މާލެ ސަރަޙައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތުތަކުގައި ކުރިން ފުލުހުން ދޫކޮށްފައިވާ ދާއިމީ ފާސްތައް ބޭނުން ކުރެވޭނެކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މާލެ ސަރަޙައްދުގައި ކޯވިޑް ފެތުރުން އިތުރުވަމުން އައުމާއި ގުޅިގެން ބަލި ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުން ރެއިން ފެށިގެން މިމަހުގެ 15ގެ ނިޔަލަށް ރޭގަނޑު 12:00 އިން ފަތިހު 4:00 އަށް އެއްގަމު އުޅަނދު ދުއްވުން މަނާވާނެއެވެ.
ފުލުހުން ވިދާޅުވީ އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑިތަކުގައި އެންމެ ފަހުން ހިންގި ކާފިއުގައި ބޭނުންކުރުމަށް ފުލުހުން ދޫކޮށްފައިވާ ދާއިމީ ފާސްތައް އެ އިދާރާއިން ވަކި ގޮތެއް އަންގަންދެން ބޭނުން ކުރަމުން ގެންދެވޭނެކަމަށެވެ. އަދި
ވެހިކަލް ދުއްވުން މަނާ ގަޑިތަކުގައި އޮފީސްތަކާއި ޑިއުޓީތަކަށް ނުކުންނަން ޖެހޭ ފަރާތްތަކަށް Police.gov.mv/permit މެދުވެރިކޮށް ހުއްދައަށް އެދެވޭނެކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ ޑިއުޓީ ކުރާ ފަރާތްތަކަށް ކުރިން ހިންގި ކާފިއުގައި ފާހެއް ދޫކޮށްފައިވާނަމަ އެފާސް ވެސް ބޭނުން ކުރެވޭނެކަމަށެވެ. އަދި އެ ނޫން ފަރާތްތަކުން ޑިއުޓީއަށް ފާސް ހޯދުމަށް އެ މުވައްޒަފެއް މަސައްކަތް ކުރާ އޮފީހަކުން އެދެވޭނެ އިންތިޒާމްތައް ހަމަ ޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
ފުލުހުންވަނީ ކޯވިޑުން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އަންގާފައިވާ އެންގުން ތަންފީޒް ކުރުމަށް އެ އިދާރާއިން ހާއްސަ މަސައްކަތްތަކެއް ކުރަމުން ގެންދާނެކަމަށެވެ.
ކޯވިޑް ފެތުރުން އިތުރުވުމާ ގުޅިގެން އެޗްޕީއޭއިން ވަނީ އެކި ފަހަރުމަތިން މާލެ ސަރަހައްދުގައި ކާފިއު ހިންގާފައެވެ. މިގޮތުން އެންމެ ފަހުން ކާފިއު ހިންގާފައިވަނީ މިދިޔަ ފެބްރުއަރީމަހުގައެވެ. އެ ފަހަރު ކާފިއު އިއުލާންކުރީ ރޭގަނޑު 11އިން ފެށިގެން ފަތިހު 4:30 ށެވެ. އަދި ރޭގަނޑު 08:30 އިން ފެށިގެން ފަތިހު 04:30އަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުމަކީވެސް މަނާ ކަމެއްގެ ގޮތުގައި ކަނޑައެޅިއެވެ. މި ފިޔަވަޅު އުވާލާ ލުއިތަކެއް ދީފައިވަނީ މިދިޔަ މަހުގައެވެ.
ކޯވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދިނުމުން މާލެ ސަރަޙައްދު އަނެއްކާވެސް ހަލަބޮލިވިއެވެ. އެއާއި އެކު މިވަނީ ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން އައިސް މިއަދަދު މިވަނީ 600 ހުރަސްކޮށްފައެވެ. އަދި މިބަލީގައި ފަރުވާ ދޭންޖެހޭ މީހުންގެ އަދަދު އިތުރުވެ ހޮސްޕިޓަލަތަކުގެ އައިސީޔޫތައް ފުރިފައިވާކަމުގެ އިންޒާރު ސިއްޙީ މާހިރުން މިވަނީ ދީފައެވެ. އަދި މިބަލީގައި މިވަގުތުވެސް ސީރިއަސް ހާލަތުގައި ފަރުވާދެމުން އަންނަ ބަލި މީހުންވެސް އެެބަތިއްބެވެ. މި ބަލީގެ މީހުން މާލޭގެ އިތުރުން ރަށްތަކުންވެސް އަންނަނީ ފެންނަމުންނެވެ. މިވަގުތުވެސް ޕޮޒިޓިވް ކޭސްތައް ފެންނަ އަދަދު އިތުރުވަމުން އަންނަ 27 ރަށެއް އޮތީ މޮނީޓަރިންގެ ހާލަތުގައި އަރާ ފޭބުން މަނާކޮށްފައެވެ.
ބަލި ކޮންޓްރޯލްކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އަޅާފައިވާ ފިޔަވަޅުތައް އަނެއްކާވެސް މިވަނީ ވަރުގަދަކޮށްފައެވެ. އެގޮތުން މިއަދުން ފެށިގެން ޕާކުތަކާއި މައިޒާންތަކާއި، ކުޅިވަރު ކުޅޭ ތަންތަނާއި، ދުވާ ޓްރެކްތަކާއި، ސްވިމިންގ ޓްރެކްތައްވެސް މިވަނީ އަނެއްކާވެސް ބަންދުކޮށްފައެވެ. މީގެ އިތުރަށް ހުއްދަޔާއެކު ޒަރޫރީ ބޭނުންތަކަށް ފިޔަވާ މީހުން ދިރިއުޅޭ ރަށްރަށާއި ސިނާއީ މަސައްކަތްތައްކުރާ ރަށްރަށަށް ދަތުރުކުރުންވެސް މަނާވާނެއެވެ. އަދި މާލެއިން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް 10 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރަންޖެހޭނެއެވެ. މީގެ އިތުރުން އިންޑިއާއިން ރާއްޖެ އަންނަ ދިވެހިންނާއި، ވޯކް ޕަރމިޓް ހޯލްޑަރުން 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަކޮށް ޕީ.ސީ.އާރް ނެގެޓިވް ޓެސްޓެއް ހަދަންޖެހޭނެގޮތަށްވެސް ކަނޑައަޅާފައިވެއެވެ.