ރާއްޖެއިން އިތުރު 1091 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މީގެ ތެރޭގައި އޭޕްރީލް މަހުގެ 30 ވަނަ ދުވަހުން މިމަހުގެ 7 ވަނަ ދުވަހާ ހަމަޔަށް ނަގާފައިވާ ސާމްޕަލްތައް ހިމެނެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ގެ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެގެ އިރުއޮއްސި 6:00އިން ފެށިގެން މިއަދު އިރުއޮއްސި 6:00އާ ހަމައަށް އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައިވަނީ މާލޭ ސަރަޙައްދުންނެވެ. އެގޮތުން މާލޭ ސަރަޙައްދުން އެކަނިވެސް 760 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު މިއަދު އެޗްޕީއޭއިން އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު 933 މީހަކު މާލެ ސަރަޙައްދުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި އަތޮޅުތަކުގެ ރަށްރަށުން 147 މީހުން ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކުން 6 މީހަކާއި ސަފާރީތަކުން 3 މީހުންވަނީ ޕޮޒިޓިވްވެފައެވެ. އަދި ސަފާރީތަކުން 3 މީހަކުވެސް ވަނީ ޕޮޒިޓިވްވެފައެވެ. މިއަދު ޕޮޒިޓިވްވި 1091 މީހުންގެ ތެރޭގައި މިދިޔަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން 7 މެއި އާ ހަމަޔަށް ނެގި ސާމްޕަލްތަކުގެ ތެރެއިން 431 ސާމްޕަލް ހިމެނެއެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 35،815އަށް އަރާފައެވެ.
ފަހަކަށް އައިސް ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުން ވަނީ ރެކޯޑް ޢަދަދަކަށް އިތުރުވާން ފަށާފައެވެ. އަދި ދުވަހެއް ދުވަހަކަށް ކޭސްތައް ދަނީ އިތުރުވަމުންނެވެ. މާލޭ ސަރަޙައްދުގެ އިތުރުން، އަތޮޅުތަކުގެ ރަށްރަށުގައިވެސް ވަރަށް ހަލުވިކަމާއެކު ދަނީ ބަލި ފެތުރެމުންނެވެ.
ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު 307 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 26،299 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ޕޮޒިޓިވް ކޭސްތައް އިތުރުވާން ފެށުމާގުޅިގެން މިބައްޔަށް ފަރުވާ ހޯދަމުންދާ މީހުންނާއި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދާ މީހުންގެ ޢަދަދުތައްވެސް ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން މިވަގުތު ބައްޔަށް 9،423 މީހުން ފަރުވާ ހޯދަމުންދާއިރު މީގެތެރެއިން 250 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 4،507 ސާމްޕަލެއް ވަނީ ނަގާފައެވެ.
މިހާތަނަށް މިބަލީގައި ރާއްޖެއިން 84 މީހުންވަނީ ނިޔާވެފައެވެ. އެއީ 71 ދިވެހިންނާއި 13 ބިދޭސީންނެވެ.