ކުޅިވަރު

ގައުމީ ޓީމު މިމަހުގެ ފަހުކޮޅު ޗައިނާއަށް ފުރަނީ


ވޯލްޑް ކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ގައުމީ ޓީމްގެ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ޗައިނާއަށް ކުރިން ދާން އެފްއޭއެމުން މަސައްކަތް ފަށައިފިއެވެ. ގައުމީ ޓީމްގެ ފަރިތަކުރުންތައް ފަށަން މިދިޔަ މަހު ނިންމި ނަމަވެސް ފަރިތަކުރުން މަޑުޖެހިފައިއޮތީ މާލޭގައި ކޯވިޑް-19ގެ ކޭސްތައް އިތުރުވުމާއި ގުޅިގެންނެވެ.

މުޅި ދުނިޔޭގައި ކޯވިޑް-19ގެ ކޭސްތައް އިތުރުވުމާއި ގުޅިގެން އޭއެފްސީއިން ވަނީ ގިނަ މުބާރާތްތަކެއް ސެންޓްރަލައިޒްކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. އެގޮތުން ވޯލްޑް ކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ރާއްޖޭގެ ހިމެނޭ ގުރޫފްގެ މެޗްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ޗައިނާގައެވެ. މިމެޗްތައް މިހާރު ކުޅެން ތާވަލްކޮށްފައިވަނީ މިމަހުގެ 30 އިން އަންނަ މަހުގެ 15އަށެވެ. އަދި މެޗްތައް ކުޅޭނީ ޗައިނާގެ ސޫޒޯގައެވެ.

އެފްއޭއެމުން ގައުމީ ޓީމް ޗައިނާއަށް އަވަހަށް ފޮނުވަން ނިންމާފައިވަނީ މި މެޗްތަކަށް ރަގަނޅަށް ތައްޔާރުވުމަށެވެ. މާލޭގައި ކޯވިޑް-19ގެ ކޭސްތައްއެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާތީ، މާލޭގައި ފަރިތަކުރުންތައް ކުރިއަށްގެންދިއުމަށް ގިނަ ހުރަސްތަކެއް ހުރިކަމަށްވެސް އެފްއޭއެމުން ވިދާޅުވެއެވެ.

މިމުބާރާތުގައި އަންނަ މަހުގެ 3 ގައި ރާއްޖޭ ވާދަކުރާނީ ޗައިނާއާއި ދެކޮޅަށް، ޖޫން މަހުގެ 7ވަނަ ދުވަހު ސީރިޔާއާއި ދެކޮޅަށް ކުޅުމަށްފަހު ގުރޫޕްގައި ރާއްޖެ ކުޅޭ ފަހު މެޗްގައި ވާދަކުރާނީ ފިލިޕީންސާ ދެކޮޅަށެވެ. ގުރޫޕް އޭގައި ރާއްޖެއޮތީ ހަތަރު ވަނައިގައެވެ. އެއީ 4 މެޗުން ލިބިފައިވާ 6 ޕޮއިންޓްއާއެކުއެވެ. މި ގުރޫޕްގެ 1ވަނައިގައި އޮތީ 15 ޕޮއިންޓާއެކު ސީރިއާއެވެ. ޗައިނާ ތާވަލްގެ 2ވަނައިގައި އޮތީ 7 ޕޮއިންޓާއެކުއެވެ. ތާވަލްގެ ތިންވަނައިގައި 7 މެޗުން ފިލިޕީންސެވެ. މި ގުރޫޕްގެ އެންމެ ފުލުގައި އޮތީ ގުއާމެވެ.