ވިޔަފާރި

ވިޔަފާރީގެ ބޭނުމަށް ހިބަރުގެ މަސްވެރިކަން ކުރާ ފަރާތްތަކުން ލައިސަންސް ނަގަން ޖެހޭ


ވިޔަފާރީގެ ބޭނުމަށް ހިބަރުގެ މަސްވެރިކަންކުރާ ފަރާތްތަކުން ލައިސަންސް ނަގަން ޖެހޭގޮތަށް ފިޝަރީޒް މިނިސްޓްރީން ޤަވާއިދެއް އެކުލަވާލައިފިއެވެ.

މި ޤަވާއިދު މިހާރު ގެޒެޓްކޮށްފައިވާއިރު، މި ޤަވާއިދުގެ ބޭނުމަކީ ހިބަރުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން ތަންފީޛުކުރުމާއި، ރާއްޖޭގައި ކުރެވޭ ހިބަރުގެ މަސްވެރިކަމުގެ ފައިދާ ދިގު މުއްދަތަކަށް ދިވެހި ރައްޔިތުންނަށް ލިބޭނެ މަގު ފަހިކޮށްދީ ހިބަރުގެ މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި ޙަރަކާތްތައް ރާވައި، ހިންގައި، ބެލެހެއްޓުމުގެ އުސޫލުތައް ބަޔާންކުރުން ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.

ފިޝަރީޒް މިނިސްޓްރީން ނެރެފައިވާ ހިބަރުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާބެހޭ ގަވާއިދުގައިވާ ގޮތުން ވިޔަފާރީގެ ބޭނުމަށް ހިބަރުގެ މަސްވެރިކަންކުރާ އުޅަނދުފަހަރުތަކާއި، ވިޔަފާރީގެ ބޭނުމަށް ނުވަތަ އެކްސްޕޯޓުކުރުމަށް ހިބަރު ޕްރޮސެސްކުރުމުގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތަކާއި ތަންތަން ލައިސަންސް ނަގަން ޖެހޭނެއެވެ.

ފަރުދީ ފެންވަރުގައި އަމިއްލަ ފަރުދުން ހިންގާ މަސް ޕްރޮސެސްކުރާ ތަންތަނުގެ ތެރެއިން ދުވާލަކު އެ ތަނެއްގައި ޕްރޮސެސްކުރެވޭ މަހުގެ މިންވަރު 200 ކިލޯއަށްވުރެ ކުޑަ ތަންތަން؛ އަދި ހޮޓާ ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ފަރާތްތައް ލައިސަންސް ނަގާކަށް ނުޖެހޭނެ ކަމަށް ޤަވާއިދުގައިވެއެވެ.

ލައިސަންސް ފީގެ އަގަކީ 200ރ އެވެ. އަދި ލައިސަންސްގެ މުއްދަތަކީ 24 މަސްދުވަހެވެ.

ފިޝަރީޒް މިނިސްޓްރީންވަނީ ސައިޒުން ކުޑަ ހިބަރު ހިފުންވެސް މަނާކޮށްފައެވެ. އެގޮތުން 60 ސެންޓިމީޓަރު ހަމަނުވާ ހިބަރުގެ ބާވަތެއް ހިފުން ވަނީ މަނާކޮށްފައެވެ. އެހެން ނަމަވެސް އަމާޒުނުކޮށް ހިފޭ މި ބާވަތުގެ މަސް، އެންމެ ގެއްލުން ކުޑަވާ ގޮތެއްގެ މަތިން ލަސްނުކޮށް ދޫކޮށްލަން ވާނެކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.

ފިޝަރީޒް މިނިސްޓްރީން އާއްމުކޮށްފައިވާ ޤަވާއިދުގައިވަނީ ޖޫރިމަނާތަކުގެ ތަފްސީލްވެސް ބަޔާންކޮށްފައެވެ. އެގޮތުން ޞައްޙަ ލައިސަންސެއް ނެތި ހިބަރުގެ މަސްވެރިކަންކުރާ ދޯނިތައް، 3000ރ އިން ޖޫރިމަނާ ކުރުމަށް ހަމަޖެހިފައިވާއިރު، ކުށް ތަކުރާރުކޮށްފި ނަމަ ކުރިން ކުރި ޖޫރިމަނާގެ އިތުރުން 1000ރ އާއި 50،000ރ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ލައިސަންސް ލިބިފައިވާ އުޅަނދެއްގައި ބިދޭސީއަކު ގެންގުޅުން ނުވަތަ ބައިވެރިކޮށްފި ނަމަ ކޮންމެ ބިދޭސީއަކަށް 5000ރ ގެ ޖޫރިމަނާއެއް ދައްކަން ޖެހެއެވެ.