެވެ.

ކޯވިޑް-19ގެ ނުރައްކާ ރާއްޖޭގައި ބޮޑުވެ ބަލިފެތުރުން އިންތިހާއަށް އިތުރުވެފައިވާއިރު، މިމަހުގެ މިހާތަނަށްވެސް 15000 އަށްވުރެ ގިނަ މީހުންވަނީ މިބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި ފަރުވާދޭ މީހުންގެ ޢަދަދު 17000އާ ގާތްކޮށްފައިވާއިރު، 268 މީހަކަށް އެޑްމިޓްކޮށްގެން ދަނީ ފަރުވާދެމުންނެވެ.