ޚަބަރު

ކޭސްތައް މަދުނުވާތީ ސްކޫލްތަކުގައި އަދިވެސް ކިޔަވާދޭނީ އޮންލައިންކޮށް


މާލެ ސަރަޙައްދުގެ ސްކޫލްތަކުގެ ކިޔެވުން އަންނަ ހަފްތާގައިވެސް އޮންލައިންކޮށް ކުރިޔަށް ގެންދަން އެޑިއުކޭޝަން މިނިސްޓްރީން ނިންމަވައިފިއެވެ. އެ މިނިސްޓްރީން ވިދާޅުވީ މި ނިންމުން އަންނަ ބުރާސްފަތުދުވަހުގެ ނިޔަލަށް ދެމިގެންދާނެކަމަށެވެ.

ކޯވިޑްގެ ހާލަތު މާލޭ ސަރަހައްދުގައި ގޯސްވުމުން ސްކޫލްތައް އެޑިއުކޭޝަން މިނިސްޓްރީން ބަންދުކުރީ މިިދިޔަ ހަފްތާގެ ތެރޭގައެވެ. އަދި ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުން މާލޭ ސަރަހައްދުގައި އެލްކޭޖީން ފެށިގެން ގްރޭޑް 12 އާއި ހަމައަށް ކިޔަވާދެމުން އަީ އޮންލައިންކޮށެވެ. އެހެންނަމަވެސް މާލޭ ސަރަހައްދުން ކޯވިޑް ބަލިޖެހޭ މީހުންގެ އަދަދު އަދިވެސް ދަށަށް ގޮސްފައިނުވާތީ މި ނިންމުން އިތުރު ހަފްތާއަކަށް އެޑިއުކޭޝަން މިނިސްޓްރީން މިވަނީ ދަންމާލާފައެވެ. މިގޮތުން މިމަހުގެ 20 ވަނަދުވަހުގެ ނިޔަލަށް މާލޭ ސަރަހައްދުގެ ސްކޫލްތަކުގެ ދަރިވަރުންނަށް އަދިވެސް ކިޔާވާދެމުން ގެންދާނީ އޮންލައިކޮށެވެ. އެހެންނަމަވެސް މިހާރު ކުރިޔަށްދާ އިމްތިހާނުތައް ތާވަލާއި އެއްގޮތަށް ކުރިޔަށް ދާނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.


ސްކޫލްތަކުގެ އިތުރުން މާލެ ސަރަޙައްދުގެ ކޮލެޖް ޔުނިވަރސިޓީގެ ދަރިވަރުންގެ ކިޔެވުންވެސް އޮންލައިންކޮށް ކުރިއަށްގެންދިއުމަށް މިނިސްޓްރީން ވަނީ އަންގާފައެވެ. އަދި ޓިއުޝަން ސެންޓަރުތަކާއި، ގޭގެއާއި އެހެނިހެން ގޮތްގޮތުން ހިންގާ ޓިއުޝަން ކުލާސްތަކާއި، ޤުރްއާން ކުލާސްތަކަށް ކުދިން ހާޒިރުކޮށްގެން މިވަގުތަށް ކިޔާވާދިނުން ވަނީ މަނާކޮށްފައެވެ.

ކޯވިޑާއި ގުޅިގެން ދަރިވަރުން ސްކޫލްތަކަށް ހާޒިރުކޮށްގެން ކިޔަވާދިނުން އެންމެ ފުރަތަމަ މެދުކަނޑާލީ، މިދިޔަ އަހަރުގެ މަރޗްމަހުގެ މިޑް ޗުއްޓީއަށް ފަހުއެވެ. ކޯވިޑްގެ ކޭސްތަކުގެ އަދަދު މަދުވުމުން ސަރުކާރުން ދެއްވި ލުއިތަކާއިއެކު ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ހުރިހާ ގްރޭޑްތަކުގެ ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދޭން ފެށީ، މިއަހަރުގެ ޖެނުއަރީ 10ގައި ފެށި 2020ވަނަ އަހަރުގެ ދެވަނަ ޓަމާއެކުއެވެ.

ސްކޫލްތަކުގަ ކިޔަވައިދޭން ފެށީ ކޯވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތަކާއެކުއެވެ. އެގޮތުން އަތްދޮވެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ އިތުރުން ދަރިވަރުންނަށް ކިޔަވއިދެމުންދަނީ އެޗްޕީއޭގެ މިންގަޑާ އެއްގޮތަށް ގައިދުރުކަމާއެކުގައެވެ. މީގެ އިތުރަށް ދަރިވަރުންނާއި މުދައްރިސުންގެ އިތުރަށް ސްކޫލް މުވައްޒަފުންވެސް ތިބެންޖެހެނީ މާސްކް އަޅައިގެންނެވެ.