ޚަބަރު

މޫސުމަށް ސަމާލުވޭ، ކުރިއަށްއޮތް 5 ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ


ކުރިއަށްއޮތް 5 ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިއަހަރުގެ ހުޅަނގު މޫސުން ރާއްޖޭ ސަރަޙައްދަށް ފެށެން ކައިރިވުމާއި ގުޅިގެން މާދަމާއިން ފެށިގެން ކުރިއަށްއޮތް 5 ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށެވެ. އަދި ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށާއި، އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. މީގެއިތުރުން ރާއްޖޭގެ ކަނޑުތައް ގަދަވެ، ބައެއް ރަށްތަކަށް އުދައެރެން އެކަށީގެންވާކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުން ލަފާކުރާގޮތަށް ބަލާއިރު، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުންވެސް އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އަދި އެ އިދާރާއިން ވަނީ މާލެއަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ވައިޓް އެލަރޓްވެސް ނެރެފައެވެ.

އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ހާމަކުރައްވާފައިވެއެވެ.

ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެތީ، ހުރިހާ ފަރާތްތަކުން ޚާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުއްވުމަށްވެސް އެ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.