ޚަބަރު

"ހާލު ކިހިނެއް؟" ޕްރޮގްރާމް 15 އަތޮޅެއްގައި


  • މި ޕްރޮގްރާމް އެންމެ ފަހުން ހިންގީ ދ. އަތޮޅުގައި

  • ދެން އެންމެ އަވަހަށް ފަށާނީ މ، ވ، އއ، އދ އަތޮޅުގައި

ރައްޔިތުންގެ އިޖުތިމާޢީ ޙާލަތު ދެނެގަތުމަށް ކުރިއަށްގެންދާ "ހާލު ކިހިނެއް؟" ޕްރޮގުރާމް މިހާތަނަށް 15 އަތޮޅެއްގައި ކުރިއަށް ގެންގޮސްފައިވާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. "ހާލު ކިހިނެއް؟" ޕްރޮގުރާމް ފެށީ މިދިޔަ އަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހުއެވެ. މިއީ ދައުލަތުގެ ޚާއްސަ ސަމާލުކަމާއި ރައްކާތެރިކަން ބޭނުންވާ މީހުން ދެނެގަނެ، އެމީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤުޞަދުގައި ހިންގާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް އެންމެ ފަހުން ހިނގާފައިވަނީ ދ. އަތޮޅުގައެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރުގެ ނައިބު މަރްޔަމް ލަހުފާ ވިދާޅުވީ، "ހާލު ކިހިނެއް؟" ޕްރޮގުރާމްގައި، ނާޒުކު ހާލަތްތަކުގައި އުޅޭކަމަށް ދެނެގަނެވޭ ޢާއިލާތަކަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާކަމަށެވެ. އެގޮތުން އެފަދަ ޢާއިލާތަކުގައި އުޅޭ މީހުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި ކުރު ކޯސްތައް ހިންގުމުގެ މަސައްކަތް ކުރަމުންދާކަމަށް ލަހުފާ ވިދާޅުވިއެވެ.

"މިހާރު މި ކުރިއަށް މިގެންދަނީ އެ ރަށްރަށުގައި ނާޒުކު ހާލަތްތަކުގައި އުޅޭ އާއިލާތަކަށް އެހީތެރިކަން ފޯރު ކޮށްދިނުމުގެ މަސަައްކަތްތައް. މި މަސައްކަތްތައް ކުރިއަށް މިގެންދަނީ ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކާއި ގުޅުންހުރި މުއައްސަސާތަކާއި އެކުގައި." ލަހުފާ ވިދާޅުވިއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރުގެ ނައިބު ވިދާޅުވީ މިއަހަރުގެ ތެރޭގައި މ، ވ، އއ، އދ އަތޮޅުގެ ހުރިހާ ރަށެއްގައިވެސް "ހާލު ކިހިނެއް؟" ޕްރޮގުރާމް ފަށްޓަވާނެކަމަށެވެ. އަދި އަމާޒަކީ މިއަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް މި ޕްރޮގުރާމް ހިންގުންކަމަށްވެސް ލަހުފާ ވިދާޅުވިއެވެ.

"ހާލު ކިހިނެއް؟" ޕްރޮގުރާމް މިހާތަނަށް ކުރިއަށް ނުގެންދާ ރަށެއް ނުވަތަ އަތޮޅެއްގައި، ނާޒުކު ހާލަތެއްގައި ދިރިއުޅެން ޖެހިފާވާނަމަ އެކަން އެވުޒާރާގެ ހޮޓްލައިން ނަންބަރު 1433އަށް ގުޅައި މަޢުލޫމާތު ޙިއްސާކުރުމަށް އާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން އެދިވަޑައިގަންނަވައެވެ. އަދި އެފަދަ ގޭބިސީތަކަށް ޒިޔާރަތްކޮށް، ވީހާވެސް އަވަހަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްގެންދާނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މިހާތަނަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އިތުރުން މާލެއާއި ވިލިމާލެއާއި ގިނަ އަތޮޅުތަކެއްގައި ވަނީ "ހާލު ކިހިނެއް؟" ޕްރޮގުރާމް ކުރިއަށްގެންގޮސްފައެވެ. ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން މަސައްކަތްކުރައްވަނީ މިއަހަރުގެ ޑިސެމްބަރުގެ ކުރިން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައިވެސް މި ޕްރޮގްރާމް ފެށުމަށެވެ.

"ޙާލު ކިހިނެއް؟" ޕްރޮގުރާމް މިހާތަނަށް 15 އަތޮޅެއްގައި ކުރިއަށް ގެންގޮސްފައިވާއިރު، މި ޕްރޮގްރާމްގެ ތެރެއިން އާންމުން އެންމެ ގިނައިން ހުށައަޅާފައިވަނީ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލަތަކެވެ. މީގެ އިތުރުން ބޭސްފަރުވާއަށް އޭހީތެރިކަން ބޭނުންވުމާއި، އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމުގެތެރެއިން މާލީ އެހީ ހޯދުމުގެ މައްސަލަތަކާއި، ޑޮކްޓަރަށް ދެއްކުމާއި ރާއްޖެއިން ބޭރުން ބޭސް ގެނައުންފަދަ ކަންކަމުގައި ދިމާވާ ދަތިތަށް، އާންމުންގެ ފަރާތުން ހުށައަޅާފައިވާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.