ޚަބަރު

ކާފިއުގެ ވަގުތުތަކުގައި އިމަރޖެންސީކޮށް ޓެކްސީ ދުއްވުމުގެ ހުއްދަ ދީފި


ކާފިއުގެ ވަގުތުގައި ޓެކްސީ ދުއްވުމުގެ ހުއްދަ ޓެކްސީ ސެންޓަރުތަކަށް ދީފިއެވެ. މާލޭގައި ކޯވިޑް ފެތުރޭ މިންވަރު ހަލުވިވަމުން ދިއުމާއެކު ހަވީރު 4 އިން ފަތިހު 4 އަށް ވަނީ ކާފިއު ހިންގަން ފަށާފައެވެ.

އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޕުރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ ކާފިއުގެ ވަގުތުތަކުގައި ޓެކްސީތައް ދުއްވުމަށް ހުއްދަ ދީފައިވަނީ އިމަރޖެންސީ ހާލަތްތަކަށްކަމަށެވެ. އެގޮތުން ހޮސްޕިޓަލްތަކަށާއި ފުލޫ ކްލިނިކްތަކަށް ދަތުރުކުރުމަށް ވަނީ ހުއްދަ ދޫކޮށްފައެވެ. އަބްދުﷲ ޝަރީފް ވިދާޅުވީ ޓެކްސީއަށް އަރާ ފަސިންޖަރުގެ އަތުގައި ކާފިއުގެ ވަގުތުތަކުގައި ބޭރަށް ދިއުމަށް ފުލުހުން ދޫކުރާ ޕާމިޓް އޮތްތޯ ބެލުމަކީ ޓެކްސީ ޑްރައިވަރުގެ ޒިންމާއެއްކަމެވެ. އަދި ޓެކްސީ ހުއްޓުވާ ފުލުހުން ބަލާވަގުތުތަކުގައި އެ ހުއްދަ ނެތްނަމަ ޓެކްސީއަށް ދޫކޮށްފައިވާ ހުއްދަ ބާތިލް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުން ވަނީ ކާފިއުގެ ވަގުތުތަކާއެކު މާލޭގެ ޕަބްލިކް ޓްރާންސްޕޯޓަށްވެސް ބޮޑެތި ބަދަލުތަކެއް އަންނާނެކަން ފާހަގަކުރައްވާފައެވެ. އެގޮތުން މާލެއިން ހުޅުމާލެއަށް ދާ އެންމެ ފަހު ބަސް އޮންނަނީ ހަވީރު 16:00 ގައި ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި ޕެޓްރޯލް ޝެޑްތައްވެސް އަޞުރު ނަމާދާ ހިސާބުން ބަންދުވާނެއެވެ.

މީގެ އިތުރަށް ޑިއުޓީ ނޫންގަޑިތަކުގައި ބައެއް މީހުން އޮފީހުގެ ފާސް ބޭނުންކޮށްގެން ބޭރުގައި އުޅޭތީ އެކަން ނުކުރުމަށް ފުލުހުންވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މަގުމަތީގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ވެސް ފުލުހުންގެ ޚާއްސަ ހުއްދައެއް ދޫކުރާނެ ކަމަށް ފުލުހުން ވިދާޅުވެއެވެ.

ކޯވިޑް ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މާސްކު ނާޅާ އުޅޭ މީހުންނާއި ކާފިއު ވަގުތު ބޭރަށް ނިކުމެ އުޅޭ މީހުން އަދި ހުއްދަ ނެތި އުޅަނދު ދުއްވާ މީހުން ޖޫރިމަނާކޮށް ފިޔަވަޅު އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި މަސައްކަތުގެ ތެރެއިން ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭގައި އާންމު ތަންތަނުގައި މާސްކް ނާޅާ އުޅުނު 141 މީހަކުވަނީ ޖޫރިމަނާ ކޮށްފައެވެ. އަދި ކާފިއު ވަގުތު ބޭރުގަައި އުޅުނު 160 މީހަކާއި ވެހިކަލް ދުއްވި 23 މީހަކު ވެސް ވަނީ ޖޫރިމަނާކޮށްފައެވެ. މާސްކު ނާޅާ އުޅޭ މީހުންނާއި ކާފިއުއާއި ޚިލާފުވާ މީހުން ޖޫރިމަނާ ކުރަނީ 1،000 ރުފިޔާ އިންނެވެ.