ރޭގަނޑު ނުވައަކުން ފެށިގެން ސިނަމާލެ ބްރިޖް ބަންދުކުރާނެކަމަށާއި އޭގެ ކުރިން ދަތުރުތައް ނިންމުމަށް ފުލުހުން އިލްތިމާސްކުރައްވައިފިއެވެ. ކޯވިޑް އާއި ގުޅިގެން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން އެޗްޕީއޭއިން ވަނީ ރޭގަނޑު21:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގާ އެއްގަމު އުޅަނދު ދުއްވުމަކީ މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް ވިދާޅުވީ ކާފިއު ވަގުތު ފެށުމާއެކު ބްރިޖް ބަންދު ކުރާނެ ކަމަށެވެ. އަދި އެވަގުތުތަކުގައި ވެހިކަލް ދުއްވުން މަނާވާނެކަން ހާމަކުރައްވާ ޝަރީފް ވިދާޅުވީ ކުރިއަށްވުރެ ގިނައިން ފުލުހުން މަގުތަކަށް ނެރެ އެ އަމުރު ތަންފީޒް ކުރަމުން ގެންދާނެކަމަށެވެ. ޝަރީފް ވިދާޅުވީ ރޭގަނޑު ނުވައެއްގެ ފަހުން ބުރިޖްއިން ދަތުރުކުރުމުގެ ހުއްދަދެވޭނީ ހުއްދަ އޮތް ފަރާތްތަކަށް އެކަނި ކަމަށެވެ. ކާފިއު ވަގުތު ފެށުނު ނަމަވެސް މަގުތައް ހިމޭންވަނީ އޭގެ އެތައް އިރެއް ފަހުން ކަން ފާހަގަކުރައްވާ އެގޮތަށް އަމަލު ނުކުރުމަށް ޝަރީފްވަނީ އިލްތިމާސް ކުރައްވާފައެވެ.
މާލޭގައި ކާފިއު ހިންގާ އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ވަގުތުތަކުގައި ހުއްދައާ ނުލާ ބޭރުގައި އުޅޭފަރާތްތައް ހުއްޓުވާ ޖޫރިމާނާކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މާސްކް ނާޅާ އުޅޭފަރާތްތައްވެސް ޖޫރިމަނާކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއެވެ. ހުއްދައާ ނުލާ ބޭރުގައި އުޅޭ މީހުންނާއި މާސްކް ނާޅާ އުޅޭ މީހުން ޖޫރިމަނާ ކުރަނީ 1000 ރުފިޔާއިންނެވެ.
ފުލުހުން ވަނީ މަނާ ވަގުތުތަކުގައި ޑިއުޓީއަށް ދާ ފަރާތްތައް ޑިއުޓީއަށް ދާއިރު އޮފީހުގެ ޔުނިފޯމް ނުވަތަ މުވައްޒަފެއްކަން އަންގައިދޭ ފާސް ހިފައިގެން ދިއުމަށް އިލްތިމާސްކުރައްވާފައެވެ.
މާލޭގައި ކާފިއު ހިންގަން ފަށާފައި މިވަނީ ކޯވިޑްގެ ކޭސްތައް އިންތިހާއަށް އިތުރުވަމުން އަންނާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ. ކާފިއުގެ އިތުރުން މާލެ ސަރަހައްދުގެ ސުކޫލުތަކާއި ކޮލެޖް، ޔުނިވާސިޓީ އަދި ގުރުއާން ކްލާސްތަކާއި ޓިއުޝަން ސެންޓަރުތައްވެސް ބަންދުކުރަން އަންގާފައެވެ. މީގެ އިތުރުން ޖިމްތަމާއި ކުޅިވަރު ކުޅޭ ތަންތަން އަދި ކަސްރަތު ކުރާ ތަންތަންވެސް ވަނީ ބަންދުކޮށްފައެވެ. މި ނޫނަސް ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.