ވިޔަފާރި

ކޯވިޑް-19 : އޭދަފުށީ ވިޔަފާރިތަކަށްވެސް ގެއްލުން


ނިމިދިޔަ 2020 ވަނަ އަހަރުގެ ރޯދަމަހު ކޯވިޑް19ގެ ބަލިމަޑުކަމާ ގުޅިގެން މުޅި ރާއްޖެ ލޮކްޑައުންކޮށް އެއްރަށުން އަނެއްރަށަށް މީހުން އަރާ ފޭބުން މަނާކުރިއެވެ. އޭރު ކޯވިޑްގެ ނުރައްކާ އޮތީ ހަމައެކަނި މާލެ ސަރަހައްދުގައެވެ. އެހެން ކަމުން ޒަރޫރީ ގިނަ ބޭނުންތަކަށް ބ. އަތޮޅުގެ ވިޔަފާރި ހަބެއްކަމަށްވާ އޭދަފުށްޓަށް މީހުން ދަތުރުކުރިއެވެ. އެކަމުގެ ސަބަބުން ވިޔަފާރިތައް ވަރަށް ބޮޑަށް ރަނގަޅުވެގެން ދިޔައެވެ.

އެކަމަކު މިފަހަރުގެ މިރޯދަމަހު ކޯވިޑް ބަލި އޭދަފުށިން ފެނި ޒަރޫރީ ބެނުމެއް ނެތްގޮތަކަށް މިދިޔަމަހުގެ 19 ވަނަދުވަހު އެރަށަށް އަރައި ފޭބުން މާނާކުރި ހިސާބުން ވިޔަފާރިތައް ދަށަށްގޮސްފައިވާކަމަށް އެރަށުގައި ވިޔަފާރި ކުރާ މީހުން ބުންޏެވެ.

ކޯވިޑް 19ގެ ބަލިމަޑުކަން އޭދަފުށިން ފެނުމާއެކު އެރަށަށް ބޭނުންވާ ޒަރޫރީ މުދާ ހުސްނުވާނެކަން އެރަށު ކައުންސިލުންވެސް ވަނީ މީގެކުރިން ކަށަވަރުކޮށްދެއްވާފައެވެ. ހަމަ މިގޮތަށް އަތޮޅުގެ ރަށްތަކަށް މީހުންއުފުލާ ފެރީތައް ހަމައެކަނި އެރަށްތަކަށް ބޭނުންވާ މުދާ އުފުލާ ފެރީތަކަށް ބަދަލުކޮށް، މުދަ ދަތިނުވެ ލިބޭނެ އިންތިޒާމް އޮންލައިން ޝޮޕިން މެދުވެރިކޮށް ފޯރުކޮށްދޭން ފެށިއެވެ.

ނަމަވެސް އޭދަފުށީގައި ކޯވިޑް ހާލަތު ގޯސްވުމުން އެކަންވެސް ހުއްޓާލަންޖެހުނެވެ. އެކަމުގެ މައިގަނޑު ސަބަބަކީ އަތޮޅު ތެރޭގައި ދަތުރުކުރާ ފެރީގެ މުވައްޒަފުން ކަރަންޓީން ކުރި ހިސާބުންނެވެ. މިދުވަސްތަކުގައި ވިޔަފާރި ވަރަށް ބޮޑަށް ދަށަށް ދިޔަކަމަށް އެމީހުން ބުނެނެވެ.

"އަހަރެމެން މުދާ ގެންނަނީ އަތޮޅުގެ އެހެން ރަށްތަކަށް ވާވަރަށް އެއީ އެމީހުންނަށް ސަޕްލައި ކުރާ މިރަށުންކަމަށްވާތީ ފެރީ ހުއްޓާލަން ޖެހުމުން ލިބުނު ގެއްލުން ވަރަށްބޮޑު އެ ފަހަރު ގެނައި ފިޔާ އަލުވި ބިސް ފަދަ ތަކެތި ހަލާކުވެ ތަރުކާރީގެ ބާވަތްތައްވެސް ހަލާކުވެގެން ދިޔަ. މިފަހަރު ރޯދައަށް ގެނައި ބަދިގެ ސާމާނުތައް އަދި ނުވިކި އެބަހުރި، އެއީ އަތޮޅުތެރެއިން މީހުންނާންނާތީ" އެރަށުގައި ހޯލްސޭލް ވިޔަފާރި އެންމެ ފުޅާކޮށްކުރާ ފަސްމުގޫ ގްރޫޕުން ބުނެޏެވެ.

