ޚަބަރު

އާއިލީ މައްސަލަތަކާއި ކުޑަކުދިންގެ މައްސަލަތައް އިތުރުވެއްޖެ


މިއަހަރުގެ ތެރޭގައި މިނިސްޓްރީއަށް ހުށައެޅުނު އާއިލީ މައްސަލަތަކާއި، ކުޑަކުދިނާ ގުޅުން ހުރި މައްސަލަ މިދިޔަ އަހާރާއި އަޅާ ބަލާއިރު ވަރަށް ބޮޑު ތަން އިތުރުވެފައިވާ ކަމަށާއި، މިކަން ޙައްލު ކުރުމަށާއި އާއިލާތަކަށް އިޖްތިމާއީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށް މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ ހިންގެވުމާއި ޙަވާލު ވެ ހުންނެވި ބަންޑާރަ ނައިބު މުޙައްމަދު އަނިލް ވިދާޅުވެއްޖެއެވެ.

އެޓަރނީ ޖެނެރަލް އަލްއުސްތާޛް މުޙައްމަދު އަނިލް މިއަދު މީޑިއާތަކާ ބައްދަލު ކުރެއްވީ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރއިން އަދި މި މިނިސްޓްރީއާގުޅުންހުރި މި މިނިސްޓްރީގެ ދަށުން ހިނގާ އަދި މިނިސްޓަރގެ ދަށުން ހިނގާ ތަންތަނާ ގުޅުންހުރި މަޢުލޫމާތު މީޑީއާ އާއި ހިއްސާ ކުރެއްވުމަށެވެ. ޚާއްޞަ ގޮތެއްގައި ވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި މިހާރުގެ ސަރުކާރުން، މި މިނިސްޓްރީ އަދި މި މިނިސްޓްރީއާ ގުޅުންހުރި ތަންތަނުން ކޮށްފައިވާ މުހިންމު މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ޙިއްސާ ކުރައްވާފައިވެއެވެ. 

މިނިސްޓަރުގެ ވާހަކަފުޅުގައި މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކަކީ ވަރަށް މުހިންމު އަދި ގިނަ ފަހަރު ވަރަށް ޙައްސާސީ މަސައްކަތްތަކެއްކަން ފާހަގަކުރައްވާފައިވެއެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ކުޑަކުދިންނާއި އާއިލާތަކާއި ގުޅޭ ގިނަ މައްސަލަތަކެއް މިއަހަރުގެ ތެރޭގައި މިނިސްޓްރީއަށް ހުޝަހެޅިފައިވާ ކަމަށާއި މިއީ މިދިޔަ އަހަރާއި އަޅާ ބަލާއިރު ވަރަށް ބޮޑު ތަން އިތުރު އަދަދެއް ކަމަށެވެ.

މިނިސްޓްރީ އޮފް ލޯވް އެންޑް ޖެންޑަރގެ ދަށުން ވިލިމާލޭގައި ހިންގާ ކުޑަކުދިންގެ ހިޔާއާއި ބެހޭ ގޮތުން މިނިސްޓަރ ވިދާޅުވީ، ހިތްހަމަޖެހިވަޑައިގަންނަވާ މިންވަރަށް އެތަނުގެ މަސައްކަތް ތަރައްޤީ ކުރެވި އެތަނުން ޚިދްމަތް ދެމުން އަންނަކަމަށެވެ. އެހެންނަމަވެސް ކުޑަކުދިންގެ ހިޔާއަށް ގެނެވޭ ކުދިންގެ އަދަދު ވެސް އިތުރު ވަމުން އަންނަކަން ފާހަގަ ކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ އިޖްތިމާއީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި އެކު، އަދި މިކަންކަމަށް އާއްމުން ހޭލުންތެރި ކުރުވުމަށް ފާއިތުވީ ދެއަހަރު ދުވަހުގެ ތެރޭގައި ގިނަ ގުނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. އަދި ގިނަ މަސައްކަތްތައް އަތޮޅުތަކައް ބަހާލައިގެން ލާމަރުކަޒީ އުޞޫލުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ.