ޚަބަރު

ކޯވިޑް-19 : ބިރު ފަހަނައެޅިޔަސް، ނުރައްކާ ކުޑައެއް ނޫން


ކޯވިޑް-19 ނުރައްކާ ޙާލަތަކަށް ދާ ވާހަކައަކީ މިހާރު ޢާއްމު ވާހަކައަކަށް ވެއްޖެއެވެ. ބައެއް މީހުންނަށް އެވާހަކައަކީ އާދައިގެ ވާހަކައަކަށްވެސް ވެނިމިއްޖެއެވެ. ބަލީގެ ފުރަތަމަކޮޅު ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު 100އިން މައްޗަށް އެރުމާއެކު އެއީ އެތައްބަޔަކު ކަންބޮޑުވެ ގިނަބަޔަކަށް ހާސްކަން ގެނުވި ކަމެކެކެވެ. އެހެންނަމަވެސް ހައިރާންވަނީ މިހާރު ބަލީގެ ނުރައްކާ މީގެ ހަތްގުނަ އިތުރުވެފައިވާއިރު މިކަމުގެ ސީރިއަސްކަން އެއްވެސް ދިމާލަކުން ނުފެންނާތީއެވެ.

އަހަރު ފެށުނުފަހުން ކޭސްތައް ޕޮޒިޓިވްވާ ނިސްބަތް 100އިން މަތީގައި ހުރިއިރު ރައްކާތެރިކަމަށްޓަކައި ފަރުދީ ގޮތުން އަޅަންޖެހޭ ފިޔަވަޅެއް އެޅުންފިޔަވައި އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. ޢާއްމުންގެ ގިނަބައެއްގެ ކިބައިންވެސް ފެންނަނީ ބަލީގެ ނުރައްކާ ނެތްފަދަ އުޅުމެކެވެ.

އެއްބަޔަކު ބަލީގެ ނުރައްކަލާ ކުރިމަތިނުލާ ރައްކާތެރިކަމާއެކު ގޭގައި ތިބިއިރު އަނެއްބަޔަކު ބައްޔާ ދެކޮޅަށް ހަނގުރާމަކުރާއިރު މިހުރިހާ ބައެއްގެ ކެތްތެރިކަމުގެ އިން ފަހަނައަޅައި ދާ ހިސާބަށް ގޮސްފިއެވެ. އެހެންނަމަވެސް މަގުމަތީ އެއްވެސް ރައްކާތެރިކަމެއްނެތި އެނބުރޭ މީހުންނަކަށް ބަދަލެއް ނާދެއެވެ.

މިބަލި ރާއްޖޭގައި ފެތުރެންފެށި ފަހުންވެސް އެންމެ ނުރައްކާ ދުވަސްވަރަކަށް ވާނީ މިހާރު މިއޮތް ޙާލަތެވެ. ބަލީގެ ހަތަރުވަނަ ރާޅާއެކު ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދުވަނީ 500އިން މައްޗަށް އަރާފައެވެ. މިދިޔަ ހަފްތާއަކީ މިބަލީގައި ރާއްޖެ ގިނަ ރިކޯޑުތަކެއް ޤާއިމުކުރި ހަފްތާއަކަށެވެ. އެގޮތުން އެންމެ ގިނަ މީހުން އެއް ހަފްތާގެ ތެރޭގައި ޕޮޒިޓިވްވުމާއި އެންމެ ގިނަ މީހުން އެއް ދުވަސްތެރޭ މަރުވުމާއި މިހާތަނަށް ބައްޔަށް އެއްދުވަހެއްގެ ތެރޭ ހުށައެޅުނު މީހުން އެންމެ ގިނަ ވިދުވަހާއި ބަލީގައި ޙާލތު ބޮޑުވެ އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ ނިސްބަތްވެސްވަނީ އިތުރުވެފައެވެ.

މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ހަފްތާގެ ނިޔަލަށް ރާއްޖެއިން މިބައްޔަށް 4200 އަށްވުރެ ގިނަ މީހުންވަނީ ޕޮޒިޓިވްވެފައެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު މިބަލީގައި 6 މީހަކުވަނީ ނިޔާވެފައެވެ. ދެ ދުވަސްތެރޭ މިބަލީގައި 8 މީހުންވަނީ ނިޔާވެފައެވެ. އަދި މިބައްޔަށް އެއް ދުވަހެއްގެ ތެރޭގައި މިހާތަނަށް އެންމެ ގިނަ މީހުން ޕޮޒިޓީވްވީވެސް މިދިޔަ ހަފްތާގެ ތެރޭގައެވެ. ހުކުރު ދުވަހު މިބައްޔަށް ވަނީ 766 މީހުން ޕޮޒިޓިވް ވެފައެވެ. އަދި އެއީ އެންމެ ގިނަ ބަޔަކު މިހާތަނަށް އެޑްމިތްކޮށްގެން ފަރުވާ ދިން ދުވަސްވެސްމެއެވެ. އެގޮތުން 205 މީހުން އެދުވަހުވަނީ އެޑްމިޓްކޮށްފައެވެ.

ދުވަހެއްދުވަހަށް ބައްޔަށް ހުށަހެޅޭ މީހުންގެ ނިސްބަތް އިތުރުވުމާއެކު މިހާރުވަނީ ފިޔަވަޅުތައް ވަރުގަދަ ކުރަން ފަށާފައެވެ. އެގޮތުން ރޭގަނޑު 9އިން ފަތިހު 4 ޖެހުމާ ހަމައަށް ކާފިއު ޢިއުލާންކޮށް ބޭރުތެރޭ އުޅުންވަނީ މަނާކޮށްފައެވެ. މިފިޔަވަޅުތަކާއެކުވެސް ބަލީގެ ނުރައްކާ ކުޑަ ނުކުރެވޭނަމަ ލޮކްޑައުންއަކަށް ދާންޖެހިދާނެކަމުގެ އިޝާރާތެއް ކަމާބެހޭ ފަރާތްތަކުންވަނީ މިހާރު ދެއްވާފައެވެ. އެހެންނަމަވެސް އެއީ އަމިއްލަ ވިޔަފާރިތަކާއި ސިއްޙީ ވަޞީލަތްތައް ހޯދުމަށް އަދި ޢާއްމުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ކުރިމަތިވާ ބޮޑު ދައްޗެކެވެ.

ފުރަތަމަ ފުރަބަންދުން އަރައިނުގަނެވޭއިރު މިއީ ރާއްޖޭގެ އިޤްތިޞާދަށް އޮތް އިތުރު ނުރައްކަލެކެވެ. މިގޮތް ބޭނުން ނޫންނަމަ ބޭރު ތެރޭ އުޅުމުގައިވެސް އަމިއްލައަށާއި އެހެން މީހުންނަށްވެސް މާސްކު އެޅުމަށާއި ގައިދުރުކަން ޤާއިމުކުރުމަށް ހަނދާންކޮށްދޭހާ ޙާލަތު މިވަނީ ގޯސްވެފައެވެ.