ޚަބަރު

ކޯވިޑް-19 : އިތުރު 1،216 މީހުނާއެކު ޕޮޒިޓިވް ޢަދަދު 13،000އިން މައްޗަށް


ރާއްޖެއިން އިތުރު 1،216 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ ބަލިޖެހިގެން ފަރުވާ ހޯދާ މީހުންގެ ޢަދަދު، 13،000އިން މައްޗަށް އަރައިފިއެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 1،013 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. އެޗްޕީއޭއިން މަޢުލޫމާތު ދެއްވި ގޮތުގައި މިއަދުގެ ޕޮޒިޓިވް ޢަދަދުތަކުގެ ތެރެއިން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ޕޮޒިޓިވްވެފައިވާ މީހުންގެ ޢަދަދަކީ 836 އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ގެ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އަލަށް ޕޮޒިޓިވްވި 1،216 މީހުންގެ ތެރޭގައި މާލެ ސަރަހައްދުން އެއް ހާހަށްވުރެ ގިނަ މީހުންވަނީ ޕޮޒިޓިވްވެފައެވެ. އެގޮތުން 1،013 މީހަކު މާލެ ސަރަޙައްދުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި އަތޮޅުތަކުގެ ރަށްރަށުން 201 މީހުން ޕޮޒިޓިވްވެފައިވެއެވެ. އަދި ރިސޯޓަކުން މީހަކާއި ސަފާރީއަކުން މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 41،308އަށް އަރާފައެވެ.

ރާއްޖޭގައި ކޯވިޑްގެ ނުރައްކާ ބޮޑުވެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދުވަހުން ދުވަހަށް މަތިވަމުން އައިނަމަވެސް ވޭތުވެދިޔަ ދެދުވަހު ޕޮޒިޓިވް ކޭސްތަކުގެ އަދަދު 1،500އިން މަތީގައި ހުރުމަށްފަހު މިވަނީ ކޮންމެވެސް ވަރަކަށް ދަށްވެފައެވެ. މާލޭ ސަރަޙައްދުގެ އިތުރުން، އަތޮޅުތަކުގެ ރަށްރަށުގައިވެސް ހަލުވިކަމާއެކު މިބަލި އަންނަނީ ފެތުރެމުންނެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 305 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 27،428 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ޕޮޒިޓިވް ކޭސްތައް އިތުރުވާން ފެށުމާގުޅިގެން މިބައްޔަށް ފަރުވާ ހޯދަމުންދާ މީހުންނާއި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދާ މީހުންގެ ޢަދަދުތައްވެސް ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން މިވަގުތު 13،784 މީހުން ފަރުވާ ހޯދަމުންދާއިރު މީގެތެރެއިން 259 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 4،500 ސާމްޕަލެއް ވަނީ ނަގާފައެވެ. މިހާތަނަށް މިބަލީގައި ރާއްޖެއިން 87 މީހުން ވަނީ ނިޔާވެފައެވެ. މީގެތެރޭގައި ހިމެނެނީ 74 ދިވެހިންނާއި 13 ބިދޭސީންނެވެ.