ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަކީ ގައުމަކަށް ލިބޭނެ އެންމެ ބޮޑު ރައުސްމާލު ކަމަށާއި، ރަށްރަށުގައި ގާއިމުކުރެވޭ ފިޓްނަސް ސެންޓަރުތަކާއި އައުޓްޑޯ ޖިމްތަކަކީ އެ މަގަށް ކަންކަން ފަހިކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މިދިޔަ މަހު ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ނޫނު އަތޮޅޫގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި ދިމާވި ރައްޔިތުން އެ މަޝްރޫއުތަކާމެދު ދެކޭގޮތް ޕީއެސްއެމް ނިއުސް އާއި ހިއްސާ ކުރައްވަމުންނެވެ.
"އެހެންވީމާ އަޅުގަނޑުމެންނަށް އިނގުނީ މީ ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެއްކަމަށް. އެއީ ހެތްލީ ކޮމިއުނިޓީއެއް ބިލްޑް ކުރުމަކީ ހަމަ ގައުމަކަށް ލިބޭނެ އެންމެ ބޮޑު އެއް ރައުސުލްމާލުކަމަށް އަޅުގަނޑު ދެކެނީ" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިހާރު ނޫނު އަތޮޅާއި އެހެނިހެން އަތޮޅުތަކުގައިވެސް މަސައްކަތް ފެށިގެން ކުރިޔަށްދާ ކުޅިވަރު މަޝްރޫއުތަކަކީ ފަށާގޮތަށް މާ ބޮޑު މަޑުޖެހުމެއް ނެތި ބާރު ސްޕީޑްގައި ގޮސް ނިންމާލަން ބޭނުންވާ މަޝްރޫއުތަކެއް ކަމަށެވެ.
އަދި ރައްޔިތުން ދެކޭ ގޮތުގައި މިއީ ކޮންމެހެންވެސް ހުންނަން ޖެހޭ ވަސީލަތްތަކެއް ކަމަށާއި، އައުޓްޑޯ ޖިމްތަކާއި ފިޓްނެސް ސެންޓަރުތަކުގެ ސަބަބުން ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ލިބޭ ފައިދާގެ އިތުރުން މުޖުތަމައުތައް އެއްބައިވަންތަ ކުރުވާ މުޖުތަމައުތަކަށް އުފާވެރިކަން ގެނެސްދޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"ރައްޔިތުން ވަރަށް ގަބޫލުކުރޭ މީ ކޮންމެހެން ކުރަންޖެހޭނެ ކަމެއްކަމަށް. އަދި މިކަމުގެ ސަބަބުން ޒުވާނުންނާއި މުސްކުޅިންނާއި ކުޑަކުދިންނަށްވެސް މިކަމުގެ ފައިދާ ވަރަށް ބޮޑަށް ކުރާނެ ކަމެއް މީ" ވަޒީރު ވިދާޅުވިއެވެ.
ދުޅަހެޔޮ ސިއްހަތެއް ހޯދައިދޭން މަސައްކަތް ކުރުމަކީ މުހިންމު ކަމެއްކަމަށް ރައްޔިތުންވެސް ގަބޫލުކުރާކަމަށާއި އޭގެ މުހިންމުކަން މިހާރު ވަރަށް ގިނަ މީހުންނަށް އިނގޭ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަކީ ބޮޑު އިންވެސްޓްމެންޓެއް ކަމަށާއި މިކަމުގެ ސަބަބުން ގައިންގަޔަށް ނާރާ ބަލިތަކުން ސަލާމަތްވުންފަދަ މުހިންމު ފައިދާތައް ލިބޭކަން ރައްޔިތުން ގަބޫލުކުރާކަމަަށެވެ. އަދި ކުޅިވަރުގެ މިފަދަ ވަސީލަތްތަކަކީ މީހާގެ ނަފްސާނީ ދުޅަހެޔޮކަމަށްވެސް މުހިންމު ވަސީލަތްތަކެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ކުރިޔަށް އޮތް ދެ އަހަރު ތެރޭގައި ކޮންމެ ރަށެއްގައިވެސް ފިޓްނެސް ސެންޓަރަކާއި އައުޓްޑޯ ޖިމެއް ގާއިމުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެންމެފަހުން ދެއްވި ރިޔާސީ ބަޔާނުގައި ވިދާޅުވެފައެވެ.