މާލެ ސަރަޙައްދުން ކޯވިޑް19އަށް ޓެސްޓްކުރާ ކޮންމެ 5 މީހެއްގެ ތެރެއިން 3 މީހަކު ކޯވިޑަށް ޕޮޒިޓިވްވަމުންދާކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ވޭތުވެދިޔަ 24 ގަޑިއިރުވެސް ހަމައެކަނި މާލެ ސަރަޙައްދުން 900 އަށްވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވިއެވެ.
ވޭތުވެދިޔަ މަހެއްހާ ދުވަހަށް ބަލާއިރު ރާއްޖޭގައި ބަލި ޖެހޭ މީހުންގެ ނިސްބަތް އެވަރެޖްކޮށްހުރީ 400އާ ގާތްކުރާ އަދަދަކަށެވެ. ނަމަވެސް ޙާލަތު އިންތިހާއަށް ގޯސްވެ ރާއްޖޭގައި ބަލި ޖެހޭ މީހުންގެ ނިސްބަތް ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހު 700އިން ވަނީ މައްޗަށް އަރާފައެވެ. އަދި ނިމުނު 24ގަޑިއިރަކީ ރާއްޖޭގައި އެއް ދުވަހެއްގައި ކޯވިޑް19ގެ ކޭސްތައް އެންމެ މަތީ އަދަދަކަށް ރިކޯޓްކުރި މުއްދަތެވެ. ކޭސްތަކުގެ އަދަދު 1000 ފަހަނައަޅާވަނީ ގޮސްފައެވެ. ވޭރުވެދިޔަ 24 ގަޑިއިރު ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1091 އަރައެވެ. މާލެ ސަރަޙައްދުން ރެކޯޑް އަދަދަކަށް މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. 933 މީހުން ހަމައެކަނި މާލެ ސަރަހައްދުން ޕޮޒިޓިވްވުން ދޭހަވަނީ މުޖުތަމަޢުގެ ތެރޭގައި ބަލީގެ ނުރައްކާ ބޮޑުވެފައިވާ މިންވަރެވެ.
ބަލިން ރަނގަޅުވާ މީހުންގެ އަދަދަށްވުރެ ބަޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އެތައް ގުނައައެއް މައްޗެވެ. އެގޮތުން މިހާރުވެސް ރާއްޖޭގައި ކޯވިޑް19އަށް ފަރުވާހޯދަމުންދާ މީހުންގެ އަދަދު އުޅެނީ 9000 އިން މަތީގައެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން އެންމެ ބޮޑު ކަންބޮޑުވުމެއް ފާޅުކުރަނީ، ރެންޑަމް ސާމްޕަލްއާ އަދި ފްލޫކްލިނިކަން ދައްކާ މީހުން ބައްޔަށް ޕޮޒިޓިވްވާ މިންވަރު އިތުރުވުމެވެ. މިކަމުގެ ފެންނަނީ މާލެ ތެރޭގައި ބަލި ފެތުރި ނުރައްކާ ބޮޑުވެފައިވާ ވަރެވެ. އެގޮތުން މާލެ ސަރަޙައްދަށް ބަލާއިރު ސާމްޕަލް ޓެސްޓުކުރާ ކޮންމެ 5 މީހުންގެ ތެރެއިން 3 މީހުންދަނީ ބައްޔަށް ޕޮޒިޓިވްވަމުންނެވެ. އެއީ ކޮވިޑަށް ޓެސްޓުކުރާ މީހުންގެ %60 މީހުންނެވެ.
ފްލޫ ކްލިނިކްއަށް ދައްކާ މީހުންގެ ތެރެއިން، ވޭޓުވެދިޔަ ދެ ހަފްތާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ކްލިނިކަށް ދައްކާ މީހުންގެ ތެރެއިން ބައްޔަށް ޕޮޒިޓިވްވާ އިންސައްތަ 4 ގުނަވަނީ އިތުރުވެފައެވެ.
ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އިތުރުވުމުގެ ސަބަބުން، އެމީހުންނަށް ބޭނުންވާ ފަރުވާ ދިނުމުގައި ހުރި ގޮންޖެހުންތަކާމެދުވެސް ކަމާގުޅޭ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރަމުންދާ ސިއްޙީ އެހީތެރިންގެ %55 މީހުން މިހާރު މަސައްކަތްކުރަމުންދަނީ ސީދާ ކޮވިޑްއަށް ފަރުވާދިނުމުގެ މަސައްކަތުގައިކަމަށެވެ. އަތޮޅުތަކުން ޕޮޒިޓިވްވާ މީހުން އިތުރުވެ، އަތޮޅުތަކުގެ ފެސިލިޓީތަކުން ފަރުވާ ހޯދާ މީހުންވެސް ވަނީ އިތުރުވެފައެވެ.
"ސްޕެޝަލިސްޓުން، މެޑިކަލް އޮފިސަރުން، ނަރުހުން، ކޮމިއުނިޓީ ހެލްތް ވޯކަރުން، މިއީން ކޮންމެ ދާއިރާއަކަށް ބެލިއަސް %55 މީހުން މިހާރު މަސައްކަތްކުރަމުންދަނީ ކޮވިޑް ރެސްޕޮންގަ." މަބްރޫކް އަޒީޒް ވިދާޅުވިއެވެ.
ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވަނީ 250 އަށް އަރާފައެވެ. މީގެތެރޭގައި އައިސީޔޫއާ ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާދޭންޖެހޭ މީހުންގެ އަދަދުވަނީ އިތުރުވެފައެވެ. ވޭތުވެދިޔަ ހަތަރުވަރަކަށް ދުވަހު ބަލީގައި 13 މީހުން ރާއްޖެއިން މިވަނީ ނިޔާވެފައެވެ. މިހާތަނަށް ނިޔާވި މީހުންގެ ޖުމްލަ 86އަށް އަރައެވެ.