ރާއްޖޭގައި ކޯވިޑް-19ގެ ވެކްސިންގެ 2ވަނަ ޑޯޒް އިތުރު 578 މީހަކު ފުރިހަމަކޮށްފިއެވެ. ކޯވިޑް ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރި މީހުންގެ ޢަދަދު މިހާރު ވަނީ އެއް ލައްކަ ސާޅީސް އެއްހާހަށްވުރެ މައްޗަށް އަރާފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން އެންމެ ފަހުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ވެކްސިން ޖެހުން ކުރިއަށްގެންގޮސްފައިވަނީ އަތޮޅުތަކުގައި އެކަންޏެވެ. ހުކުރު ދުވަހުގެ މި ތަފާސް ހިސާބުތަކަށް ބަލާއިރު ޖުމްލަ 760މީހުންވަނީ ވެކްސިން ޖަހާފައެވެ. މީގެތެރޭގައި 578މީހުންވަނީ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައެވެ. މިއާއެކު ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކުރި މީހުންގެ ޖުމްލަ އަދަދު މިވަނީ 141248އަށް އަރާފައެވެ.
މުޅިން އަލަށް 182މީހުންވަނީ ކޯވިޑް19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒްޖެހި މީހުންގެ އަދަދުވަނީ 302688އަށް އަރާފައެވެ.
މާލެ ސަރަޙައްދުގައި މިހާރު ވެކްސިން ޖަހައިދެނީ އަރޓް ގެލަރީއާ، ވިލިމާލެ ޔޫތު ސެންޓަރުން އަދި ޓްރީޓޮޕުންނެވެ. ވެކްސިން ދިނުން ކުރިއަށްގެންދަނީ ހެނދުނު 09:00އިން 11:00އަށެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 4 މޮބައިލް ޓީމް ޙަރަކާތްތެރިވަމުން އަންނައިރު، އަތޮޅުތަކުގައި 240 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިންދެމުންނެވެ.
ރާއްޖޭގައި މިހާތަނަށް 4ވެކްސިންއެއް ޖެހުމުގެ ހުއްދަ ފުޑް އެންޑް ޑްރަގް އޮތޯރިޓީންވަނީ ދީފައެވެ. އެގޮތުން ކޮވިޝީލްޑް ވެކްސިންއާއި، ސިނޮފަރމް، ފައިޒާ އަދި މިހާރުވަނީ ސްޕަޓްނިކް ވެކްސިން ޖެހުމުގެ ހުއްދަވެސް ދީފައެވެ.
ކޯވިޑް19އިން ދިފާޢުވުމުގެ މަސައްކަތުގެދަށުން ޤައުމީ ވެކްސިން ޕްރޮގްރާމް ރާއްޖޭގައި ފެށީ ފެބްރުއަރީމަހުގެ 1ވަނަ ދުވަހުއެވެ.