ކޯވިޑްގެ ބަލިމަޑުކަމާ ގުޅިގެން އެރަށުގެ އާންމު ޙިދުމަތްދޭ ތަންތަން ވަނީ މުއްދަތެއް ނެތްގޮތަށް ބަންދުކޮށްފައެވެ. އަދި އެރަށު ކެފޭ ރެސްޓޯރަންޓް ހޮޓާތަކުން ޓޭކް އަވޭ އަދި ޑެލިވަރީގެ ޙިދުމަތް ފެށުމަށް އެރަށު ކައުންސިލުން އެންގިއެވެ. އެހިސާބުން މިވިޔަފާރި ކުރާ މީހުންނަށްވެސް ބޮޑެތި ގެއްލުން ތަކެއްވާން ފެށިއެވެ.

އޭދަފުށީގައި ވިޔަފާރި ކުރާ މީހުން ބުނީ މިދިޔަ އަހަރުގެ ރޯދައަށާއި އީދަށް ތައްޔާރު ނުވެވުނަސް މިއަހަރު ވަރަށް ބޮޑަށް ތައްޔާރުވިކަމަށެވެ. ބައެއް ވިޔަފާރިވެރިން ބުނީ، މިފަހަރު މުދާ ގެނައީ އޮންލައިންކޮށްކަމަށް ވާތީ ތަކެތީގެ އަގު ބޮޑުވެގެންދާނެކަމަށެވެ. ކޯވިޑް 19ގެ ބަލިމަޑުކަމާ ގުޅިގެން އަގުހެޔޮކޮށް ޑޮލަރު ނުލިބުމާއި ފްރައިޓް ޗާޖް ބޮޑުވުމާއި އޮންލައިންކޮށް އޯޑަރ ކުރަންޖެހުމަކީ ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެގެން ދާނެކަމެއްކަމަށް އެމީހުން ބުންޏެވެ.

"ޑޮލަރު ލިބުމުގައި ދަތިތަކެއް ކުރިމަތިވަނީ އަސްލު ބޭނުމެއް ނުވޭ އަގުބޮޑުކޮށް އެއްޗެހި ގެނަސްގެން ވިއްކާކަށް އެއީ ސްޓޮކް ނުވިކި ތާށިވާތީ އަގުބޮޑުކޮށް ޑޮލަރު ގަނެގެން ގެންނަ މުދާ އަގުބޮޑުކޮށް ވިއްކަން ޖެހުނީމާ މީހުން ނުގަނޭ" އެރަށުގައި ގާމަންޓްސް ވިޔަފާރި ފުޅާދާއިރާއެއްގައި ކުރާ ވިޔަފާރިވެރިއަކު ބުންޏެވެ.

ބ.އަތޮޅުގެ ވިޔަފާރީގެ މައި މަރުކަޒު އަދި ޒަރޫރީ އެތައް ބޭނުމަކަށް އަބަދު މީހުން އައިސް ގޮސް ހަދާ އޭދަފުށި މޮނިޓަރިންނަށްލީ ހިސާބުން އޭގެ ގެއްލުން ބައެއް އެހެން ސަރަޙައްދުތަކުގައި އުޅޭ ރައްޔިތުންނަށްވެސް ކުރިއެވެ. އެއީ އެއީ، ކޯވިޑްގެ ހާލަތުގައި މާލެ ސަރަހައްދު ބަންދުވެފައި އޮތުމާއި ގުޅިގެން އޭދަފުށްޓަށް ޟިއްޙީ ޙިދުމަތް ހޯދުމަށް ގިނަ ބަޔަކު އަންނާތީއެވެ.

އޭދަފުށި މޮނިޓަރިންއަށް ލާފައިވާއިރު މިހާރު އެރަށުގައި ކާފިއުވެސް ދަނީ ހިންގަމުންނެވެ. އެގޮތުން އެރަށުގައި ހަވީރު 4:00 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން ވަނީ މަނާކޮށްފައެވެ. މިކަމުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވާނެއެވެ. އެހެންކަމުން މިކަމުން އަރައިގަތުމަށް އެޗްޕީއޭއާއި ސިއްޙީ ވުޒާރަތަކާއި ފުލުހުން އަދި ކައުންސިލްތަކުން އަންގާ އެންގުންތަކަށް ތަބާވުމަކީ މިކަމުން އަރައިގަނެވެން އޮތް އެންމެ ރަނގަޅުގޮތެކެވެ.