ޚަބަރު

ކޯވިޑް-19 : ކުރީގެ މަޖިލިސް މެމްބަރު ގައްދޫ ޒާހިރު އަވަހާރަވެއްޖެ


ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު ޒާހިރު އާދަމް ކޯވިޑް-19 ގައި އަވަހާރަވެއްޖެއެވެ.

ޒާހިރު އާދަމް އަވަހާރަވެފައިވަނީ މީގެ އިރުކޮޅެއްކުރިން ގޭގައި ފަރުވާދެމުން ދަނިކޮށެވެ. ޒާހިރު ކޯވިޑަށް ޕޮޒިޓިވް ވެފައިވަނީ މީގެ 2 ދުވަހެއްކުރިންނެވެ. ޕޮޒިޓިވް ވުމާއި ގުޅިގެން ޒާހިރަށް ފަރުވާ ދީފައިވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެނެވެ. ޒާހިރަކީ ހައިރިސްކު ބޭފުޅަކަށްވުމުން، ޑޮކްޓަރުންވަނީ ޒާހިރު އެޑްމިންޓްކޮށްގެން ފަރުވާދީފައެވެ.

ނަމަވެސް ޒާހިރު ގެއަށް ބަދަލުކޮށްފައިވަނީ މިއަދު އަމިއްލަފުޅަށް ހާލުކޮޅު ރަނގަޅުކަމަށް ބުނެ، ޑޮކްޓަރުންނާ، ވާހަކަ ދެއްކުމަށްފަހުގައިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ގެއަށް ބަދަލުކުރީގެވެސް ހާލަތުކޮންމެވެސް ވަރަކަށް ރަނގަޅުވުމުންނެވެ.

ޒާހިރު އާދަމް ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ މެމްބަރުކަން ކުރައްވާފައިވަނީ، ރައްޔިތުންގެ މަޖިލިހުގެ 17ވަނަ ދައުރުގައެވެ. 17ވަނަ މަޖިލިހުގައި މަސައްކަތް ކުރެއްވުމަށްފަހު އޭނާވަނީ 18ވަނަ މަޖިލީހުގައި ވާދަ ކުރެއްވުމަށް އެއިންތިޚާބުގައި ނަން ހުށަހެޅުއްވުމަށް، ވާދަ ނުކުރައްވައި ނަން އަބުރާ ގެންދަވާފައެވެ.

ވަރަށް ކުރިއްސުރެ ސިޔާސީ ދާއިރާއަށް ނުކުންނެވި ޒާހިރު އާދަމް ވަނީ، ޖުމުހޫރީ ޕާޓީގެ މެމްބަރެއްގެ އިތުރުން، އެމްޑިޕީގެ މެމްބަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައެވެ. ސިޔާސީ ދާއިރާގައި މަސައްކަތް ކުރެއްވުމުގެ އިތުރުން އޭނާއަކީ މަޝްހުރު ވިޔަފާރި ވެރިއެއްވެސް މެއެވެ.

ޒާހިރު އަވަހާރަވި ޚަބަރާއެކު މުޅި ގައްދުއަށްވަނީ ފުން ހިތާމައެއް ލިބިފައެވެ. ގައްދޫގެ ގިނަ ރައްޔިތުން އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ޒާހިރަކީ ހިތްހެޔޮ މިޒާޖެއްގެ ބޭފުޅެކެވެ. ގައްދޫ ދާއިރާގެ މިހާރުގެ މެމްބަރުކަން ކުރައްވަނީ ޒާހިރުގެ ދަރިކަލުން އަޙްމަދު ޒާހިރެވެ.