ތަރައްްޤީ

"ވިލިދޫނި ބަގީޗާ"ގެ މަސައްކަތް ނިންމާލައިފި


ވިލިމާލޭގައި ސިޓީ ކައުންސިލާއި އަމިއްލަ ފަރާތަކާ ގުޅިގެން ކުޑަކުދިންގެ ޕާކެއް ތަރައްޤީކޮށްފިއެވެ.

ވިލިމާލޭ ހުޅަނގުން އޮންނަ ބޯޓް ޔާޑް ކުރިމަތިން 26 ނަމްބަރު ކޮށީގައި 4500 އަކަފޫޓުގެ ބިމެއްގައި މިޕާކް ތަރައްޤީކޮށްފައިވަނީ ސިޓީ ކައުންސިލާއި އަމިއްލަ ޖަމްއިއްޔާއެއްކަމަށްވާ ފިޔަ ފައުންޑޭޝަންއާއި ގުޅިގެންނެވެ.

"ވިލިދޫނި ބަގީޗާ"ގެ ނަމުގައި ތަރައްޤީކުރި މި ޕާކަކީ ޢާއްމުކޮށް ކުޑަކުދިންގެ ޕާކްތަކުގައި ހުންނަ ސީސޯއާއި އުނދޯލި ފަދަ ތަކެތި ހިމަނައިގެން ތަރައްޤީކޮށްފައިވާ ޕާކެކެވެ. މިތަކެތި ދީފައިވަނީ ސިޓީ ކައުންސިލްގެ ފަރާތުންނެވެ. ތަކެތި ބެހެއްޓުމާ ޕާކް ތަރައްޤީކުރުމުގެ އެހެނިހެން މަސައްކަތްތައް ކޮށްފައިވަނީ ފިޔަ ފައުންޑޭޝަންގެ ފަރާތުންނެވެ. މި ޕާކު ތަރައްޤީކުރުމުގެ މަސައްކަތް ނިންމާ، އެތަން މިހާރު ވަނީ ސިޓީ ކައުންސިލާއި ޙަވާލުކޮށްފައެވެ.

މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ، މި ދުވަސްވަރަކީ ކޯވިޑް-19ގެ ނުރައްކާ މާލޭ ސަރަޙައްދުގައި ބޮޑުވެފައިވާ ދުވަސްވަރަކަށްވެފައި، އެޗް،ޕީ.އޭއިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ޕާކުތައް ބަންދުކޮށްފައިވާތީ، ވިލިމާލޭގައި ތަރައްޤީކޮށްފައިވާ މި ޕާކު މިވަގުތަށް ބަންދުވާނެކަމަށެވެ. ނަމަވެސް ޕާކްތައް ހުޅުވުމުގެ ހުއްދަ ލިބުމާއެކު މި ޕާކްވެސް ޢާއްމުކޮށް ހުޅުވާލާނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

ވިލިމާލެއަކީ ހިތްފަސޭހަ ޚިދުމަތްތައް ފުރިހަމަ ރަށަކަށް ހެދުމަށް މާލޭ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ދަށުން އިތުރު 2 ޕާކް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައިއެވެ. މި 2 ޕާކްގެ ޑިޒައިން މަސައްކަތްތައްވެސް މިހާރު ނިމިފައިވާކަމަށް ސިޓީ ކައުންސިލުން ވިދާޅުވެފައިވެއެވެ.

ޙުލިސާ

???? މާލޭގައި ވީރާނާ ވަމުންދާ ޕާކްތައް މަރާމާތުކުރައްވާނެ ކަމަށްވެސް އުންމީދު ކުރަން.