ޚަބަރު

ކޯވިޑް-19 : ކާފިއު ގަޑި ހަވީރު 4:00އަށް އަވަސްކޮށް، އިތުރު ފިޔަވަޅުތަކެއް


މާލެ ސަރަހައްދުގެ ކާފިއުގެ ވަގުތު ފެށުން މާދަމާއިން ފެށިގެން ހަވީރު 4:00އަށް އަވަސްކޮށް މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން ހުއްޓާލުމާއެކު ކޯވިޑް-19ގެ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށްފިއެވެ.

މާލެ ސަރަޙައްދުގައި މިހާއު އޮތް ކާފިއު މާދަމާއިން ފެށިގެން އިތުރު ހަފްތާއެއްގެ މުއްދަތަށް އިތުރުކޮށް، ކާފިއު ފެށޭވަގުތު މިވަނީ އަވަސްކޮށްފައެވެ. އެގޮތުން މާލެއާއި ހުޅުމާލެއާއި ވިލިމާލެ ހިމެނޭހެން މިސަރަޙައްދުގައި ހަވީރު 4އިން ފެށިގެން ފަތިހު 4އާ ހަމައަށް ބޭރަށް ނުކުމެ އުޅުމަކީ މަނާކަމެކެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް އިތުރު ފިޔަވަޅުތަކެއްވެސް އެޗްޕީއޭއިންވަނީ އަޅުއްވާފައެވެ. އެގޮތުން ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިންބުރިމުގެ ކަންކަން ހުއްޓާލުމަށް އަންގައި މިފަދަ ތަންތަނުން ޓެކްއަވޭއާއި ޑެލިވަރީގެ ޚިދުމަތް ދިނުމުގެ ހުއްދަ އެޗްޕީއޭއިންވަނީ ދެއްވާފައެވެ. ޕޮލިސް ޕަރމިޓްއާއެކު ޑެލިވަރީގެ ޚިދުމަތްދެވޭނީ މެންދަމު 12 ޖެހުމާ ހަމައަށްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި މިގައިޑްލައިނާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅުއަޅާ އެފަދަ ވިޔަފާރިތައް 24 ގަޑިއިރަށް ބަންދުކުރާނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މިގޮތަށް ނިންމާފައިވަނީ 12ވަނަ ދުވަހުން ފެށިގެން އަންނަ އަންގާރަވަނަދުވަހުގެ ނިޔަލަށެވެ. ހަމައެއާއެކު މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން ހުއްޓާލުމަށްވެސްވަނީ އަންގަވާފައެވެ.

ކޯވިޑް-19ގެ ނުރައްކާ ބޮޑުވެފައިވާއިރު ރައްކާތެރިކަމަށްޓަކައި ފުރަބަންދަކަށް ދިއުމާގުޅޭ މަޝްވަރާތައް ކުރަމުންދާކަމަށް މަޢުލޫމާތު ލިބެއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް ފިޔަވަޅުތައް ވަރުގަދަ ކުރަމުން އަންނައިރު މިމަސް ފެށުނީއްސުރެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އުޅެނީ ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 500އިން މަތީގައެވެ. އަދި ވޭތުވެދިޔަ 2 ރޭވެސް ޕޮޒިޓިވްވާ މިންވަރު ހުރީ 1000އިން މަތީގައެވެ. އަދި މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި ދިހަހާހަށްވުރެ މީހުންނަށް އަންނީ ފަރުވާ ދެމުންނެވެ. އަދި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން 244 މީހަކަށް ފަރުވާދެމުން އަންނައިރު މީގެތެރެއިން ބައެއް މީހުންގެ ޙާލަތު ވަރަށް ގޯސްކަމަށް އެޗްއީއޯސީއިން ހާމަކުރައްވައެވެ. އަދި މީގެ ތެރޭގައި ޒުވާން އުމުރުގެ މީހުން ގިނަކަންވެސް އެސެންޓަރުން ފާހަގަކުރައްވައެވެ.