ޚަބަރު

ކޯވިޑް-19 : ދިއްދޫގެ 170އަށް ވުރެން ގިނަ ގެ ކަރަންޓީނުގައި


ހއ. ދިއްދޫން އިއްޔެ އެކަނިވެސް 21 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެރަށު ކައުންސިލް އިދާރައިން ހާމަކުރައްވައިފިއެވެ. އެއިދާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި އެރަށުގެ 170 ވުރެގިނަ ގެވަނީ ކަރަންޓީން ކޮށްފައެވެ.

މިމަހުގެ އެއްވަނަ ދުވަހު ރޯގާގެ އަލާމާތްތަކެއް ހުރެގެން ދިއްދޫ ފްލޫކުލިނިކަށް ދެއްކި މީހަކުވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މިކޭސްއާއި ގުޅިގެން ޑައިރެކްޓް ކޮންޓެކްޓުން ގޮތުގައި 381 މީހެއްގެ ސާމްޕަލްވަނީ ނަގާފައެވެ. މީގެތެރެއިން މިހާތަނަށް 41 މީހަކު މިބައްޔަށް ޕޮޒިޓިވް ވެފަވާއިރު 203 ސާމްޕަލެއް ވަނީ ނެގެޓިވްވެފައެވެ. އަދި 137 ސާމްޕަލެއްގެ ނަތީޖާ ނުލިބޭކަމަށް އެރަށު ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.

އެރަށުން ކޯވިޑްގެ ކޭސްތަކެއް ފެނިފައިވާއިރު، މުޖްތަމައުގައި ބަލިފެތުރިފައިވާ މިންވަރު ބެލުމަށް އިއްޔެ ރޭ އެރަށުން ވަނީ ރެންޑަމް ސާންޕަލްގެ ގޮތުގައި 34 ސާމްޕަލެއް ނަގާފައެވެ. އެސާމްޕަލްތަކުގެ ނަތީޖާ އަދި ލިބިފަ ނުވާކަމަށް އެހޮސްޕިޓަލުން ވަނީ ބުނެފައެވެ. އަދި އެރަށުން ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ސްކޫލް ދަރިވަރުންނާއި ކުޑަކުދިންނާއި ހައިރިސްކު މީހުންވެސް ހިމެނެއެވެ. މީގެއިތުރުން އެރަށުން ޕޮޒިޓިވްވި މީހުން ތެރެއިން 2 މީހަކު ވަނީ އިތުރު ފަރުވާއަށް ށ. އަތޮޅު ހޮސްޕިޓަލްގައި ހުންނަ ޒޯން 1 ކޯވިޑް ފެސިލިޓީއަށް ބަދަލުކޮށްފައެވެ.

ދިއްދޫއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެއަދަދު ދުވަހެއް ދުވަހަކަށް މައްޗައް ދިއުމާ ގުޅިގެން ކައުންސިލް އިދާރާއިން ވަނީ އެރަށުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފައެވެ. އެގޮތުން މަގުމަތީގައި އާއި އަދިވެސް އެހެން މީހުން އެއްވާ ތަންތަނުގަ އެއްވަގުތެއްގައި 3 މީހުންނަށް ވުރެ ގިނައިން ނުކުމެ ނޫޅުމަށާއި، އެއްގެއިން އަނެއްގެއަށް ޒިޔާރަށް ނުކުރުމަށާއި، ރޯގާގެ އެއްވެސް އަލާމަތެއްހުރި އެއްވެސް ފަރާތެއް މިސްކިތަށާއި މީހުން އެއްވާ ތަންތަނަށް ނުދިޔުމަށް އަންގާފައެވެ. އަދި ފިހާރަ / ރެސްޓޯރެންޓުފަދަ ތަންތަނުން އެއްފަހަރާ ވަދެވޭނެ އަދަދެއް ކަނޑައަޅާ ޚިދުމަތް ދިނުމުގަ ގައިދުރުކަން ބެހެއްޓޭނެ ގޮތަކަށް އިންތިޒާމް ހަމަޖައްސާ ފިހާރަތައް ހެދުނު 9:00 ހަވީރު 4:00 ހުޅުވާފައި ބެހެެއްޓުމާއި ހޮޓާ ރެސްޓޯރެންޓު ފަދަ ތަންތަން ހަވީރު 6:00 ރޭގަނޑު 12:00 ހުޅުވާފަ ބެހެެއްޓުމާއި އެހެން ގަޑިތަކުގަ ޑެލިވަރީގެ ޚިދުމަށް ދިނުމަވެސް ކައުންސިލުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

މީގެ އިތުރުން ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 9:30 އިން ހެނދުނު 8:00 ހުއްދަ ދީފައިވާ އެއްގަމު އުޅަނދުތައް ފިޔަވައި އެހެން އުޅަނދުތައް ދުއްވުން ހުއްޓާލުމާއި، އަދި އެޗް.ޕީ.އޭގެ އުސޫލްތަކާ އެއްގޮތަށް ޓެކްސީގެ ޚިދުމަށް ދިނުމަށާއި، އަދި ކޯވިޑް ބަލި ރައްޔިތުންގެ މެދުގައި ފެތުރުމުގެ ފުރުސަތު ބޮޑުވެފައިވާތީ، އެކަމަށް ރައްޔިތުން ސަމާލްވުމަށާއި ގިނަގިނައިން އަތް ދޮވުމާއި އާއްމު ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަށްވެސް އެކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.